ރެސްޓޯރެންޓެއް ހިންގާ ނީލް ވޭން ބިއާސް އާއި އޭނާގެ ބައިވެރިޔާ ޗާމައިން ސަންޗޭޒް އަކީ ކެނެޑާއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ މީހުން މި ވަނީ އަހަރު ދުވަސް ވަންދެން ލަގްޒަރީ ރިސޯޓެއްގައި ދިރިއުޅުމުގެ ހުވަފެން ހަގީގަތަކަށް ހަދާފަ އެވެ.

ދަތުރުކުރާނެ ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހުންނަށް ފެނުނީ އަނަންތަރާ ވެލި ރިސޯޓްގެ ލޯންގް-ސްޓޭ ޕެކޭޖެވެ. މި ޕެކޭޖަކީ ދިގު މުއްދަތަށް ރިސޯޓުގައި ތިބެން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން، 30،000 ޑޮލަރަށް (462،600 ރުފިޔާ) އަށް އެއް އަހަރު ދުވަހާ ހަމައަށް މަޑުކުރެވޭ ޕެކޭޖެކެވެ. މީގެ ތެރޭގައި ކޮޓަރިއާއި ކޮންމެ ދުވަހަކު ހިލޭ ނާސްތާއާއި ދަތުރުފަތުރު ވެސް ހަމަޖެހިފައި އޮންނާނެ އެވެ.

އަނަންތަރާ ވެލި ރިސޯޓް/ ފޮޓޯ: ނީލް ވޭން ބިއާސް

ރިސޯޓުގައި އެ ދެމީހުން ދިރިއުޅެމުން އަންނަނީ ވަރަށް ހިތްފަސޭހަ ދިރިއުޅުމެކެވެ. އޮންލައިން މީޓިންތަކުގެ ދެމެދުގައި ސަން ޓޭން ކޮށްލާ ސްނޯކްލިން އަށް ގޮސް އުޅުމަކީ މިހާރު އެމީހުންގެ ދުވަހީ ތާވަލުގެ ބައެކެވެ.

"އިންސައިޑާ" އަށް ދިން އިންޓަވިއުއެއްގައި ވޭން ބިއާސް ބުނީ މިއީ ދިރިއުޅުމުގައި ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ކަމަށެވެ.

ވޭން ބިއާސް އާއި އޭނާގެ ބައިވެރިޔާ ރާއްޖެ އައީ 2020 ވަނަ އަހަރުގެ ޑިސެމްބަރު ގަ އެވެ. ޓޫރިސްޓުންނަށް ވުމުން އެ މީހުންނަށް އަނބުރާ ދާން ނުޖެހި 90 ދުވަހާ ހަމައަށް ރާއްޖޭގައި ތިބެވޭނެ އެވެ. އެއަށް ފަހު ޖެހޭނީ ރާއްޖެއިން ބޭރަށް ދިއުމަށްފަހު އަނެއްކާ ވެސް އެނބުރި އަންނާށެވެ. އެ ދެމީހުން ޕްލޭންކޮށްފައި އޮތީ ވެސް އެގޮތަށެވެ. މި އަހަރުގެ ޑިސެމްބަރު 23 އާ ހަމައަށް އެ މީހުން ނެގި ޕެކޭޖް ދެމި އޮންނާނެ އެވެ.

ބޭރުން އަންނަ ޓޫރިސްޓުން ރާއްޖެއަށް އެތެރެވުމުގެ 24 ގަޑިއިރު ކުރިން ކޮންފާމް ހޮޓެލް ރިޒަވޭޝަންއަކާ ހެލްތް ފޯމެއް ހުށަހަޅަން ޖެހެ އެވެ. އަދި މީގެ އިތުރުން 96 ގަޑިއިރު ނުވާ ނެގެޓިވް ކޮވިޑް-19 ޕީސިއާރް ޓެސްޓް ސެޓްފިކެޓެއް ވެސް ހުށައަޅަން ޖެހެ އެވެ.