ފަޒުލާ ފޯނު ނެގިއެވެ. ކަންފަތުގައި ޖެހުނީ ބިޝާރާގެ އަޑެވެ. އެ އަޑުގައި ހުރީ ކަންބޮޑުވުމާއި ހާސްކަން އެކުލެވިފައެވެ.

“ވަރަށް ސަކަރާތްވެގެން މި އުޅެނީ.” ބިޝާރާއަށް ފުރަތަމަ ވެސް ބުނެވުނީ މިހެންނެވެ.

“ކިހިނެއްވީ؟” ފަޒުލާއަށް އަވަސް އަވަހަށް އަހައިލެވުނެވެ.

“ބައްޕަގެ ފުރެންޑަކު ޕޮޒިޓިވްވެގެން މި އުޅެނީ.”

“އަސްލު ވެސް؟”

“އެއެއް ނޫން މައްސަލައަކީ. ބައްޕައަކީ ޑައިރެކްޓް ކޮންޓެކްޓެއް.”

“އަޅެ! ހުވާތަ؟” ފަޒުލާއަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. ހިތް ތެޅިގަތެވެ. “އެކަމަކު ކީއްވެ ޑައިރެކްޓް ކޮންޓެކްޓަކަށް ވާންވީ؟ ބައްޕަ ބޭރަށް ދަނީތަ؟” ބިޝާރާގެ މަންމައާއި ބައްޕައަކީ ފަޒުލާގެ ވެސް ވަރަށް ގާތް ބަޔެކެވެ. މައިން ބަފައިން ކަހަލަ ބަޔެކެވެ.

“އާނ! ސިގިރެޓް ބޯން ވަރަށް ގިނައިން ނިކުންނާނެ. އެހެން ނިކުމެ ހުރި އިރު، ބައްޕައާ ވާހަކަ ދެއްކި މީހަކު ޕޮޒިޓިވްވެގެން އެ އުޅެނީ.”

“ބުނެބަލަ ސިގިރެޓް ނުބޯށޭ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް މި ބަލީގެ ނުރައްކާ މާ ބޮޑޯ.”

“ކިހައި ވަރަކަށް ބުނާނީ. އަދި ނިކުމެ ހުންނާނީ ވެސް މާސްކު ތިރިކޮށްލައިގެން. ނޭނގެ ދެން ހަދާނެ ގޮތެއް ވެސް.”

“ދެން މަންމަ ކޮބާ؟”

“އެބަ އިން އަހަރެންގެ ކޮޓަރީގަ. ރޮނީ އިނދެގެން.”

“ބައްޕަޔޯ؟”

“ބައްޕަ އިނީ ބައްޕަގެ ކޮޓަރީގަ.”

“މިހާރު ސާމްޕަލް ނަގައިފިތަ؟”

“އަދި ނުނަގާ! ވަކިން ކޮޓަރީގަ އިންނަން އެންގީ. ނޭނގެ ދެން ހަދާނެ ގޮތެއް ވެސް. ވަރަށް ބިރުގަނޭ އެބަ. ހުން އައިސްފައި ހުންނަހެން ވެސް މިހާރު އެބަ ހީވޭ!”

“ގޯސްކޮށް ނުވިސްނާ! އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ!”

ބިޝާރާއަށް ހިތްވަރުދިނުމަށް ޓަކައި އެތައް ވާހަކައެއް ދައްކަން ފަޒުލާއަށް ޖެހުނެވެ. އެހެންނަމަވެސް އޭނާ ފޯނު ބޭއްވީ ހަމަޖެހިފައި އިނދެގެނެއް ނޫނެވެ. ކަންބޮޑުވުމުގެ ތެރޭގައި އިނދެގެންނެވެ. ކަންބޮޑުވެފައި އިންވަރުން ފިޒާލުގެ ވާހަކަ ވެސް އޭނާ ނޭހިއެވެ. އެ ކަހަލަ ޚިޔާލެއް ނުވެސް އައީ ކަންނޭނގެއެވެ.

ފޯނު ބާއްވާފައި ފަޒުލާއަށް އޮވެވުނީ، ބިޝާރާގެ އާއިލާގެ ހާލަތާމެދު ފިކުރުކުރާށެވެ. މިއަދަކީ އެ އާއިލާއަށް ވަރަށް ހިތްދަތި ދުވަހެކެވެ. ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހިފައިވާ ދުވަހެކެވެ. އެ މީހުންނަށް ދެން ހަމަޖެހުމެއް ލިބޭނީ ބައްޕަގެ ސުންކު ނަގައި، ނައްސިވެއްޖެ ނަމައެވެ. ފައްސިވެއްޖެ ނަމަ، އެ ކުޑަކުޑަ އާއިލާގެ ބޯމައްޗަށް ވަރުގަދަ ރާޅެއް ބިންދައިލާނެއެވެ. އިރާދަކުރެއްވިއްޔާ، އެ ފަދަ ގޮތެއް މިންވަރެއް ނުކުރައްވާނެއެވެ.

އެ ދުވަހު ފަޒުލާއަށް ހުރެވެނީ ފާޑަކަށެވެ. އަބަދުވެސް ވިސްނެނީ، ބިޝާރާއާ ދޭތެރޭގައެވެ. އޭނާގެ އާއިލާގެ ހާލަތާމެދުގައެވެ. ބިޝާރާއަށް ގުޅާލައި، މިހާރުގެ ހާލަތު އަހައި އޮޅުންފިލުވައިލަން ބޭނުންވެއެވެ. އެހެންނަމަވެސް ނުކެރެއެވެ. ލިބޭނީ ކޮން ޖަވާބެއްކަން ނޭނގޭތީއެވެ. އަނެއްކޮޅުން މީހެއްގާތުގައި އެ ވާހަކަ ދެއްކޭކަށް ވެސް ނެތެވެ. އެއްވެސް މީހެއްގާތު ނުބުނަން ބިޝާރާ އެދިފައި އޮތީމައެވެ. ކޮވިޑް ޖެހޭ މީހުންނާމެދު ގިނަ ދިވެހިން ދެކޭގޮތް އެހައި ރަނގަޅު ނޫންކަން އެނގޭތީއެވެ.

