އެމެރިކާގެ ހަތިޔާރުގެ ރައްކާކުރެވިފައިވާ މިންވަރަށާއި، އަސްކަރީ މަރުކަޒުތަކަށް އީރާނު ހަނގުރާމައިގެ ސަބަބުން ކުރި އަސަރުތައް ބަޔާންކޮށް އެމެރިކާ ސަރުކާރުގެ ވޮޗްޑޮގުން ރިޕޯޓެއް ނެރެފި އެވެ.

އެމެރިކާ ސަރުކާރުގެ ވޮޗްޑޮގުން ހޯމަ ދުވަހު ނެރުނު ފުރަތަމަ ރިޕޯޓުގައި، އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާގެ ކުރިއަރާފައިވާ ހަތިޔާރުތައް މަދުވެފައިވާކަމަށް އެއްބަސްވެފައިވެ އެވެ. އަދި މެދުއިރުމަތީގައި ހުރި އެމެރިކާގެ މަތިންދާބޯޓުތަކަށާއި، އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ފުރަތަމަ ފަހަރަށް މި ރިޕޯޓުގައި ވަނީ ހާމަކޮށްފަ އެވެ.

މީގެ ކުރިން ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި މީގެ ގިނަ މައުލޫމާތުތަކެއް ރިޕޯޓުކުރެވިފައިވީ ނަމަވެސް، ޕެންޓަގަންގެ އިންސްޕެކްޓަރު ޖެނެރަލްގެ މި ރިޕޯޓަކީ މި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ ފުރާނައަށާއި، ދައުލަތުގެ ބަޖެޓަށާއި، މުދަލަށް ލިބުނު ގެއްލުންތަކުގެ އެންމެ ފުރިހަމަ ރަސްމީ ހިސާބުތަކެވެ. މި ރިޕޯޓުގައި ޑިފެންސް ޑިޕާޓްމަންޓާއި، ސްޓޭޓް ޑިޕާޓްމަންޓްގެ އިތުރުން ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އިން ހޯދާފައިވާ މައުލޫމާތުތައް ހިމެނެ އެވެ.

އެންބީސީ ނިއުސްއިން ފުރަތަމަ ރިޕޯޓުކުރި މި ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އީރާނާއެކު ކުރެވުނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރުތަކުގެ ސްޓްރެޓީޖިކް އިންވެންޓްރީ މަދުވެ، ހަތިޔާރު އުފައްދާ ކާރުހާނާތަކުން ހަތިޔާރު ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަން ވަނީ ހާމަވެފަ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، މިސައިލްތަކާއި ޑިފެންސިވް މިސައިލް އިންޓަސެޕްޓަރުތައް ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އިތުރުކުރުމަށް އަސްކަރީ ކޮންޓްރެކްޓަރުންނަށް ގާތްގަނޑަކަށް ތިން އަހަރު ދުވަސް ނަގާނެ އެވެ.

ޕެންޓަގަންއިން މީގެ ކުރިން ތަކުރާރުކޮށް ބުނަމުންދިޔައީ ހަތިޔާރުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ކޮންމެ ހަނގުރާމައަކާ ކުރިމަތިލުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއް އެމެރިކާގެ އަސްކަރިއްޔާގައި އެބަހުރި ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ތާރީހުގައިވެސް ނުއުފައްދާ މިންވަރަށް ފެންވަރު ރަނގަޅު އަދި މޮޅު ހަތިޔާރުތައް މިހާރު އުފައްދަމުންދާ ކަމަށެވެ. އަދި އެ ހަތިޔާރުތައް ކޮންމެ ދުވަހަކުވެސް މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އެތައް ސަތޭކަ އިމާރާތެއް ހަލާކުކޮށްލި

އޭޕްރީލް 1 އިން ޖޫން 30 އަށް އެކުލަވާލާފައިވާ މި ރިޕޯޓުގައިވާ ގޮތުން، އީރާނުން ދިން ހަމަލާތަކުގައި ކުވައިތު، ބަހްރޭން، ގަތަރު، ޔޫއޭއީ، ސައޫދީ އަރަބިއްޔާ، އިރާގު، އޮމާން އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އެތައް ސަތޭކަ އިމާރާތަކާއި އޮނިގަނޑުތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ހަލާކުވެފަ އެވެ.

