ގައުމުތަކުގެ ދިފާއީ އަދި ނިއުކްލިއާ ވެބްސައިޓްތައް ހެކްކޮށް ސިއްރު މައުލޫމާތު ލީކުކުރާ ހެކަރުންތަކެއް ހޯދުމުގައި އެހީވި މީހަކަށް އެމެރިކާގެ ސަރުކާރުން 7.7 މިލިއަން އެމެރިކާ ޑޮލަރު ހުށައަޅައިފި އެވެ.

އެމެރިކާއާއި ދެކުނު ކޮރެއާގެ ސަރުކާރު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުތުރު ކޮރެއާއިން ވާގިދޭ ހެކަރުންގެ ގްރޫޕަކުން ގައުމުތަކުގެ ދާޚިލީ މައުލޫމާތުތައް އެއްކޮށް ލީކު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ބަޔާނުގައި އެ ގްރޫޕްގެ ލީޑަރު ރިމް ޖޮންގް ޔުކް ނުވަތަ އެ ނޫން ވެސް މެމްބަރަކު ހޯދައި ހައްޔަރު ކުރަން އެހީވެދިން މީހަކަށް 7.7 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައިވެ އެވެ.

އެއާއެކު ދިފާއީ އިދާރާތަކާއި ދާހިލީ އިދާރާތަކުގެ ވެބްސައިޓުތައް ގެންގުޅުމުގައި އިތުރަށް ސަމާލުވުމަށް އެ ދެ ގައުމުން އެހެން ގައުމުތަކަށް ގޮވާލާފައިވެ އެވެ.

"އެންޑަރިލް" ނަމަކަށް ކިޔާ އެ ގްރޫޕްއަކީ އޮންލައިން ކުށްތައް ކުރުމުގައި ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ގުރޫޕަށްވާއިރު މިހާތަނަށް ވެސް އެ ގްރޫޕުން ވަނީ ގައުމުތަކުގެ ގިނަ ވެބްސައިޓްތަކެއް ހެކް ކޮށްފަ އެވެ.