ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބުރައީސުންގެ މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ބާއްވާ ވޯޓުގައި، ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ވަކި ބަޔަކު ހޮވުމަށް ޕާޓީގެ ތެރޭގައި ފެކްޝަންތައް ހަދައިގެން މަސައްކަތްކުރަމުންދާ ކަމަށް އެ މަގާމަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ތުހުމަތުކުރައްވައިފި އެވެ.

ޕާޓީގެ އެތެރޭގެ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، ޕާޓީގެ ތެރޭގައި އުފެދިފައިވާ ފެކްޝަނަކުން ދަނީ ވަކި ކެންޑިޑޭޓުންތަކެއް ކަޓުވާލުމަށް ވޯޓުލެވޭ މެންބަރުންނަށް ނުފޫޒު ފޯރުވަމުންނެވެ.

އެގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަދި ޕީއެންސީގެ މިހާރުގެވެސް ނައިބުރައީސް މުހައްމަދު ނިމާލްގެ އިތުރުން، މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު އިންތިހާބުން ކަޓުވާލުމަށް ވަކި ފެކްޝަނަކުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. މީގެއިތުރުން އަސްމާގެ ދަރިކަލުން އަދި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ނައިބުރައީސްކަމުގެ މަގާމުން ބޭރުކޮށްލުމުގެ ރޭވުންތަކެއް ހިނގަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރައީސް މުއިއްޒު ތާއީދުކުރައްވާ ކެންޑިޑޭޓުންގެ ލިސްޓުގައި ނިމާލް އަދި އަސްމާގެ ނަން ހިމެނިފައިނުވާ ކަމަށާއި، އެ ދެ ބޭފުޅުންނަށް ވޯޓު ނުދިނުމަށް ވޯޓުލާ މެންބަރުންނަށް އެކި ގޮތްގޮތުން އަންގަމުންދާ ކަމަށް ކެންޑިޑޭޓުން ތުހުމަތުކުރެ އެވެ. މީގެއިތުރުން، މާލެއިން ބޭރުން ކޮންގްރެސްގައި ބައިވެރިވުމަށް ގެނެސްފައިވާ ތިންސަތޭކައަށްވުރެ ގިނަ މެންބަރުންނަކީވެސް ވަކި ބަޔަކު ހޮވުމުގެ މަގުސަދުގައި ގެނެސްފައިވާ މެންބަރުން ކަމަށް މައުލޫމާތު ލިބެ އެވެ.

ޕީއެންސީގެ ކޮންގްރެސްގައި އިންތިހާބުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަ ނައިބުރައީސުންނެވެ. އެ މަގާމަށް އަށް ކެންޑިޑޭޓަކު ވާދަކުރައްވާއިރު، އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހިމެނިވަޑައިގަންނަވަ އެވެ.

މި އިންތިހާބުގެ ވޯޓުލުން މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާތީ، ވޯޓުގެ ސައްހަކަމާމެދު އުފެދިފައިވާ ސުވާލުތަކާ ގުޅިގެންވެސް ބައެއް ކެންޑިޑޭޓުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.