އެ ސަރަހައްދުގައި އެމެރިކާ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ކަމަށްވާ ބަހްރޭންގައި ހުންނަ ނޭވީ ބޭސްއަށް އީރާނުގެ ޑްރޯންތަކާއި ބެލިސްޓިކް މިސައިލް ހަމަލާތައް އަމާޒުވިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ސަބަބުން އެމެރިކާގެ ސެންޓްރަލް ކޮމާންޑަށް ވަނީ އެމީހުންގެ ސަޕްލައި ލައިންތައް މާ ދުރުގައި އޮންނަ އިންޑިއާ ކަނޑުގެ ޑިއޭގޯ ގާސިއާ ފަދަ މަރުކަޒުތަކަށް ބަދަލުކުރަން ޖެހިފަ އެވެ. މީގެ ސަބަބުން މެދުއިރުމަތީގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް 14 އާއި 18 ދުވަހުގެ ދިގު މުއްދަތެއް ހޭދަވާކަމަށް ރިޕޯޓުގައިވެ އެވެ.

އެކްޓިން ނޭވީ ސެކްރެޓަރީ ހަންގް ކާއޯ މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުން ބަހްރޭންގައި ހުރި މަރުކަޒު ވަރަށް ބޮޑަށް ހަލާކުކޮށްލާފައިވާ ކަމަށާއި، އެ ތަން މަރާމާތުކުރުމާ މެދު ގޮތެއް ނިންމުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ އެތައް މަތިންދާބޯޓުތަކަކާއި ޑްރޯންތަކެއް ވެސް އީރާނުން ވަނީ ހަލާކުކޮށްލާފަ އެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ އަގުހުރި 30 އެމްކިއު-9 ރީޕާ ޑްރޯން ހިމެނެ އެވެ. އަދި ތެޔޮ އެޅުމަށް ބޭނުންކުރާ 7 ކޭސީ-135 މަތިންދާބޯޓު ހަލާކުވެފައިވާއިރު، އޭގެ ތެރެއިން 5 ބޯޓަކީ ސައޫދީ އަރަބިއްޔާގެ ބިމުގައި އޮއްވައި އީރާނުގެ ހަމަލާތައް އަމާޒުވި ބޯޓުތަކެވެ.

އިރާގުގައި ހިނގި އެކްސިޑެންޓެއްގައި ދެ ކޭސީ-135 ބޯޓު ޖެހި، ހަ ސިފައިން ވަނީ މަރުވެފަ އެވެ. މީގެ އިތުރުން އަރަބި ކަނޑަށް ހެލިކޮޕްޓަރެއް ވެއްޓި ޕައިލެޓަކު މަރުވެފައިވެ އެވެ. މި މަރުތަކަކީ ހަނގުރާމައިގެ ސީދާ ކުރިމަތިލުންތަކުގައި ހިނގި މަރުތަކެއް ނޫން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އިތުރު 11 ސިފައިން ކުވައިތު، އިރާގު، އުރުދުން އަދި ސައޫދީ އަރަބިއްޔާގައި ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ޑިޕްލޮމެޓިކް މަރުކަޒުތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު

ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ޖުލައި މަހުގެ ފަހުކޮޅު ކޮންގްރެސްއަށް މައުލޫމާތު ދެއްވި ގޮތުގައި މިހާތަނަށް މި ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ވަނީ ހަރަދުވެފަ އެވެ.

