މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާނަށް ދިން ވަޅީގެ ހަމަލާއިން އަދިވެސް އެއްކޮށް އަރައިނުގަނެވޭ ކަމަށް އޭނާ ބުނެފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސައިފް ވަނީ އެ ނުރައްކާތެރި ހަމަލާއިން ލިބުނު އަނިޔާތަކާއި ނަފްސާނީ ގޮތުން ކުރިމަތިވި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.

ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުގައި ސައިފް ބުނީ، އޭނާގެ އާއިލާއިން އެ ހާދިސާއިން އަވަހަށް އަރައިގަނެވުނު ނަމަވެސް، އޭނާއަށް މިއަދުވެސް ވަޅިއެއް ފެނުމުން އަމިއްލަ ނަފްސު ކޮންޓްރޯލްނުވެ ރިއެކްޓްކުރެވޭ ކަމަށެވެ.

"އަހަރެން އަދިވެސް ސަތޭކަ އިންސައްތަ އެކަމުން އަރައިގަނެވިފައެއް ނެވޭ، ސަބަބަކީ ވަޅިއެއް ފެނުމުން ވެސް އަހަރެންގެ ހަށިގަނޑު ކޮންމެވެސް ގޮތަކަށް ރިއެކްޓްކުރޭ،" ސައިފް ކިޔައިދިނެވެ.

މިދިޔަ އަހަރު (ޖެނުއަރީ 2025) ގައި އޭނާގެ ގެއަށް ވަދެ ދިން މި ހަމަލާގައި ލިބުނު ޒަޚަމްތަކަށް އަލިއަޅުވާމުން ސައިފް ބުނީ، އޭނާ ސަލާމަތްވީ ނަސީބު ގަދަ ކަމުން ކަމަށެވެ.

ހަމަލާދިން މީހާ ބޭނުންކުރީ ވަރަށް ނުބައި ވަޅިއެއް ކަމަށާއި، ހަމަލާދެނިކޮށް ވަޅި ބިންދައިގެން ނުދިޔަނުނަމަ، އަދި މާ ނުރައްކާތެރިކޮށް ޒަހަމްވީސް ކަމަށް އޭނާ ފާހަގަކުރި އެވެ.

މި ހަމަލާގައި އޭނާގެ މައިބަދައަށް ވަރަށް ބޮޑަށް އަނިޔާވެ، ވަޅީގެ ބައެއް މައިބަދައިގެ ތެރޭގައި ތާށިވެފައި ވުމުން ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.

އެ ހާދިސާ ހިނގި ވަގުތު މަރާ ކުރިމަތިލާންޖެހިދާނެ ކަމަށް ހީވި ނަމަވެސް، އޭނާއަށް ކުރެވުނީ ތަފާތު އިހުސާސްތަކެއް ކަމަށް ސައިފް ބުންޏެވެ.

ލެއިން ތެމިފައި އޮތްއިރުވެސް ހިތަށްއެރީ އޭނާގެ ޙަޔާތް ވަރަށް ފުރިހަމަ ކަމަށާއި، މަރުވުމަށްވުރެ އޭނާ ބިރުގަތީ އަތްފައިން ވާގި ނެތިދާނެތީ ޖެހިދާނެތީ ކަމަށް އޭނާ ހާމަކުރި އެވެ.

މީގެ އިތުރުން، މިފަދަ ކަންކަން ހިނގަން މެދުވެރިވަނީ މުޖުތަމައުގެ ފަރަގު ބޮޑުވެ، ބައެއް މީހުން ނިކަމެތިވުމުގެ ސަބަބުން ކަމަށް ދެކޭ ކަމަށާއި، ހަމަލާދިން މީހާއަށް މައާފު ކުރަންވެސް ތައްޔާރަށް ހުރި ކަމަށް ސައިފް ވަނީ ބުނެފަ އެވެ.