ކޮރޯނާވައިރަހަކީ ޗައިނާގެ ލެބޯޓަރީއެއްގެ ތެރޭގައި އުފެއްދި އެއްޗެއް ކަމަށްބުނެ ޓުވިޓާގައި ވާހަކަ ދެއްކި ޗައިނާގެ ވައިރޮލޮޖިސްޓެއްގެ އެކައުންޓް ޓުވިޓާއިން ބްލޮކްކޮށްފި އެވެ.

އަންގާރަ ދުވަހު ލީ-މެންގް ޔާންގެ އެކައުންޓް ބްލޮކް ކޮށްފައިވަނީ ކޮވިޑް-19 އަކީ ގަސްތުގައި ޗައިނާއިން އުފައްދާ، އާންމުންގެ ތެރެއަށް ދޫކުރި ވެކްސިނެއް ކަމަށް ކުރި ތުހުމަތުތަކާއި އެކީގަ އެވެ.

އެކައުންޓް ބްލޮކް ކޮށްފައިވާ އިރު މިހާރު އެ ޕޭޖަށް ވަނުމުން ފެންނަނީ ""ޓުވިޓާގެ ގަވައިދުތަކާއި ހިލާފުވެގެން ސަސްޕެންޑް ކޮށްފައިވާ އެކައުންޓެއް،" މިހެން ލިޔެފައިވާ ތަނެވެ.

މިކަމާއި ގުޅޭ ގޮތުން އަދި މިހާތަނަށް ޓުވިޓާގެ ބަހެއް ލިބިފައި ނުވެ އެވެ.

ޓުވިޓާއިން މިހާރު ދަނީ ކޮރޯނާވައިރަހާއި ގުޅޭ ދޮގު މައުލޫމާތު ހިމެނޭ ޓުވީޓް ތަކުގައި ސަމާލުވުމަށްއެދި މެސެޖްތައް ހިމަނަމުންނެވެ.

ޔާންގެ ޓުވީޓުތަކުގެ ތެރެއިން ޓުވިޓާގެ އުސޫލުތަކާއި ހިލާފުވެފައިވަނީ އެންމެ ޓުވީޓެއްގައިތޯ ނުވަތަ އެއަށްވުރެ ގިނަ ޓުވީޓްތަކެއްގައި ކަމެއް ސާފުވެފައެއް ނުވެ އެވެ.

އަންގާރަ ދުވަހު ޔާން ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ގޮތުގައި އެނާގެ އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ އާންމުންނަށް ހަގީގަތް ފޮރުވުމުގެ ބޭނުމުގަ އެވެ.

މީގެ ކުރިން ހޮންކޮންގް ސްކޫލް އޮފް ޕަބްލިކް ހެލްތުގައިވެސް މަސައްކަތް ކުރި ޔާން ވިދާޅުވި ގޮތުގައި ކޮވިޑް-19 އަކީ ގުދުރަތީ ގޮތުން އުފެދުނު ބައްޔެއް ނޫން ކަމަށާއި މިއީ އިންސާނުން އުފައްދާފައިވާ ބައްޔެއް ކަމަށެވެ.

"އެމީހުންނަށް ވައިރަސް ހެދިދާނެ ކަމާއި، ވައިރަސް ހަދާފައިވާ ކަމާއި އަދި ވައިރަސް ހެދި ގޮތުގެ ހެކި އަހަރެންގެ އަތުގައި އެބަހުރި،" ޔާން ބުންޏެވެ.