އެހެންނަމަވެސް، އެމެރިކާގެ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ލިބުނު ގެއްލުންތަކުގެ އަގު މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ. ރިޕޯޓުގައިވާ ގޮތުން އިރާގު، ކުވައިތު، ސައޫދީ އަރަބިއްޔާ އަދި ޔޫއޭއީގައި ހުރި މިފަދަ މަރުކަޒުތަކަށް އީރާނުގެ ހަމަލާތަކުގައި 184 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި މި ހަނގުރާމައިގެ ސަބަބުން އިތުރު 113 މިލިއަން ޑޮލަރު ވަނީ ހަރަދުވެފަ އެވެ. މީގެ ތެރެއިން 80 މިލިއަން ޑޮލަރު ހަރަދުކޮށްފައިވަނީ އެމެރިކާގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން، އެހެން ބައެއް ގައުމުތަކުގެ މީހުން އެ ސަރަހައްދުތަކުން ބޭރުކުރުމަށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ފުރަތަމަ ހަމަލާދިން ފަހުން، ޓްރަމްޕްގެ ސަރުކާރުން ވަނީ މެދުއިރުމަތީގެ ގައުމުތަކުންނާއި ޔޫރަޕުން ގާތްގަނޑަކަށް 9,000 އެމެރިކާ ރައްޔިތުން ސަލާމަތްކޮށްގެން ގެންގޮސްފަ އެވެ. މި މަސައްކަތަށް ޖޫން މަހުގެ ނިޔަލަށް 11 މިލިއަން ޑޮލަރަށްވުރެ ގިނައިން ހަރަދުވެފައިވެ އެވެ. ސަރުކާރުން ނިންމާފައިވަނީ މި ހަރަދުތައް އެ ރައްޔިތުންގެ އަތުން އަނބުރާ ނުހޯދުމަށެވެ.

އެންމެ ގިނަ މީހުން ބޭރުކޮށްފައިވަނީ އިޒްރޭލުންނެވެ. އެއަށްފަހު އިރާގާއި އުރުދުންއިންނެވެ. ޔޫއޭއީ އިން އެމެރިކާގެ 1,200 ރައްޔިތުން އިސްތަންބޫލް، އެތެންސް އަދި ވޮޝިންޓަނަށް ގެންދިއުމަށް އެކަނިވެސް 4 މިލިއަން ޑޮލަރު ހަރަދުވި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ތެރޭގައި 44 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ކުއްލި އަދި އާދައިގެ އަސްކަރީ ސާމާނު ވިއްކާފައިވާ ކަމަށާއި، މީގެ ތެރެއިން ގިނަ ތަކެތި ވިއްކާފައިވަނީ ސައޫދީ އަރަބިއްޔާއަށް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ރިޕޯޓުކޮށްފައިވެ އެވެ. މިގޮތުން ވިއްކާފައިވާ ތަކެތީގެ ތެރޭގައި އަސްކަރީ ހެލިކޮޕްޓަރުތަކާއި، ގޮވާތަކެއްޗާއި، ހަތިޔާރަށް ބޭނުންވާ އެހީތެރިކަމުގެ އިތުރުން ކުރިއަރާފައިވާ ޕްރެސިޝަން ހަތިޔާރުގެ ނިޒާމުތައް ހިމެނެ އެވެ.

ސަރަހައްދުގެ އެހެން ގައުމުތައް ކަމަށްވާ ގަތަރު، ކުވައިތު، ޔޫއޭއީ އަދި އިޒްރޭލަށް ވެސް ބިލިއަނުން އަގުކުރެވޭ ހަތިޔާރު ވިއްކާފައިވެ އެވެ. މިއީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ސަރަހައްދުގެ ގާތްގަނޑަކަށް ހުރިހާ ގައުމަކަށް އީރާނުން ދެމުންދިޔަ ހަމަލާތަކާ ގުޅިގެން ހިންގުނު މުއާމަލާތްތަކެކެވެ.