ދިވެހިރާއްޖެ އެމީހުންގެ ދަށުގައި ބޭއްވުމަކީ އިނގިރޭސިންގެ ޒަމާންވީ އެދުމެއް ކަމަށް ވިޔަސް ގަދަބާރުން އެކަން ކުރުމަށް އިނގިރޭސިން މަސައްކަތް ކޮށްފައިވާ މިންވަރަށް ވުރެ ބޮޑަށް ދިވެހީންގެ ތެރެއިން ބަޔަކު ނުވަތަ ވަކި ޚާއްސަ މީހަކު އެކަމަށް ބާރު އަޅައިގެން މަސައްކަތް ކޮށްފައި ހުރިތަން ތާރީޚުގެ ސަފުހާތަކުން ރީތިކޮށް އޮތީ ފެންނާށެވެ. އެކަމަށް މަގުފަހިކޮށްދިން އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި ނުރަސްމީ ސިފައެއްގައި އުފެދުނު ސިޔާސީ ދެ ޕާޓީއެއްގެ ވާދަވެރިކަމެވެ. އެއީ ކަކާގެއާއި އަތިރީގޭގެ ވާދަވެރިކަމެކޭ ވެސް ބުނެވިދާނެ އެވެ.

އެއީ 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހެވެ. ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރައްވަމުން ގެންދެވީ އައްސުލްތާން މުހައްމަދު މުޢީނުއްދީން 2 އެވެ. ރަސްގެފާނުގެ ކުރިފުޅުމަތީގައި އޮތީ އަރަބި ބަހުން ލިޔެފައި އޮތް ސިޓީއެކެވެ. އެއީ ސިލޯނުގައި އޮތް އިނގިރޭސި ސަރުކާރުގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ގަވަރުނަރު ސިލޯނުގެ މުސްލިމް އަރަބި ދަންނަ މީހަކު ލައްވައި ލިޔުއްވައިގެން ގެންނެވި ސިޓީއެކެވެ.

އެ ސިޓީއަކީ ރަދުން އިނގިރޭސި ބަހުން ލިއުއްވައި ސޮއިކުރައްވާފައި ފޮނުވި ސިޓީފުޅެއްގެ ތަރުޖަމާ އެވެ. ސިޓީ އަރަބި ބަހުން ލިޔަން ޖެހުނު ސަބަބަކީ ރާއްޖެއިން އެދުވަސްވަރު އިނގިރޭސި ދައުލަތާ ދެމެދު ބަދަލުކުރަމުން އަންނަ ރަސްމީ ލިޔެކިޔުންތައް އަރަބި ބަހުން ހުންނާތީވެ، އެ ސިޓީ ވެސް އޮންނަން ޖެހޭނީ އަރަބި ބަހުން ކަމަށް އިނގިރޭސިންނަށް ފެންނާތީ އެވެ.

މުއީނުއްދީނު ރަދުން އަރަބިބަހުން ސިޓީ ނުލިއުއްވައި އިނގިރޭސި ބަހުން ލިއުއްވި ސަބަބެއް ކަމަށް އެރަދުން އިނގިރޭސިންނަށް އެންގެވީ ގަނޑުވަރުގައި އަރަބި ބަހުން އެބާވަތުގެ ލިޔެކިޔުންތައް ތައްޔާރު ކޮށްދެއްވާ ބޭފުޅާ ކޮންމެވެސް އުޒުރަކާހުރެ ހާޒިރުވެ ނެތުމެވެ. އަރަބި ބަހުން ސިޓީ ނުލިޔެވޭނަމަ ތާނައިން ލިޔުމަށް ވެސް އިނގިރޭސިން އެދުނެވެ. އެހެން ނަމަވެސް މުއީނުއްދީނު ރަދުންނާ ހަވާލާދެއްވައި އިނގިރޭސި ގަވަރުނަރު ވިދާޅުވެފައިވާގޮތުގައި ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ދިވެހި ބަސްކަމުގައި ވިޔަސް ތާނަ ލިޔުއްވަން ރަސްގެފާނަކަށް ވެސް ނުވަތަ ގަނޑުވަރުތެރޭގެ ބޮޑުންނަށް ވެސް ނޭނގެ އެވެ.

އިނގިރޭސި ގަވަރުނަރު އެހާވަރަކުން ރަސްމީ ސިފައެއްގައި ދިވެހިރާއްޖޭގެ ރަދުންގެ ފަރާތްޕުޅުން ހޯއްދެވި ސިޓީއަކީ ނުވަތަ ލިޔުމަކީ އިނގިރޭސިން ރާއްޖެ އަޅުވެތިކުރުމުގެ ހިމާޔަތުގެ އެއްބަސްވުމެވެ. ނުވަތަ ދިވެހި ރަދުން ލައްވާ ގަދަކަމުން ސޮއި އަތުލި ހިމާޔަތުގެ ސިޓީ އެވެ.