ކޮވިޑުގެ ހާސްކަން އޮތީ ހަމައެކަނި މި ފަދަ ކަންކަމުގައެއް ނޫނެވެ. ގައުމުގެ ކޮންމެ ކަމަކަށް ނަޒަރު ހުއްޓައިލިޔަސް އޮތީ ކަންބޮޑުވުމެވެ. އާލަމީ ވަބާއެއްގެ ގޮތުގައި ސިފަކުރަމުން އަންނަ މި ނުރައްކާތެރި ވަބާ މިއަދު މި ވަނީ، މުޅި ދުނިޔެ އޭގެ ބާރުގެ ދަށަށް ގެނެސްފައެވެ. ވީއިރު ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޤައުމެއްގެ ހާލަތު އަދި މާ ބޮޑަށް ވެސް ނާޒުކުވާނެތާއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގައި ވެސް ބަލި ފެތުރޭ ނިސްބަތް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، ނަފްސާނީ ބަލިމަޑުކަން އަންނަނީ ބޮޑުވަމުންނެވެ. ގައުމުގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އަދި ވަކިން ގޯހެވެ. ކާނެ އެއްޗެއް ބޯނެ އެއްޗެއް ނުލިބި، އެބައިމީހުން މަގުތަކަށް ނިކުމެ، ކާބޯތަކެއްޗަށް ސަލާންޖަހާން ފަށައިފިއެވެ. ގައުމުގެ ކުރިމަގު ލަފާކުރާ މީހުންގެ ދުރުމީއަށް ކޮންމެ ދިމާއަކުން ވެސް އަރަނީ، ހިތްދަތި ބިރުވެރި މަންޒަރުތަކެވެ.

ހަވީރުގެ ވަގުތެވެ. ނިޒާރާއި ތައުފީގު ތިބީ ގޭގެ ސިޓިންރޫމުގައެވެ. ތައުފީޤު އިނީ ޓީވީން ދައްކަމުން އަންނަ “ރޯދައާއި ނަފާ” ޕްރޮގުރާމް ބަލާށެވެ. އެއީ މި ރޯދަމަހު އޭނާ ގަވާއިދުން ބަލަމުން އަންނަ ޕްރޮގުރާމެކެވެ. ގުރުއާނާއި ސައިންސާ ގުޅުވާލައިގެން އެކި ދުވަހު އެކި މައުޟޫއަށް ހުށަހަޅަމުން އަންނަ އިލްމީ ޕްރޮގުރާމެކެވެ.

“ވަރަށް އުފާވެރި ޚަބަރެއް މި އޮތީ.” ފޯނުން ޚަބަރު ކިޔަން އިނދެފައި، ތައުފީޤުގެ މޫނަށް ނިޒާރު ބައިލިއެވެ.

“ކީކޭ އޮތީ؟” ޓީވީއަށް ބަލަހައްޓައިގެން އިނދެފައި ތައުފީޤު އަހައިލިއެވެ.

“ޖުލައި މަހު ފަތުރުވެރިކަން ފެށޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތޯ.”

“އަލްޙަމްދުލިﷲ! ތީ ވަރަށް އުފާވެރި ޚަބަރެއް!” ބަލަމުން ދިޔަ ޕްރޮގުރާމް ނިމުމުން، ޓީވީގެ އަޑު މަޑުކޮށްލައިފައި، ނިޒާރާ ދިމާއަށް ތައުފީޤު އެނބުރުނެވެ. “ނިޒާރަށް އެނގޭތަ؟ މިހާރު މި ތިބި ގޮތަށް، ގިނަ ދުވަސްތަކަކު އަހަރެމެން ތިބޭންވެއްޖިއްޔާ، މި ގައުމުގެ ރައްޔިތުން ބަނޑަށްޖެހުމަކީ ވަރަށް އެކަށީގެންވާކަމެއް.”

“ރަނގަޅު ވާހަކައެއް ތީ. މުޅި ޤައުމުގެ އިޤުތިޞާދު ބަރޯސާވެފައި މި އޮތީ ފަތުރުވެރިކަމަށް. އެ ސިނާޢަތް މި އޮތީ ހުއްޓިފަ.”

“ފަތުރުވެރިކަން އެކަންޏެއް ނޫން! ހުރިހައި ކަމެއް ވެސް މި އޮތީ ހުއްޓިފައެއްނު! މަސްވެރިކަމުގައި އުޅޭ މަދު މީހުންކޮޅު ނޫނީ މިއަދު އާމްދަނީއެއް ލިބޭ ބަޔަކު ކޮބާ؟”

“އާނ! މި ފަހަރު ވެސް އަހަރެމެން ރަށުގެ މަސްވެރިން، މަސްވެރިކަންކޮށްގެން ހާދަ ރަނގަޅު އާމްދަނީއެއް ހޯދައިފިއޭ. މަސްވެރިން އެކަންޏެއް ނޫން! މަސްކައްކާ މީހުންނަށް ލިބުނު އާމްދަނީ ވެސް ވަރަށް ރަނގަޅުވާނެ!”

“މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް ވަޅުޖަހަން ދޫކޮށްލައިގެން ތިބުމަކީ ބުއްދިވެރިކަމެއް ނޫންކަން ކޮރޯނާ އަހަރެމެންނަށް ކިތަންމެ ރަނގަޅަކަށް ވެސް ބުނެދީފި. ތި ރަށުގެ ދަނޑުވެރިކަން ކިހިނެއް ވަނީ؟”

“ދަނޑުވެރިކަން ވެސް ވަރަށް ރަނގަޅަށް އެބަ ކުރޭ! ކޮންކަހަލަ ކަރާދަނޑުތަކެއް މި ފަހަރު އެހެރީ ހައްދާފަ. މެލަން ވެސް އެ ވަރަށް އެބަހުރި. ދޮންކޭލާ ބަޓާނާއާ ކިއުކަންބާއާ މިރުހާ މިހެން ގޮސް އެތައް އެއްޗެއް ހައްދާފަ އެބަހުރި. މާލެއަށް ގެނެވޭގޮތް ނުވީމަ ކައިރި ރަށްރަށަށް ވިއްކަނީ.”

“އެއީ އަހަރެން މި ބުނާ ވާހަކައަކީ. ކިހައި ރަނގަޅު އާމްދަނީއެއް ތި ލިބެނީ. ފަތުރުވެރިކަމުގައި އުޅުނު ގިނަ މީހުން މިއަދު އެ ތިބީ ވަޒީފާ ވެސް ނެތިފަ. އަނބިދަރީން ބިކަހިނގާން ޖެހިފަ.”

“ދެވަނަ ބޮޑުހަނގުރާމައާ ގުޅިގެން ރާއްޖެއަށް އައި ތަދުމަޑުކަމުގެ ދުވަސްވަރުގައި ވެސް، ދަނޑުވެރިކަން ކުރި ރަށްރަށުގެ މީހުން އުޅުނީ ބަނޑުފުރާނަމުއްތި ކޮށްގެނޭ ކާފަމެން ބުނޭ.”

“ރަނގަޅު ވާހަކައެކޭ އެއީ.”

“އެކަމަކު ތައުފީޤު ވެސް ތި ދައްކަނީ ފަތުރުވެރިކަމުގެ ތެރެއަށް ވަންނަ ވާހަކައެއްނު.” ނިޒާރު ހީނލިއެވެ.

“އެއީ އަހަރެން ކުރާން އުޅޭކަމެއް ނޫން! ފިޒާލު މާ ކުރާހިތުން އުޅޭ މަސައްކަތެއްވީމަ އޭނައަށް ކޮށްދޭކަމެއް. ގެސްޓުހައުސް ވިޔަފާރީގެ ތެރެއަށް ވަންނަން މާ ބޮޑަށް ބޭނުންވެގެން އުޅެނީ. މި ލޮކްޑައުން ނައި ނަމަ މިހާރު މަސައްކަތް ފަށައިފީސް!”

“ހަމަ ގުޅާއިރަށް ލޮކްޑައުން ލޮކްޑައުން ތި ކިޔަނީ، މި ރޯދަމަހުގެ ތަސްބީހައަކީ ތީތަ؟” ލަތީފުގެ އަޑުގައި ހުރީ ރުންކުރުކަމެވެ.

“ލޮކްޑައުން ނިމޭއިރަށް ރަށަށް ދާނަމޭ! އެއީ މި ކިޔާ އެއްޗަކީ.” ނަދާގެ މޫނުމަތި ރަތްވެގެންދިޔައެވެ. އެހެންނަމަވެސް އަޑުގައި އެ ކުލަ ނުޖައްސައިވޭތޯ އޭނާ މަސައްކަތްކުރިއެވެ.

“ތިހެން ކިޔަކިޔާ ހުންނަތާ މިހާރު ކޮން ދުވަހެއް! ގިނަ ފަހަރަށް ގުޅީމަ ފޯނު ވެސް ނުނެގޭ! މާލެ ގޮސް ގަނޑެއް ނުގަންނައްޗޭ! ހީއަކަށް މީހަކު އެ ކަހަލަ ވާހަކައެއް ބުންޏަސް، މަގޭ އިނގިލިތައް މަޑަކުން ނުހުންނާނެ!” ލަތީފު އެ ބުނީ ކީކޭކަން ނަދާއަށް އެނގެއެވެ.

“އަހަރެން މީ ތިހެން އުޅޭނެ މީހެއް ނޫން! އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް ނޫޅޭނަން.” ކޮޅުމަގަށް އަރާފައި ހުރި މީހެއްގެ މާޔޫސްކަން، ނަދާގެ މޫނުމަތިންނާއި އަޑުން ފާޅުވިއެވެ.

“ޢިފަތްތެރިއަކަށްވާން ނޫޅެ، ބަނޑުއަޅައި ވިހޭ މައިމީހާ އުޅޭ ހާލާމެދު ވިސްނަބަލަ! އެ ފަކީރު އެ އިންނާނީ، ކާނެ އެއްޗެއް ނެތްތާނގައި ބޯނެ ފެންފޮދެއް ވެސް ނުލިބިފަ.”

“ލަތީފު ދިނީމެއްނު ފައިސާ!”

“މޮޔަ ނުގޮވައްޗޭ! އެއީ ހިލޭސާބަހަށް މަ ދިން އެއްޗެއް ނޫން! އެއީ މަކުރި އިންވެސްޓެއް!” ލަތީފު ހިނިގަނޑެއް ޖަހައިލިއެވެ.

