އޮފީހުގެ ބައްދަލުވުމަކަށް ނުވަތަ ހަވީރު ފިންޏަށް ނަލަ ހެދުމުގައި ގިނަ ކަންތައްތަކަށް އިސްކަންދެ އެވެ. ލާ ހެދުމުން ފެށިގެން ކަންފަތުގައާއި ހަތަރެސްފައިގައި އަޅާ ގަހަނާތަކަށް ދަންދެން ވަރަށް ފަރުވާތެރިކަމާއެކު ޚިޔާރުކުރެ އެވެ.
ނަމަވެސް ފެޝަން ޑިޒައިނަރުންނާއި ސައިކޮލޮޖިސްޓުން ލަފާދޭ ގޮތުގައި ހެދުން އެޅުމުގައި އެންމެ އިސްކަން ދޭންވީ އަރައިގެން ހުންނަ ފައިވާނަށް ނުވަތަ ބޫޓަކަށެވެ. ކީއްވެގެން ހެއްޔެވެ؟
ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އަލަށް މީހުންނާ ބައްދަލުވާއިރު ތިބާގެ ކިބައިން އެމީހުން ފާހަގަ ކުރާ އެންމެ ފުރަތަމަ ކަމަކީ އަރައިގެން ހުންނަ ފައިވާން ނުވަތަ ބޫޓެވެ.
އެގޮތުން ތިބާ އަރައިގެން ހުުންނަ ފައިވާނުގެ ޒާތުން ތިބާގެ ޝަހުސިއްޔަތާއި ސުލޫކުގެ ތަސައްވުރެއް އެމީހުންގެ ސިކުނޑީގައި އުފެދޭ ކަމަށް މި ދިރާސާގައިވެ އެވެ.
ލައިގެން ހުންނަ ހެދުމާއި އެ މުނާސަބަތަކާ ގުޅޭގޮތުން ފައިވާނަކަށް ނުވަތަ ބޫޓަކަށް އެރުމަކީ ތިބާއާ މެދު ދެކޭގޮތް ރަނގަޅުވާ ކަމެއް ކަމުގައިވާއިރު ހާލަތާ އެކަށޭނަ ނޫން ގޮތަކަށް ބޫޓު ޚިޔާރުކޮށްފި ނަމަ ތިބާއާ މެދު އެހެން މީހުން ދެކޭ ގޮތް ގޯސްވެ އެވެ.
އެހެންކަމުން ދާ ކޮންމެ ތަނަކަށް އެތަނަކާ އެކަށީގެންވާ ގޮތުން ހެދުމާއި އެއާ ގުޅޭ ފައިވާން ނުވަތަ ބޫޓު ޚިޔާރު ކުރާށެވެ. ނުވަތަ މީހުންގެ މެދުގައި މަގުބޫލުކަން ކުޑަވެދާނެ އެވެ.