ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މެދު ކެނޑިފައި ނަމަވެސް އެދުވަސް އެގޮތަށް ފާހަގަ ކުރާތާ 59 އަހަރު ފުރުނީ އެވެ. ދުވަހުގެ ހެޔޮ އެދުން އެންމެހާ ދިވެހިންނަށް ފޮނުވަމެވެ.
މިނިވަންކަމަކީ އެކި މީހުންނަށް އެކި ގޮތަށް އިހުސާސްވާ އެއްޗެކެވެ. މާޒީއަށް ބަލާއިރު ރާއްޖޭގެ އެކި ވެރިންނަށް އެކި ގޮތަށް މިނިވަންކަން ސިފަވެފައި ހުރި ތަން ފެންނާން އެބައޮތެވެ. މިހާރު ޖުލައި 26ގައި ފާހަގަކުރާ ރާއްޖޭގެ މިނިވަންކަން ވެސް އެނޫން ދުވަހަކަށް ބަދަލުވެފައިވެ އެވެ. އެކަން ގުޅެނީ އޭރަކު ހުންނަވާ ވެރިޔަކަށް ނުވަތަ ސަރުކާރަކަށް މިނިވަންކަން ތަސައްވަރު ކުރެވޭ ގޮތަކަށެވެ.
ތާރީޚަށް ބަލާއިރު ރާއްޖޭގެ ރަސްކަން ޖުމުހޫރިއްޔަތަކަށް ބަދަލުވެ، އެ ޖުމްހޫރިއްޔަތުގެ ރައީސަކަށް ސުމުއްވުލް އަމީރު މުހައްމަދު އަމީން އިންތިޚާބުވުމާއެކު ވެސް ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމުގެ އުފާ ފާޅުކުރެވުނެވެ. އެ ދުވަސްވަރުގެ ޅެންތަކާއި ލިއުންތަކުން މިކަން ރީތިކޮށް އެނގެ އެވެ. މުހައްމަދު އަމީން، ރާއްޖެ މިނިވަން ގައުމެއްކަމުގައި ނިންމެވީ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމުވުމާއެކު ރާއްޖޭގެ ވެރިކަމަށް އިސްވާ ބޭފުޅަކާ މެދު އިނގިރޭސިންނަށް ބެހެވޭނެ ގޮތެއް ނެތި ދިއުމުންނެވެ. އެކަން އެގޮތަށް ހަމަޖެހުމުގެ ކުރިން ރާއްޖޭގެ ރަސްކަލަކަށް އައްޔަންކުރެވޭ ބޭފުޅަކަށް އިނގިރޭސި ސަރުކާރުގެ ރުހުން އޮންނަން ޖެހެ އެވެ. އޭރު ވެސް ރާއްޖެ އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގަ އެވެ. އެހެން ނަމަވެސް ހިމާޔަތުގެ އެއްބަސްވުމަކީ ނުވަތަ ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަކީ ރާއްޖޭގެ މިނިވަންކަމަކަށް އޮތް މައްސަލައެއް ނޫނެވެ. މައްސަލައަކަށް ނުވުމުގެ އިތުރުން އޭރު ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ވެރިން ދެކެވަޑައިގެންނެވި ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ރައްކާތެރިކަން އޮތީ ވެސް އިނގިރޭސިން ފަދަ ބާރުގަދަ ގައުމެއްގެ ހިމާޔަތުގެ ދަށުގައި އޮވެގެންނެވެ.
އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތުމުން ފުރިހަމަ މިނިވަންކަން ލިބިގެންނުވާ ކަމުގައި ފުރަތަމަ ދެކެވަޑައިގެންނެވި ބޭފުޅަކީ ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހިމް ނާސިރެވެ.