ނަދާއަށް ދަތްކުނޑި ވިކައިގަނެވުނެވެ. އަތުގައި އޮތް ފޯނު ނަގައި ފާރުބުޑަށް ޖަހައިފާނަމޭ ހިތަށް އެރިއެވެ. އެކަމުން ލަތީފަށް ގެއްލުމެއް ލިބޭނެ ނަމަ، އޭނާ އެ ވަގުތު އެކަން ކުރީހެވެ. އެހެންނަމަވެސް މަޖުބޫރުވީ، އެ ހުރިހައި ކަމެއްގެ މައްޗަށް ބާރު ހިންގަމުން، ހިތް ފިނިކުރެވޭތޯ ބަލާށެވެ.

“ތި ބުނި އެއްޗެއް ނުވިސްނުނު!” ނަދާ ބޭނުންވީ ލަތީފުގެ ޙަޤީޤީ މަޤުޞަދު އިތުރަށް އޮޅުންފިލުވާށެވެ.

“ކަލޭ އެނބުރި ރަށަށް އަންނައިރު މަންމަގެ ހިތް އޮންނާނީ މަގޭ މުށުތެރޭގަ. ތި ގޭގައި ހިނގާނީ މަގޭ ވެރިކަން. ވިސްނިއްޖެ؟”

ނަދާއަށް ހުރެވުނީ ބަސްހުއްޓި ބުނާނޭ އެއްޗެއް ނޭނގިފައެވެ. މިއީ ހަމަ ޙަޤީޤަތުގައި ވެސް ކަރަށް ހެރިފައި ހުރި ވިހަ ގަދަ ކައްޓެކެވެ. އަޅާ ވޭނެއްގެ ބޮޑުކަމުން، އުފުރާލަން ހިފައިލެވޭކަށް ނެތެވެ. އުފުރައިނުލައި ބެހެއްޓުމުން ވެސް މި ލިބެނީ ހާދަ ކެކުޅުމެކެވެ.

މެންދުރުކުރީގެ ވަގުތެވެ. ދިހައެއްޖަހައި އެހައިކަންހައި އިރެވެ. އުޑުމަތި ބަނަ ފިނި ދުވަހެކެވެ. އާދައިގެމަތިން ބެލްކަންޏަށް ނިކުމެލުމަށް ޓަކައި ފިޒާލު ހިނގައިގަތެވެ. ނަދާ ނުފެނުނަސް، ބެލްކަންޏަށް ނިކުމެލުމަކީ ހިތަށް ލިބޭ ފިނިކަމެކެވެ. ރޫޙަށް ލިބޭ ދިރުމެކެވެ. ފަހުން މާޔޫސްކުރުވިޔަސް ވެހެވެ.

ބެލްކަންޏަށް ނިކުތުމާއެކު ފިޒާލަށް ލިބުނީ ސިހުމެކެވެ. މޮޅިވެރިކަމުގެ ސާލު ލައިގެން، ދުވަސްތައް ގުނަމުންދާ އޭނާގެ ބަލިކަށި ހިތް އުފަލުން ނަށައިގަތެވެ. ކަންނެތްވެ، ބިތްޖެހިފައި ހުރި ރަތްދިޔަވަރު، ހެލިފެލިވެ، ނާރުތަކުގެތެރޭގައި ކޮޅުކޮޅަށް ދުވެގަތެވެ. އެ ސޫރައެއް ދެކިލުމަށް ޓަކައި ފެންބޮވައިގެންފައިވާ ނަދާގެ ސޫރަ ފެނިފައި، މުޅި ހަށިގަނޑަށް ދިރުންލިބި، ތާޒާވެއްޖެއެވެ.

ތިރިން ފެންނާން އޮތް ފަޅު މަގަށް ކަޅި ހުއްޓާލައިގެން، ފުން ފިކުރެއްގައި ހުރި ނަދާ އިސްއުފުލައިލިއެވެ. ކުރިމަތީގައި ހުރި ބެލްކަނީގައި ހުއްޓުން އަރާފައި ހުރި ފިޒާލު ފެނުމާއެކު، އެއީ ކާކުކަން އޭނާއަށް އެނގިއްޖެއެވެ. ނަދާ ބަލައިލުމާއެކު، ފިޒާލުގެ ހުއްޓިފައިވާ އެސްފިޔައަށް ހަރަކާތް އަތުވެއްޖެއެވެ. އެ ހަރަކާތުގައި ހަށިގަނޑު ވެސް ބައިވެރި ވެއްޖެއެވެ. އޭނާއަށް ފުރަތަމަ ވެސް ނެގުނީ ޖީބުގައި އޮތް ފޯނެވެ. ފޮޓޯ ޑިލީޓްކޮށްލައިފީމޭ ބުނެ، ނަދާއަށް ފޯނު ދައްކައިލެވުނީ އިޚުތިޔާރުން ބޭރުގައެވެ.

ފިޒާލު އުޅުނުގޮތް ފެނިފައި، ނަދާގާތަށް ހިނިއައެވެ. ހިތަށް އެރިއެވެ. މިއީ މޮޔައެއް ކަންނޭނގެއެވެ. ނަދާގެ ކިބަޔަކު ފިޒާލަކަށް ޝައުޤުވެރިކަމެއް ނެތެވެ. އެހެންކަމުން އެތެރެއަށް ވަންނާން ހިނގައިގަތެވެ.

“އެންމެ މިނެޓަކަށް މަޑުކޮށްލަދީ!”

މިހެން ބުނި އަޑު ނަދާގެ ކަންފަތުގައި ޖެހުނެވެ. އެހެންނަމަވެސް އެ އަޑަކަށް ނަދާ ސަމާލުކަމެއް ނުދިނެވެ. އަޅައިވެސް ނުލައި ވަދެ ދޮރު ލެއްޕީއެވެ.

