އެމެރިކާގައި ޖޯންސަން އެންޑް ޖޯންސަންގެ ފުރަތަމަ ޑޯޒު މިއަދު ޖަހަން ފަށާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އެމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިންއަށް ދިނީ ދާދި ފަހުންނެވެ. ލަފާކުރެވޭ ގޮތުގައި މި ހަފްތާ ތެރޭގައި އެ ވެކްސިނުގެ ހަތަރު މިލިއަން ޑޯޒު ފޯރުކޮށްދޭނެ އެވެ.

ނަމަވެސް އޮފިޝަލުން ބުނާގޮތުގައި މި މަސްތެރޭގައި ވެކްސިން ޑެލިވަކުރުން އެއްވަރެއްގައި އެ ކުންފުންޏަކަށް ނުހިފަހެއްޓޭނެ އެވެ.

މިމަހުގެ ނިޔަލަށް ޖޯންސަން އެން ޖޯންސަން އިން 20 މިނިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އަންނަ ހޫނު މޫސުމާ ހަމައަށް 100 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ޖަހަން ހަމަޖެހިފައިވަނީ އެންމެ ޑޯޒެކެވެ. މިއާ ހިލާފަށް ފައިޒާ-ބަޔޯއެންޓެއް އަދި މޮޑާނާގެ ވެކްސިންގެ ދެ ޑޯޒް ތިން ހަފްތާއާ ހަތަރު ހަފްތާގެ ދުރުމިނުގައި ޖަހަން ޖެހެ އެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ޑިޒީސެސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވީ މި ތިން ވެކްސިނަކީ ވެސް އޭގެއިން ކުރާ އަސަރު ވަރަށް ރަނގަޅު ވެކްސިންތަކެއް ކަމަށެވެ. އެހެންކަމުން، ޑރ. ފައުޗީ ވަނީ ލިބުނު ކޮންމެ ވެކްސިނެއް ޖެހުމަށް ނަސޭހަތްތެރި ވެފަ އެވެ.