ސްވިޓްޒަލޭންޑްގެ ލަގްޒަރީ ގަހަނާ ބްރޭންޑެއް ކަމަށްވާ ޗޮޕާޑްގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި އެމެރިކާއަށް ނިސްބަތްވާ ފަލަސްތީނު ނަސްލުގެ ސުޕަ މޮޑެލް ބެލާ ހަދީދް ހަމަޖައްސައިފި އެވެ.

ޗޮޕާޑްގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި ބެލާގެ އެންމެ ފުރަތަމަ ޕްރޮޖެކްޓަކީ ސެޕްޓެމްބަރު އެއްވަނަ ދުވަހު ލޯންޗު ކުރެވުނު އެ ކުންފުނީގެ "ހައުޓޭ ޖޯއީލެރީ ކަލެކްޝަން"ގެ ކެމްޕެއިނެވެ.

ފޮޓޯގްރާފަރު އެލެސްޑާ މެކްލެލަން ނަގާފައިވާ ބެލާގެ ހަ ފޮޓޯ އެ ކެމްޕެއިންގެ ދަށުން އާއްމުކޮށްފައިވާއިރު ކޮންމެ ފޮޓޯއަކުން ވެސް އެ ކަލެކްޝަންގެ ރީތި ގަހަނާތައް ފެނިގެންދެ އެވެ.

ބެލާއަކީ އެންމެ ކުރީއްސުރެ ވެސް ޗޮޕާޑްގެ އުފެއްދުންތައް ބޭނުން ކުރަމުން އައި ތަރިއެއް ނަމަވެސް މިއީ އެ ކުންފުންޏާއެކު އޭނާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

https://www.instagram.com/p/C_bfkSIyNkJ/?img_index=1

ޗޮޕާޑްގެ ކޯ ޕްރެޒިޑެންޓް އަދި އާޓިސްޓިކް ޑިރެކްޓަރު ކެރޮލައިން ޝުއެފޭ ވިދާޅުވީ ބެލާއަކީ އެ ކުންފުނީގެ އުފެއްދުންތަކުގެ ރޫހު ގެނުވައިދޭ ތަރިއެއް ކަމަށެވެ.

ބެލާގެ ކުރިން ޗޮޕާޑް ކުންފުނީގެ ގްލޯބަލް އެމްބެސަޑަރެއްގެ މަގާމުގައި ހުރީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ޖޫލިއާ ރޮބާޓްސް އެވެ.

ބެލާ އަންނަނީ ރީތިވުމަށް ބޭނުންކުރާ އުފެއްދުންތައް އުފައްދާ އޭނާގެ އަމިއްލަ ބްރޭންޑް "އޯރެއްލާ"ގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.