ނިމިގެންދިޔަ އޮލިމްޕިކްސް މުބާރާތުގެ އަންހެން ބޮކްސިން އިވެންޓުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް ބުނެ ގިނަ ބައެއްގެ ފުރައްސާރަ އަމާޒުވި އަލްޖީރިއާގެ އިމާން ޚަލިފް އެކްސްއާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.
މީގެ ދެ ދުވަސް ކުރިން އީމާން ޕެރިސްގެ ކޯޓެއްގައި އިމާން ޖެއްސި އެ މައްސަލައިގައި ބުނެފައިވަނީ އެކްސްއިން އޭނާއާ ދެކޮޅަށް ނަފްރަތު އުފައްދަން ހިތްވަރު ދީފައިވާ ކަމަށެވެ. ފާއިތުވެ ދިޔަ ހަފްތާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އީމާންއާ ދެކޮޅަށް އެކްސް މެދުވެރިކޮށް ޝުއޫރު ފާޅުކޮށް އޭނާ މުބާރާތުން ވަކިކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
އީމާންއާ ދެކޮޅަށް ނަފްރަތުގެ ޝުއޫރުތައް ފާޅުކުރަން ފެށުނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އިޓަލީގެ ކުޅުންތެރިޔަކާ ބައްދަލުކުރި މެޗެއްގެ ފުރަތަމަ 46 ސިކުންތު ތެރޭގައި އެ ކުޅުންތެރިޔާ މެޗު ދޫކޮށް ދިއުމުންނެވެ.
އެއަށްފަހު އީމާންއަކީ އެ ކެޓެގަރީގައި ބައިވެރިވި އެހެން އަންހެން އެތުލީޓުންނާ އަޅާބަލާއިރު ނާޖާއިޒު ފައިދާއެއް ލިބިފައިވާ ކުޅުންތެރިއެއް ކަމަށް އެމީހުން ބުންޏެވެ.
އެ ނަފްރަތުގެ ސަބަބަކަށްވީ ފިރިހެނުންގެ ހަށިގަނޑުން ފެންނަ ޓެސްޓެރޯން ހޯމޯން އީމާންގެ ހަށިގަނޑުގައި ވެސް ގިނަ އަދަދަކަށް ފެނިފައިވުމެވެ.
އެ ހާދިސާއަށް ފަހު އީމާން ވަނީ ޗައިނާގެ ކުޅުންތެރިޔަކާ ވާދަކޮށް އޭނާގެ ކެޓެގަރީއިން ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.