ރައީސް ނާސިރު ރާއްޖޭގެ ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވީ ރާއްޖޭގެ ބައެއް، ސަތޭކަ އަހަރަށް، ފަހުން މިލްކުކުރެވޭގޮތަށް ދޭން ދިވެހި ސަރުކާރުން ނިންމި ނިންމުމަކާ ދެކޮޅަށް އަޑު އުފުއްލެވުމުގެ ތެރެއިންނެވެ. އެ ހަރަކާތުގެ ތެރެއިން ރާއްޖޭގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ނާސިރުގެ އެންމެ ބޮޑު ބޭނުންފުޅަކަށްވެފައި އޮތީ ރާއްޖޭގެ މައްޗަށް އެހެން އެއްވެސް ބައެއްގެ ނުފޫޒު ނުބޭއްވުމެވެ. އިނގިރޭސިންނާއެކު ކުރީގެ ބޮޑު ވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ސޮއިކުރައްވާފައި އެއްބަސްވުމުގެ ބަދަލުގައި އާ އެއްބަސްވުމަކަށް ވަޑައިގެންނެވީ އިނގިރޭސިންނާއެކު ކުރެވުނު އެތަކެއް މަޝްވަރާތަކަކަށް ފަހު އެވެ. 100 އަހަރުގެ ބަދަލުގައި 30 އަހަރަށް އައްޑޫގެ ގަމާއި ހިތަދޫއިން ބައެއް ދެއްވާ ގޮތަށް ނިންމެވި އެވެ. އައްޑޫ މައްސަލައާ ގުޅިގެން އިނގިރޭސިންނާއެކު ކުރެވުނު މުއާމަލާތުގެ ތެރެއިން ރައީސް ނާސިރަށް ފާހަގަކުރެވުނު ކަމަކީ، ހިމާޔަތުގެ އެގްރީމެންޓްގެ ސަބަބުން ރާއްޖޭގައި ފުރިހަމަ މިނިވަންކަން ނެތް ކަމެވެ.
އެހިސާބަށް ކަންތައް ދިޔައީ ރާއްޖޭގެ އެތެރޭގެ ކަނަތަކާ ބެހުމަކީ އިނގިރޭސިންނަށް އެއްވެސް އެއްބަސްވުމަކުން ބާރު ލިބޭކަމެއް ކަމަށް ނުވިޔަސް އެ އެއްބަސްވުމަށް ރިއާޔަތްކޮށް، ދިވެހި ފަސްގަނޑުގައި އިނގިރޭސިންނަށް ބޭނުންކަމެއް ކުރެވިދާނެ ކަމަށް އިނގިރޭސި ސަފީރު ވިދާޅުވުމުންނެވެ. އެ ވާހަކައިގެ ޖަވާބު ވަގުތުން ނާސިރު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވި އެވެ. އިނގިރޭސިން ބޭނުން ގޮތެއް ދިވެހިންނަކަށް ނުހެދޭނެ އެވެ. ހެދޭނެ ކަމަށް ވަންޏާ ދިވެހިންނަށް ވެސް ހެދޭނެ ގޮތްތައް ހުންނާނެ އެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ވަކިވާން ދިވެހިން ބޭނުންވާ ވާހަކަ އިނގިރޭސި ސަރުކާރުން ދައްކަން އެއްބަސްނުވާހާ ހިނަދަކު ދެން އިނގިރޭސި ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އެއްވެސް ވާހަކައެއް ނުދެއްކޭނެ އެވެ.
އެހިސާބުން އެ ވާހަކަ ކުރުކުށްލެއްވުމަށްފަހު ނާސިރު އިނގިރޭސިންނާ އެކު ފެށްޓެވީ ހިމާޔަތުގެ އެގްރިމެންޓް ބާތިލުކުރެވުމުގެ ވާހަކަ އެވެ. އެ ވާހަތައް ނިމި، އެއްބަސްވުމެއްގައި ސޮއިކުރެވުނު ދުވަހަކީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި އެދުވަސް ފާހަގަ ކުރަން ފެށީ އެދުވަހަކީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަސް ކަމުގައި އޭރުގެ ނާސިރު ގަބޫލުކުރެއްވުމުންނެވެ.
ޖުލައި މަހުގެ 26، 1965 އަކީ ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށް ބަލައި އެދުވަސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރުން ނާސިރުގެ ވެރިކަމުގައި މާގިނަ ދުވަހަކަށް ދެމިއެއް ނެތެވެ. 1976 ވަނަ އަހަރު އައްޑު އަތޮޅު ގަމުން އިނގިރޭސިން ފައިބައިގެން ދިއުމުން އެދުވަހަކީ ރާއްޖެއަށް ހަގީގީ މިނިވަންކަން ލިބުނު ދުވަސްކަމުގައި ގަބޫލުކުރައްވައި މިނިވަން ދުވަހަކީ މާޗް 29 ކަމަށް ނާސިރު ހަމަޖެއްސެވި އެވެ.