ނަދާ އެހައި އަވަހަށް ގެއަށް ވަނުމުން، މާޔޫސްކަމުގެ ކޫރެއް ފިޒާލު ހިތުގައި އެޅުނެވެ. އެހެންނަމަވެސް އެ ހިތަށް އޭނާ ވިސްނައިދިނުމުގެ ސަބަބުން، އިސާހިތަކު އުފާވެރިކަމުގެ ރަނގަބީލު އެ ހިތުގައި ޖެހެން ފެށިއެވެ. ނަދާގެ ރީތި ސޫރަ ފެނުމުގެ ނަސީބު ލިބުމުން، ލިބުނު އުފާ، ދެ ގުނަ ތިން ގުނައަށް އެރީ، ނަދާ ހީލުމުންނެވެ. އެއީ އާދައިގެ އިޝާރާތެއް ނޫނެވެ. ނަދާގެ އެ ހިނިތުންވުން ފިޒާލުގެ ހިތުގެ ތަރާދުން ކިރައި ވަޒަންކޮށްލުމުން، އެތައް މިލިޔަން ޑޮލަރެއްގެ އަގު އެއަށް އެރިއެވެ. މާދަމާއަށް ޓަކައި ކުރެވޭ އުއްމީދުގައި އުފާވެރިކަމުގެ ސިއްކަޖެހުނެވެ. ފޮޓޯ ޑިލީޓް ކޮށްލި ވާހަކަ ބުނެވުމުން ވެސް، ވަރަށް ބޮޑު ލުޔެއް ހިތަށް ލިބުނެވެ.

“ފޮޓޯއަށްވުރެ މި ކަން މިހާރު މަށަށް މާ ބޮޑުވެއްޖެ!” ނަދާ ފޯނުން ވާހަކަ ދެއްކީ ނީނާއާއެވެ. “މަންމަގާތު ބުނޭ މީގެފަހުން އޭނާ ދޭ އެއްވެސް އެއްޗެއްގައި ހިފައިގެން ނުވާނޭ!” ލަތީފުގެ މަކަރުވެރި ވިސްނުމާއި ރޭވުން ނީނާއަށް ނަދާ ކިޔައިދިނެވެ.

“ތިހެން ބުނެފިއްޔާ މަންމަގެ ސުވާލުތައް ވަރަށް ގިނަ ވާނެ!” ނީނާ އުޅުނީ ނަދާއަށް ވިސްނައިދޭށެވެ. “ކޮންމެވެސް ސަބަބެއް ދައްކަން މަށަށް މަޖުބޫރުވާނެ!”

“އާނ! ސަބަބެއް އޮންނަންވާނެ!” ނަދާ ދެއްކި ވާހަކަތައް ހާޖަރާއާ ހަމައަށް ނީނާ ގެނެސްދިނެވެ. އެހެންނަމަވެސް އެ ވާހަކަތަކާ ހާޖަރާއަކަށް އެއްބަހެއް ނުވެވުނެވެ. “ހެޔޮހިތުން މީހަކު ދިއްކޮށްލާ އެހީތެރިކަމުގެ އަތެއްގައި ނުހިފަންވީ ސަބަބެއް ހާޖަރައްތައަކަށް ނުވިސްނޭ!”

“ނަދާގެ ވާހަކަ ހުރިގޮތުން ސަބަބެއް އޮތްހެން ވެސް ހީވޭ.”

“އެހެންވިއްޔާ ސަބަބު ބުނަންވީނު! މީ އޭނަގެ މަންމައޭ! ކީއްވެ ނުބުނެވޭންވީ؟”

ހާޖަރާ ފޯނުނެގިއެވެ. ވަގުތުން ނަދާގެ ނަންބަރަށް ގުޅަންފެށިއެވެ. ތިން ހަތަރު ފަހަރު ގުޅުމުން ވެސް ފޯނެއް ނުނެގިއެވެ.

“ފޯނެއް ވެސް ނުނަގާ!” އެނދުމަތީގައި ފޯނު ބާއްވަމުން ނީނާގެ މޫނަށް ހާޖަރާ ބަލައިލިއެވެ.

“އަދި އެބައޮތް އެއް ވާހަކަ!” ނީނާ މަޑުމަޑުން ބުނެލިއެވެ. “މަގޭގާތު ބުނީ ލަތީފަށް އެއް ހާސް ރުފިޔާ ގެންގޮސްދޭށޯ!”

“ކިހައި ދެރަ ކަމެއް ތީ.” ހާޖަރާގެ ހިތްހަމަނުޖެހުން އިތުރުވިއެވެ. “މަށަށް މިހާރު އެބަ އެއްޗެއް ހީވޭ! ދޭނެކަމެއް ނެތް އެ ފައިސާއެއް! އަޅައިވެސް ނުލާ! އެއީ އެ ސޮރު މަށަށް ދިން ހަދިޔާއެއް! ސަވާބަށް އެދި ރޯދަމަހު ކުރި ޞަދަޤާތެއް. މީހުން ކުރާ އެ ފަދަ ޞަދަޤާތް ބޮލާލައި ޖަހަން ހެޔޮވާނެތަ!”

