ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާ "ފުލުސް ބޯޑު"ގެ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ހާމިދު ފުލުހުންގެ ބޯޑަށް އައްޔަން ކުރަން ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑއިގެންނެވި ނުވަ މެމްބަރުންގެ ވޯޓުންނެވެ.

ހާމިދަކީ ހދ. ހޮނޑައިދޫން ބަނގުރަލާއެކު ހައްޔަރު ކުރުމަށްފަހު، އޭނާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާ ތަކެތި ދޭން އެންގުމުން އެކަމަށް އިންކާރު ކުރި މީހެކެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލި އެވެ. ނަމަވެސް ހުކުމާ ހިސާބަށް ގޮސްފައި ވަނިކޮށް ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ހާމިދު ފުލުހުންގެ ބޯޑަށް އައްޔަން ކުރަން ފާސްކުރީ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ ބައެއް ބޭފުޅުން ވެސް އެ މަގާމަށް ކުރިމަތިލައްވާފައި ވަނިކޮށެވެ. އެއިން އެއްވެސް ބޭފުޅެއްގެ ނަމެއް ފާހެއް ނުވި އެވެ.

ހާމިދަކީ ފުލުހުންނަށާއި ކޯޓަށް ފިލައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެފައިވާ މީހެކެވެ. އޭރު އޭނާއެކަން ކުރީ މަޖިލީހުގެ އޭރުގެ ރައީސް އަދި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބާރުގެ ދަށުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މީހެއް ކަމުގައިވާ ހާމިދަކީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އެއްބަފާ ބޭބެ އެވެ.