ދުބާއީ (1 މާޗް) - ރަޝިއާއިން ސޫދާނުގައި ނޭވަލް ބޭސް އެއް ހެދުމުގެ އެއްބަސްވުމެއް ގާއިމްކުރި ފަހުން ފުރަތަމަ ފަހަރަށް ރަޝިއާގެ ހަނގުރާމަ މަތީ މަނަވަރެއް ސޫދާނަށް ހިނގައްޖެ އެވެ.

ރަޝިއާގެ އެޑްމިރަލް ގްރިގްރޯވިޗް ސޫދާނުގެ ޕޯޓަށް ވަދެފައިވަނީ އާދީއްތަ ދުވަހު އެވެ. ރަޝިއާއިން ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ސޫދާނުގެ ސަރުކާރާއެކު އަސްކަރީ ބޭސް އެއް އެޅުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން މި މިލިޓަރީ ބޭސްގައި ރަޝިއާގެ މަނަވަރުތަކަށް ލޮޖިސްޓިކަލް ސަޕޯޓްދިނުމަށާއި، އަސްކަރީ މަނަވަރުތަކުގެ މަރާމާތާއި، އަދި ސިފައިންނަށް އެކޮމޮޑޭޝަން ހަމަޖެއްސުމުގެ ކަންކަމް ހިމެނެ އެވެ.

މި ބޭސް ގައި ސިފައިންނާއި އާންމުން ހިމެނޭ ގޮތަށް 300 މީހުންނަށް އެއް ފަހަރާ ހިދުމަތް ދެވޭނެ ކަމަށް މޮސްކޯއިން ބުނެފަ އެވެ. އަދި މީގެ އިތުރުން މި ބޭސްގެ އެއްފަހަރާ ހަތަރު މަނަވަރު (ނިއުކްލިއާ މަނަވަރު ހިމެނޭ ގޮތަށް ) މަރާމާތާއި އެހެނިހެން އަސްކަރީ ބޭނުންތަކަށް ޑޮކް ކުރެވޭނެ އެވެ. ރަޝިޔާއިން ބުނީ މި އެއްބަސްވުން ގާއިމްކުރެވުނީ 25 އަހަރުގެ މުއްދަތަކަށެވެ.

މި އެއްބަސްވުމުގެ ދަށުން ރަޝިޔާގެ ބޭނުންތަކަށް މި ބޭސްގައި ހަތިޔާރާއި، ވަޒަން އަދި އެހެނިހެން އަސްކަރީ މެޝިނަރީ އެއްތަނުން އަނެއް ތަނަށް އުފުލުމާ ބޭނުންކުރުމުގެ ހުއްދަ ރަޝިއާއަށް ލިބިގެން ދާނެ އެވެ.

ރަޝިޔާއިން ދަނީ އެގައުމުގެ ބާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އެފްރިކާގެ ގައުމުތަކާއި ހާއްސަކޮށް އެފްރިކާގެ ސަރަހައްދަށް އަމާޒުކޮށްގެން ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދާކަން ފާހަގަކުރެވެ އެވެ.