މުއީނުއްދީން ރަދުން ލައްވާ އިނގިރޭސިން ގަދަކަމުން ސޮއިކުރުވި ހިމާޔަތުގެ އެއްބަސްވުމަކީ ހަގީގަތުގައި ދިވެހިރާއްޖެއިން އުފަންވެ ދިވެހި ދަރިޔަކު އިނގިރޭސިންނަށް ދިން ލަފަޔަކާއި ޚިޔާލެއްގެ ތެރެއިން އުފަންވެގެން އައި ކަމެކެވެ.

ސާދަވަނަ ގަރުނު ފެށުނުއިރު ރާއްޖޭގެ ތަޚުތުގައި ހުންނެވީ އައްސުލްތާން އިބްރާހިމް ނޫރައްދީން، ނުވަތަ ނޫރައްދީން ބަންޑާރައިންނެވެ. އެރަދުންގެ ބޮޑު ވަޒީރެއްގެ ގޮތުން ސަރުކާރު ހިންގެވުމާ ހަވާލުވެ ހުންނެވީ ކަކާގޭ އަލްއަމީރު މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެހެންމަވެސް މާގިނަ ދުވަހެއް ނުވެ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑު ވަޒީރުކަމުން ދުރުކުރައްވައި އަތިރީގޭ އިބްރާހިމް ދީދީ އަށް ބޮޑު ވަޒީރުކަން ހަވާލުކުރެވުނެވެ. އެ ހިސާބުން ރަންނަބަނޑޭރި ކިލެގެފާނުގެ ދުވަސްވަރު ބޮޑުންނަށް ތިއްބެވި ބޭބޭކަލުންގެ ބަދަލުގައި އަތިރީގޭ އިބްރާހިމް ދީދީއަށް ތަބާވާ މީސްމީހުން ގަނޑުވަރުތެރޭގެ މަގާމުތަކަށް ގެނަ އެވެ. އެއާއެކު އަތިރީގޭ ޕާޓީއާއި ކަކާގޭ ޕާޓީ ރަސްމީކޮށް ނޫން ނަމަވެސް އުފެދި، އަތިރީގޭ ޕާޓީ ވެރިކަމުގައި އޮވެ، ކަކާގޭ ޕާޓީ އިދިކޮޅު ޕާޓީއެއްގެ ސިފައިގައި ހަރަކާތްތެރިވާން ފަށައިފި އެވެ. އެގޮތުގައި މާގިނަ ދުވަހެއް ނުވެ ނޫރައްދީން ބަންޑާރައިންނަށް ތަޚުތު ދޫކޮށްލައްވަން މަޖުބޫރު ވެވަޑައިގެންނެވި އެވެ. ދެން ތަޚުތަށް އިސްވީ އަނެއްކާވެސް ކުރީގެ ރަދުން މުއީނުއްދީނެވެ. އެ ހިސާބުން އަތިރީގޭ ޕާޓީ އިދިކޮޅު ޕާޓީއަކަށްވެ ކަކާގޭ ޕާޓީ ވެރިކަމަށް އަ އެވެ. ބޮޑު ވަޒީރަކީ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. މާލޭގެ ރައްޔިތުންނަށް ދެން ފެނުނީ އޭގެ ކުރިން އެ މީހުން ދުވަހަކު ވެސް ދެކެފައިނުވާ ފަދަ ބިރުވެރި ދުވަސްތަކެކެވެ.

ބޮޑު ހުޅުގެ ނަމުން މަޝްހޫރުވެފައިވާ ހުޅު ޖެހުމުގެ ހަރަކާތްތައް ފެށިގެން ކުރިޔަށް ދިޔަ އެވެ. މާލޭގެ ގޭގެ އަނދައި، ވޯރާއިންގެ ފިހާރަތަކުގައި ހުޅުޖަހަމުން ގެންދިޔައީ އަތިރީގޭ އިބްރާހިމް ދީދީގެ ބެއްލެވުމުގެ ދަށުން އެމަނިކުފާނު ހިންގެވި ހަރަކާތެއްގެ ގޮތުގައި ކަން ފަހުން ފަޅާ އެރި އެވެ. ނަތީޖާއެއްގެ ގޮތުން އެމަނިކުފާނު ކުރެއްވި ކުށަށް އަދަބެއްގެ ގޮތުން ހަތަރެސްފައިގައި ހިލިހިލާ ޖަހައި އައްޑުއަށް އަރުވާލި އެވެ.

އޭރު އިނގިރޭސިން މައްސަލަ ބެލުމަށްޓަކައި މާލެ އައިސްފި އެވެ. ސަބަބަކީ ހުޅުޖެހުމުގައި އިނގިރޭސި ރައްޔިތުން ކަމަށްވާ ވޯރާއިންގެ ފިހާރަތައް އަނދައި އެމީހުންގެ މުދަލަށް ބޮޑެތި ގެއްލުންވެފައިވުމެވެ.

