"ވަގުތު" ނޫސް މާލީ ހާލަތު ދަށްވެ، ހުއްޓާލަން ޖެހިދާނެކަމަށް ބުނެފި އެވެ.

"ވަގުތު" ނޫހުން އެ ނޫހުގެ މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ "ވަގުތު" އަށް ސަރުކާރު ކުންފުނިތަކުން ލިބެންޖެހޭ ސްޕޮންސާގެ ފައިސާ ނުލިބި، އަދި ޕްރައިވެޓް ކުންފުނިތަކުން އެންމެ ބޮޑު ސްޕޮންސާ ދޭ 5 ތަނެއްގެ ސްޕޮންސާ ހުއްޓާލާފައިވާތީ، "ވަގުތު"ގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

ނުލިބިހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ވެސް އެ ސީޓީގައި ބުނެފައިވެ އެވެ. އޭގެ އިތުރުން މިދިޔަ މަހުގެ މުސާރަ ވެސް މުވައްޒަފުންނަށް ނުދެވޭކަން ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން މި މަހުގެ ނިޔަލަށް މިކަމަށް އަލި މަގެއް ނުފެނިއްޖެނަމަ "ވަގުތު" ހުއްޓާލަން އެ ނޫހުގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"ވަގުތު" ގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް ބުނެފައި ވަނީ ނޫސް ހުއްޓާލަން ޖެހުނަސް، ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"ވަގުތު" ނޫހަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މިހާރުގެ ސަރުކާރު ޕްރޮމޯޓްކުރުމުގައި އިސްދައުރެެއް އަދާކުރި ނޫހެކެވެ.