ނަދާގާތު އެ ވާހަކަ ނުދެއްކުނު ނަމައޭ މިހާރު ހާޖަރާގެ ހިތަށް އަރައެވެ. އެހައި ބޮޑު ކަމަކަށް ހަދައިލައިފާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެކަމަކު މިހާރު މި ކަން މި ވީ ބޮލުގައިރިހުމަކަށެވެ. އެއްޗެއް ދިއްކޮށްލައިނޭ މީހަކު ނެތި، ގޮތް ހުސްވެފައި ހުއްޓާ، ﷲ މަގެއް ދެއްކެވުމުން، އެ މަގު ދޫކޮށްލުމަކީ، މިންވަރަށް އީމާންނުވުން ނޫން ކަމަކަށް ވާނެ ބާވައެވެ؟ ނަދާ ކިތަންމެ ރުޅި އަޔަސް، ހިތްހަމަނުޖެހުނަސް، ލަތީފުގެ އެހީތެރިކަން ބޮލައިލައެއް ނުޖަހާނަމެވެ. އޭގެ ބަދަލުގައި ޖެހޭނީ ﷲ އަށް ޙަމްދުކުރާށެވެ.

“އަލްޙަމްދުލިﷲ! ބައްޕަގެ ރިޒަލްޓް ނެގަޓިވް!” ބިޝާރާގެ އަޑުގައި ހުރީ އުފާވެރިކަމެވެ.

“އަލްޙަމްދުލިﷲ!” ބިޝާރާގެ އުފަލުގައި ބައިވެރިވަމުން، ފަޒުލާ ވެސް ﷲ އަށް ޙަމްދުކުރިއެވެ. “ވަރަށް އުފާވެއްޖެ! ކޮން އިރަކު ރިޒަލްޓް ލިބުނީ؟”

“ހަމަ ދެންމެ.”

“އެންމެން ވަރަށް އުފާވެފަ ދޯ މިހާރު ތިބީ.”

“އޮފްކޯޒް! އުފާވާނެއެއްނު. އެކަމަކު ބައްޕަ ވަރަށް ބޯ ގޮވައިގެން އުޅެނީ.”

“ކިހނެއްވީ؟”

“ޕޮޒިޓިވްވި ބައްޕަގެ ފްރެންޑު އެޑްމިޓްކޮށްފިޔޭ!”

“މާ ބޮޑަށް ހާލު ދެރަވީތަ؟”

“އާނ! އަދި އެނގޭތަ އޭނަގެ ޑައިރެކްޓް ކޮންޓެކްޓްސް ވަރަށް ގިނަޔޯ.”

“އަސްލު ވެސް؟”

“ބައްޕަ ބުނި ސާޅީހަކަށް މީހުން އުޅެޔޯ!”

“ގޭގަ ތިބޭށޭ އެ ވަރަށް ކިޔާއިރު ވެސް، ބައެއް މީހުން ނުވިސްނައޭ ދޯ!. ބައްޕަގާތު ބުނާތި އަހަރެން ބުންޏޭ ދެން ސިގިރެޓް ނުބޮއްޗޭ! ބޭރަށް ވެސް ނުނިކުންނައްޗޭ!”

“އޭގެފަހަކުން އަދި ނުބޮއެ. ބުނި ދެން ނުބޯނަމޭ ވެސް.” ބިޝާރާ ހީނލިއެވެ.

“ތި ވެސް ރަނގަޅަކަށް ވީ ކަމެއް ކަންނޭނގެ.”

“ކޮބާ ދޮންބެ؟” ހިތަށް ހަމަޖެހުން ލިބުމާއެކު، ބިޝާރާގެ އަސްލު މަޢުޟޫއަށް އޭނާ ވަނެވެ.

“އެބަ އުޅޭ.” ފަޒުލާގެ ޖަވާބު ވަރަށް ކުރެވެ.

“އަދި ވެސް ނުބުނަން ދޯ؟”

“މަޑުކޮށްބަލަ! ހަނދާންވޭތަ ގުރޭޑު 8 ގަ އުޅުނުއިރު، އެއް ދުވަހަކު ބިޝާއަށް ވަރަށް ރީތިވި ހެދުމެއް ގަންނަން ގޮސްގެން ނުލިބުނު ހަނދާން؟”

“ތީ ދެން ކޮން ވާހަކައެއް؟”

“މީ ވަރަށް މުހިންމު ވާހަކައެކޭ. ހަނދާންވޭތަ؟”

“އެ ދުވަސް ހަނދާންނެތޭނެތަ؟ މަށަށް ހާދަ ރިތިވި ހެދުމެކޭ އެއީ. މަ އެންމެ ދެރަވީ، އެހައި ކުރިން މަންމަގާތު އެ ހެދުން ގަނެދޭން ކިޔަކިޔާ ހުއްޓާ ނުލިބުނީމަ.”

“އެ ދުވަހު ބިޝާ ބޮޑާހާކައި ރޮއި ހެދީމަ މަންމަ ކީކޭ ބުނީ؟”

“ކީކޭތަ ބުނީ؟ މިހާރު ހަނދާނެއް ނެތް!”

“މަ އެބަހުރި ހަނދާން. ވަރަށް ލޯބިން ބުނީ ދަރިފުޅާއޭ، މީ ދުނިޔެއޭ. ބޭނުންވާ ކޮންމެ އެއްޗެއް ނުލިބިދާނޭ. އެ ފަދަ ވަގުތުތަކުގައި ޖެހޭނީ ކެތްތެރިވާށޭ. އެހެން ކިޔައިގެން ނަސޭޙަތްދިނީ. ހަނދާން ވެއްޖެ؟”

“އާނ. ހަނދާން ވެއްޖެ!” ބިޝާރާގެ އަޑާއި ރާގު ބަދަލުވިކަން ފަޒުލާއަށް ފާހަގަކުރެވުނެވެ. “ފަޒޫ ބުނަން ތި އުޅެނީ ކީކޭކަން ވެސް އެނގިއްޖެ!”

