ސޯލް (އޮގަސްޓް 30) - ސައުތު ކޮރެއާގެ ވެރިރަށް ސޯލްގެ ހުޅަނގުގެ ސަރަހައްދެއްގައި ދުއްވާފައި ދިޔަ ކާރެއް ސިންކްހޯލަކަށް ދަމައިގަނެ ދެ މީހަކަށް އިއްޔެ އަނިޔާވެއްޖެ އެވެ.

ކާރު ސިންކްހޯލަށް ދަމައިގަތް އިރު އެ ވެހިކަލްގައި ތިބީ ޑްރައިވަރާއި އިތުރު ފަސިންޖަރެކެވެ. މީގެ ތެރޭން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ކޮރެއާގެ ނޫސްތަކުން ބުނެ އެވެ. އަނިޔާ ލިބިފައި ވަނީ އުމުރުން 70 ގެ އަހަރުތަކުގެ އަންހެނަކާއި 80 ގެ އަހަރުތަކުގެ ފިރިހެނަކަށެވެ. އެ މީހުން ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ.

ސިންކްހޯލަށް ކާރު ވެެއްޓުނު އިރު ދަތުރުކުރަމުން ދިޔައީ ސިއޯންގްސަން ބްރިޖާ ދިމާލަށެވެ.

ސައުތު ކޮރެއާގެ ވެރިރަށް ސޯލުގެ މަގެއްގައި ހެދުނު ސިންކްހޯލަކަށް ކާރެއް ވެއްޓިފައި.

ސޯލްގައި ސިންކްހޯލަކަށް ކާރެއް ވެއްޓުމާ ގުޅިގެން ވަރަށް ބޮޑު ޓްރެފިކް ޖޭމެއް އެ ސަރަހައްދުގައި ވަނީ އުފެދިފަ އެވެ.

ކޮރެއާގައި ސިންކްހޯލަކަށް ކާރެއް ވެއްޓިފައި މި ވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ ޖަލަން މަސްޖިދު އިންޑިއާ ސަރަަހައްދުގައި މިދިޔަ ހުކުރު ދުވަހު ސިންކްހޯލަކަށް މީހަކު ވެއްޓި ގެއްލިފައި ވަނިކޮށެވެ. އުމުރުން 48 އަހަރުގެ އިންޑިއާގެ ޓޫރިސްޓް ސިންކްހޯލަކަށް ވެއްޓުނީ ދުވާރު މަތިން ހިނގާފައި ދަނިކޮށް ހަމަ ކުއްލިއަކަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރާތާ ހަފުތާއެއްވީ އިރު ވެސް އަދިވެސް އެއްވެސް ހިލަމެއް ނުވެ އެވެ.

މީގެ ދެ ދުވަސް ކުރިން ވެސް އެ ސަރަހައްދުގައި ވަނީ ސިންކްހޯލެއް އުފެދިފަ އެވެ. ނަމަވެސް އެ ސިންކްހޯލުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.