މިހާރު މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލެގ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ.
މިއަދު ހެނދުނުން ފެށިގެން މާލެއަށް ވާރޭ ވެހެމުންދާއިރު މާލޭގެ ބޮޑު ބައެއް ވަނީ ފެނުގެ އަޑީގަ އެވެ. އެހެންކަމުން ފެން ހިނދުމުގެ މަސައްކަތް އެމްއެންޑީއެފްއިން މިހާރު އަންނަނީ ކުރަމުންނެވެ.
މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައިވާއިރު، މެޑް އޮފީހުން ވަނީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ ސަލާމަތީ ކަންކަމަށް އިސްކަންދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ސިފައިންގެ އިތުރުން ފުލުހުންވެސް ވަނީ މިހާރު ކުރަމުންދާ ވިއްސާރާގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިކުމެފަ އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ބޯކޮށް ވާރޭވެހި، މާލެ އާއި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަންނަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެހެންވެ، ފެން ހިންދުމުގެ މަސައްކަތުގައި ފުލުހުން ބައިވެރިވެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ ހއ. ކެލައަށް 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އުތުރުގެ ރަށްރަށަށް ވެސް ބޯކޮށް ވާރޭވެހި ގިނަ ރަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
ކުރިއަށްއޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މީގެއިތުރުން ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި27 މޭލަށެވެ. އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު އެބައޮތްކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށް އެ އިދާރައިން ވަނީ ލަފާކުރައްވާފަ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުމުގެ ފުރުސަތު އޮތްކަމަށްވެސް ވަނީ ބުނެފަ އެވެ.