“އެ ދުވަހު ބިޝާގެ މަންމަ އެ ދިން ނަސޭޙަތަކީ، މުޅި އުމުރަށް ވެސް އަހަރެމެން ހަނދާން ބައްހައްޓަންޖެހޭނެ ނަސޭޙަތެއް.”

“އެކަމަކު ހަމަ ވަރަށް ދެރަވެއްޖެ!” ބިޝާރާގެ އަޑު ތުރުތުރުއަޅައިގަތެވެ. “އަހަންނަށް ވަރަށް….. ފޮނި އުއްމީދެއް ކުރެވުނު…. މިހެން ވާނެކަން ކުރިން އެނގުނު ނަމަ…..” ބިޝާރާގެ ފޯނު ކެނޑުނެވެ. ފަޒުލާ ވަގުތުން ގުޅިއެވެ. ފޯނެއް ނުނެގިއެވެ. ތިން ހަތަރު ފަހަރު ގުޅުމުން ވެސް ބިޝާރާ ފޯނެއް ނުނެގިއެވެ. ފަޒުލާއަށް ގޮތް ހުސްވިއެވެ. އެހެންނަމަވެސް މަންމަގެ ނަންބަރަށް ގުޅާކަށް ނުކެރުނެވެ.

ގޭތެރޭގައި އެއްޗެހިތައް ހުރީ އެގޮތް މިގޮތަށެވެ. ފޮށިގަނޑުގަނޑާއި ކޮތަޅުތައް ސިޓިންރޫމުގައި ތަރުތީބެއްނެތި ހުއްޓެވެ. ސޯފާގައި އަހުސަނު އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. ފިޒާލްމެންގެއިން ހުސްވި އެޕާޓުމަންޓަށް އޭނާ ބަދަލުވީ އިއްޔެއެވެ. ގެނައި އެއްޗެހިތައް އަދި ވަނީ ރަނގަޅަށް ތަރުތީބު ނުކުރެވިއެވެ. ހުރިހައި ކަމެއް އެކަނި ކުރަންޖެހުމުން ވާ ވަރެވެ.

އަހުސަނުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އުފާވެރިކަމާއެކު ފެށި ދިރިއުޅުން ހައެއްކަ މަސްދުވަހުގެ ތެރޭގައި ގެންގޮސް ވެއްދީ ކައްވަޅެއް ފަދަ އަނދިރި ހޮހަޅައަކަށެވެ. އެ ހޮހަޅައިން ސަލާމަތްވާން ކުރާ މަސައްކަތަށް އަލި މަގެއް ފެންނަގޮތެއް އަދި ނުވެއެވެ. ކުޑަ ދުލެއް ދިނުމަށްފަހު ދެން ވާންކޮށްލީ މާ ބޮޑަށެވެ. ފުރަބަންދުގެ ދުވަސްވަރުކަމުން އިތުރަށް ބޯ ގޮވުން ނޫން ކަމެއްނުވިއެވެ. ދަރިފުޅު ވެސް ޅަފަތުގައި މި ޖެހުނީ އެހެން ބަޔެއްގެ އަތްމައްޗަށް ދޫކޮށްލާށެވެ. އެ ފަދަ ބުރައެއް އުފުލައިދޭނެ އާއިލާގެ ބަޔަކު ތިބިކަމީ ވެސް، ކޮން ފަދަ ބޮޑު ނަސީބެއް ހެއްޔެވެ؟

ފިކުރުތަކާ ދުރަށް ދެވޭތޯ، ބައެއް ފަހަރު އަހުސަނަށް ފޯނުން ޚަބަރު ކިޔައިލެވެއެވެ. ޔޫޓިއުބުން ވީޑިއޯއެއް ބަލައިލެވެއެވެ. ފޭސްބުކް ހާވައިލެވެއެވެ.

އަހުސަނު އިނީ، ފޯނުނަގައިގެން އޮންލައިން ނޫސްތަކުގެ ދޮރުތަކުގައި ޓަކިދޭށެވެ. އެއީ މި ދުވަސްވަރު ކޮންމެހެން ވެސް ކުރާންޖެހޭނެ ކަމެކެވެ. ރާއްޖެއާއި ދުނިޔޭގެ ހާލަތު ނޭނގި، ކަނުބަނދެވިފައި އިންނާން ވެއްޖިއްޔާ ފުން އަނދަވަޅަކަށް ވެއްޓި، މީހާ ހަފުސްވެދާނެއެވެ.

“މަނަދޫން އިތުރު ފަރުވާއަށް މާލެ ގެނައި މީހަކު ކޮވިޑް 19 އަށް ފައްސިވެއްޖެ”

“ޖަޕާނުން ރާއްޖެއަށް 8 މިލިއަން ރުފިޔާ ދީފި”

“ޗައިނާއިން ރާއްޖެއަށް އެހީގެ ތަކެތި ގެނައުމުގެ ދަތުރު ފަށައިފި”

“ޑީއެޗް-11ގައި ފަރުވާދިން އެކަކުގެ ހާލު ރަނގަޅުވެ ވޯޑަށް ބަދަލުކޮށްފި”

“އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ދީފި”

މި ސުރުޚީ ފެނިފައި އަހުސަނުގެ ހިތަށް އެރިއެވެ. މިއީ ވެސް މީހުން ކުރާ ކަހަލަ ކަންކަން ހެއްޔެވެ؟ މި ކަހަލަ ދުވަސްވަރެއްގައި އެޗްޕީއޭގެ ވެބްސައިޓް ހެކްކުރާން ހެޔޮވާނެ ހެއްޔެވެ؟ އެ ޚަބަރު ކިޔައިލަން އަހުސަނު ހިތަށް އެރިއެވެ.