މާޗް 29 ގައި މިނިވަން ދުވަސް ފާހަގަ ކުރުން ބަދަލުކުރައްވައި އަލުން ޖުލައި 26 ގައި ފާހަގަ ކުރާ ގޮތަށް ހަމަ ޖެއްސެވީ ރައީސް ނާސިރަށްފަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ.
ރާއްޖޭގެ މިނިވަންދުވަސް އެކި ޒަމާންތަކުގައި ފާހަގަ ކުރެވެމުން އަންނަ ގޮތަށް ބަލާއިރު އެދުވަސް ގުޅިފައި އޮތީ އޭރަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް މިނިވަންކަން މާނަ ކުރެވުނު ގޮތެއްގެ މައްޗަށެވެ. "ހަގީގީ މިނިވަންކަން" މި ބަހަކީ އެކި މީހުނަށް އެކި މިންވަރަށް އެކި ގޮތްގޮތަށް މާނަ ކުރެވިދާނެ ވަރަށް މާނަ ފުން ބަހެކެވެ. އެބަހުގެ މާނައަށް ބަލައިގެން މިނިވަން ކަން ކަނޑައަޅާ ކަމަށް ވާނަމަ ހަގީގީ މިނިވަން ގައުމެއް ދުނިޔޭގައި ނުވެސް އޮންނާނެ އެވެ.
ދިވެހިންނަކީ ގަދީމީ ޒަމާނުއްސުރެ އަމިއްލަ ވެރިކަން ކުރަމުން އަންނަ މިނިވަން ގައުމެކެވެ. ގައުމުގެ މިނިވަންކަން ގެއްލުނީ ތާރީޚު އެނގޭ ގޮތުގައި ދެފަހަރަކު އެވެ. އިނގިރޭސިން އަޅުވެތި ކުރި ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެއެއް ނުހިމެނެ އެވެ. އެހެންކަމުން ހިމާޔަތުގެ އެއްބަސްވުން ނިމުމަކީ ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުން ކަމުގައި ބެލުމުގެ ބޭނުމެއް ނެތެވެ. ރާއްޖެއަކީ އޭރުވެސް މިނިވަން ރާއްޖެ އެކެވެ. ޖުލައި 26 އަކީ ރާއްޖޭގެ މިނިވަން ދުވަހެއް ނޫނެވެ.
މިނިވަންކަމުގެ އުފަލެއް ނުލިބޭ ކަރަންޓް ބިލް ފެންބިލް އަލުގަނޑުމެން އަތުން ނުހައްގުން ފެލާލީ އުލެން މިޖެހެނީ އަމިއްލަ ގައުމުގައި ވެރިންގެ އަޅުވެތިކަމުގެ ދަށުގައި..
ލިޔުންތެރިޔާ ހިޔާލުއަށް އެއް ބަހެވެ. ރާއްޖެ ތާރީޚީ ލިޔުންތައް ކިޔާ، ހޯދާ، ބަލާލުމުން އިތުރަށް ބާރު ލިބެ އެެވެ.
އިނގިރޭސި ވިލާތުގެ ޕާސްޕޯޓް އޮންނަ، އިނގިރޭސި ވިލާތުގައި ދިރިއުޅޭ މީހެއްގެ ލިއުމެއްވީމަ ލިއުން ވަރަށް ފައްކާ.
ސަމީރު ފިއެވައި މުޅި ދިވެހި އުންމަތަށް ޖުލައި 26 މިއަދަކީ މިނވަން ދުވަސް
އޭރަކު ހުންނަ ވެރިޔަކަށް ފެންނަ ބީދައިން ތިވެސް ހަމަ ކަލެޔަށް ފެންނަ ގޮތެވެ. ކަލެޔަކަށް 26 އަކީ މިނިވަން ދުވަސް ކަމުގަ ބުނުމުގެ އެއްވެސް ޙައްގެއް ނެތެވެ..