އިނގިރޭސި ސަރުކާރުގެ ފަރާތުން މައްސަލަ ބަލައި ތަހުގީގުކުރަން އައި ޓީމުގެ ވެރިޔާ ކެޕްޓަން ލޮއިޑް އެނބުރި ވަޑައިގެން އެރުވި ރިޕޯޓުގައި އަތިރީގޭ އިބްރާހިމް ދީދީއާ ހަވާލާ ދެއްވައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އެތެރޭގެ ކަންތަކާ އިނގިރޭސިން ބެހި ދިވެހި ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮންނަ ގައުމަކަށް ވެއްޖެނަމަ ވަރަށް ރަނގަޅުވާނެ ކަމަށެވެ.

"އިބްރާހިމް ދީދީއާ މެދު ފެންނަނީ އިނގިރޭސި ރައްޔިތެއް ކަމުގައެވެ. އެކަމަކު އޭނާ ވިހެއީ މާލޭގައެވެ. ގާލީގައި އުޅުނު 8 އަހަރުގެ ކުރިން ގިނަ އަހަރުތަކުގައި އޭނާ އުޅުނީ ދިވެހި ރާއްޖޭގައެވެ. އޭނާއަކީ ރަސްގެފާނުގެ ގާއިމް މަގާމް، ނުވަތަ ބޮޑު ވަޒީރެވެ. އޭނާ ކުރީގައި ހުރީ އިނގިރޭސިންގެ ރަށެއްގައެވެ. އެތާނގެ ރަށްވެހިންނާ އެކުވެރިވެގެންނެވެ. އެހެން ހުއްޓާ އޭނާއަށް ސިޓީ ފޮނުވާން ފަށައިފި އެވެ. (އެރަށުގެ މީހުންނަކީ އާންމު ގޮތެއްގައި ނުކިޔަވާ ތިބި ޖާހިލު ބައެކެވެ.) އަދި އޭނާ އަބަދުވެސް އިނގިރޭސި ދައުލަތަށް ވެވުނު ވަރަކުން މަދަދު ވެރިވާނެ ކަމުގަ އާއި، ރަހުމަތްތެރިކަން ދަމަހައްޓާނެ ކަމުގައި ބުނެ އެވެ. އިންގްލޭންޑް ދިވެހި ރާއްޖޭގެ ދާޚިލިއްޔަތާ މިހާރަށްވުރެ ގަދަ ބާރާ އެކު ބެހި މަސައްކްތަ ކުރިއްޔާ އެއީ ވަރަށް ހެޔޮފުޅު ކަމެއްކަމުގައި ވާނެއެވެ." ރާއްޖޭގައި ހިނގި ހުޅުޖެހުމުގެ މައްސަލަ ތަހުގީގުކުރުމަށްޓަކައި އައި ކެޕްޓަން ލޮއިޑް އިބްރާހިމް ދީދީ އާ ހަވާލާ ދެއްވައި ލިޔުއްވި އެވެ.

އަތިރީގޭ އިބްރާހިމްދީދީގެ އެ ހުށަހެޅުއްވުމުން ލިބުނު ޚިޔާލު، ގަވަރުނަރު ސާ އޭއެޗް ގޯޑަން އިނގިރޭސި ސަރުކާރަށް ހުށަހެޅުމުން އެ ސަރުކާރުން އެންގެވީ ރާއްޖޭގެ ރަދުންގެ އަތްޕުޅުން ހިމާޔަތަށް އެދި ސިޓީފުޅެއް ހޯއްދެވުމަށެވެ.

ރަސްގެފާނު އެ ސިޓީގައި ސޮއިކުރައްވަން ދެކޮޅު ހެއްދެވި އެވެ. އެހެނަސް އެވަގުތު ފަޅުގައި އޮތް އިނގިރޭސި މަނަވަރުގެ ބަޑިތައް ގަނޑުވަރާ ދިމާލަށް އަމާޒުކޮށް އައިސް ދެންމެ ދެންމެ ބަޑީ ޖަހާފާނެ ކަމަށް ހީފުޅުވުމުން ސޮއިކުރެއްވި އެވެ.

ޕާޓީ ޕޮލިޓިކްސް އިން ބަލިވެ، ވަޑައިގެންނެވުމުން، ބާރު ހޯއްދެވުމުގެ ބޭނުންފުޅުގައި އަތިރީގޭ އިބްރާހިމް ދީދީ އިނގިރޭސިންނަށް ދިވެހިރާއްޖޭގެ މިނިވަންކަން ވިއްކާލެއްވިކަން މި ހާދިސާއިން ރަނގަޅަށް އެނގެ އެވެ. އެ އެއްބަސްވުމުން ލިބިވަޑައިގެންނެވި ބާރުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ ވެރިކަމުގެ އާރާއި ބާރުގައި ދެމި ތިއްބެވެ.