ޚަބަރު ކިޔައިލުމުން އެނގުނީ، އެއީ އެޗްޕީއޭގެ ރަސްމީ ވެބްސައިޓުކަމެވެ. ނަސީބަކުން، ކޮވިޑް19 ގެ މައުލޫމާތު ހާމަކުރަން ހަދާފައިވާ، ހެލްތު މިނިސްޓްރީގެ ޕޯޓަލްއަށް އެކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރެއެވެ. އިންޒާރުގެ މެސެޖުގައި ބުނެފައިވާކަމަށް ނޫހުގައި ލިޔެފައިވަނީ، މި ހާލަތުގައި ސަރުކާރުން ކުޅެނީ “ޕޮލިޓިކްސް ގޭމެއް” ކަމަށާއި ދިވެހި ސަރުކާރަށް އިންޑިއާއިން ނުފޫޒު ފޯރުވާ ކަމަށެވެ. މީގެ އިތުރުން ގައުމުގެ 99 ޕަސެންޓް އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް ސަރުކާރުގެ އެހީތެރިކަން ނުލިބޭ ކަމަށްބުނެ، މި ކަންކަން އިސްލާހު ނުކުރާ ނަމަ ސިއްރުތައް ހާމަކުރާނެކަމުގެ އިންޒާރު ދީފައިވާކަމަށް ނޫހުގައި ބުނެފައިވެއެވެ.

ދެން އަހުސަނުގެ ލޮލުގައި އަޅައިގަތީ، އެމްއެންޑީއެފުން އިމަޖެންސީ ވެންޓިލޭޓަރެއް އުފައްދިކަމަށް ބުނެފައިވާ ޚަބަރެވެ. އެ ޚަބަރުގައި ބުނެފައިވާ ގޮތުގައި އެމްއެންޑީއެފް އިން އެ ވެންޓިލޭޓަރު އުފައްދަން ފެށީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. ހަލާކުވެފައިވާ އިލެކްޓްރޯނިކް ސާމާނު ބޭނުންކޮށްގެން އުފެއްދި އެ ވެންޓިލޭޓަރު ހަދައި ނިންމާފައިވަނީ 14 ދުވަހުގެ ތެރޭގައެވެ.

ޚަބަރު ކިޔަން އަހުސަނު އިންދާ ފިޒާލްގެ ފޯނެއް އަތުވެއްޖެއެވެ. އަހުސަނު ފޯނުނެގިއެވެ.

“ކޮބާ ގޭތެރެ ހަމައަކަށް އެޅިއްޖެ؟” ފިޒާލު ފުރަތަމަ ވެސް ސުވާލުކުރީ ގެއާ ބެހޭގޮތުންނެވެ.

“ނޫނޭ! އެކަނިމައި އެކަނި ހުރިހައިކަމެއް ކުރަންވީމަ ކިހިނެއް ވާނީ؟ ކޮޓަރި ތެރެ ކޮންމެވެސް ވަރަކަށް ރަމަތަ ކޮށްލެވިއްޖެ.”

“ނަބީ ކިހިނެއް މިހާރު؟”

“އެބައޮތް ނިދިފަ. ރޭ ވެސް ވަރަށް ވަރުދެއްކި. ރުޤުޔާކުރާ މީހަކާ ވެސް ވާހަކަ ދައްކައިގެން މި އުޅެނީ.”

“މަގޭ ހިތަށް އަރަނީ ތި ކަހަލަ ނުބައިކަންތައް މީސްމީހުން ކުރާއިރު، އެއްޗެއް ހިތަށް ނާރާކަން. ކޮން ފަދަ ނުބައިކަމެއް ސިހުރު ހެދުމަކީ.”

“އާނ! ދެން ކީއްކުރާނީ!” އަހުސަނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “ކޮބާ ނަދާގެ ޚަބަރެއް ނުވޭތަ؟”

“ނޫނޭ! އިއްޔެ ފެނުނު. ހިނިތުން ވެސްވެލި! ހީވަނީ ރަނގަޅުވާނެހެން. އެކަމަކު މިއަދަކު އަދި ޚަބަރެއް ނުވޭ! މިހާރުވެސް ބެލްކަނީގަ މި ހުރީ.”

ކުއްލިއަކަށް އިވުނީ ކޮޓަރިތެރެއިން އަންހެނަކު ރޮއިގަތް އަޑެވެ. ހަޅޭއްލަވައިގަތް އަޑެވެ. އަހުސަނަށް ފޯނު ކަނޑައިލަމުން ދުއްވައިގަނެވުނީ ކޮޓަރިއާ ދިމާއަށެވެ. ދޮރުހުޅުވައިލިއިރު، ނަބީލާ އެނދުމަތީގައި އޮވެގެން ތެޅިފޮޅެނީއެވެ. ނުފެންނަ ބާރެއްގެ ކިބައިން މިންޖުވާން މަސައްކަތްކުރަނީއެވެ. ކަރުބުޑުން ފާޑެއްގެ ބިރުވެރި ބަރު އަޑެއް ނެރިގެން ލަވާ ހަޅޭކުން މުޅި ކޮޓަރިވަނީ އަޑުބައްދާފައެވެ. ދެ ލޯ ހީވަނީ ދެ ކާށިކިބަހެންނެވެ. މޫނުމަތީގެ ކުލަ އޮއްސި، ބޮލުގެ އިސްތަށިގަނޑު ހޭވިފައި އޮތް އިރު، ނަބީލާ ފެންނަނީ ބިރުވެރި ސިފައަކަށެވެ.

ނުނިމޭ