ހެންވޭރުކޮޅުގައި އޮންނަ ވަރު ނުލާ ރާޅުގަނޑަކީ މާލެ ދަންނަ އެންމެންނަށް އެނގޭނެ ތަނެކެވެ. އެ ރާޅުގަނޑާ ގުޅޭ ކިތަންމެ ހަނދާނެއް ކިތަންމެ ބައެއްގެ ސިކުނޑީގައި ވަޅުލެވިފައިވާނެ އެވެ. އުފާވެރި ހަނދާނަތަކާއި ހިތާމަވެރި ހިތްދަތި ހަނދާންތައް އޭގެތެރޭގައި ހިމެނޭނެ އެވެ.

ވަރު ނުލާ ނަގަމުންދާ އެ ރާޅުގަނޑަކީ ދިވެހިންގެ ހިތްތަކުގައި އެތައް ގޮތަކަށް ޚާއްސަކަން ދެވިފައިވާ ތަނެއްކަން އެނގެނީ ތާރީޚީ ފްލޯކް ވާހަކަތަކުގައި އެ ރާޅުގަނޑުގެ ވާހަކަ ގެނެވިފައިވާ މިންވަރުންނެވެ. ރާއްޖެ އިސްލާމް ކުރެއްވި ދަންނަކަލޭގެފާނު ރަންނަމާރި ލެއްވި ފުޅިވެސް ވީ އެ ރާޅުގަނޑުގެ ތެރޭގައި ކަމަށް ބުނެވެ އެވެ.

ވަރުނުލާ ރާޅުގަނޑާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ ތެރެއިން ރާއްޖޭގެ ޕްރިންސެއްގެ ލޯބިވެރިޔާ އެތަނަށް ބަރޯސާ ބަނދެ، ދިރިހުއްޓާ ކަނޑު ފައްތާލި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެ ވާހަކަ ޒަމާނުއްސުރެ ތުންތުންމަތިން ދެކެވެމުން ރިވާވަމުން އައިއިރު ބަދަލުތަކެއް އައިސްފައިވާނެ ފަދައިން އެކިއެކި ލިޔުންތަކުގައި އެކި ގޮތްގޮތަށް ލިޔެފައި ހުރުން އެކަށީގެންވެ އެވެ.

ޕްރިންސްގެ ލޯބި ވެރިޔާގެ ވާހަކަ ދިވެހިންގެ ފަހުގެ ޖީލުތަކާ ހަމަޔަށް ގެނެސް ދެއްވީ މަޝްހޫރު ވާހަކަ ކިޔުންތެރިޔާ ބުރާރު މުހައްމަދު ފުޅެވެ. އެއީ ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތް ކޮށްދެއްވި މަޝްހޫރު ބަތަލު ބޮޑު ތަކުރުފާނުގެ ވާހަކަ ވެސް ކިޔައިދިން ޝަޚުސިއްޔަތެވެ.

ވާހަކައަކީ ރާއްޖެ އިސްލާމްވުމުގެ ކުރީގެ ވާހަކައެކެވެ. ތަޚުތު ފަޅުފިލުއްވަމުން ގެންދެވީ މަޝްހޫރު ތީމުގޭ ވަޑީ ކަލަމިންޖާ އެވެ. އެ ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރުގެ ތެރެއިން ދުވަހެއްގައި ރާއްޖެއަށް އައި ވިޔަފާރި ގުރާބަކުން ގެނައި މާރީތި އަންހެން ސާހިބެކެވެ. އެކަމަނާގެ ރީތިކަމާއި މުރުއްވަތްތެރިކަމުގެ ސަބަބުން ގުރާބުގެ މީހުން އެކަމަނާ ލާފައި ހުންނަނީ ބިއްލޫރި އަލަމާރިއަކަށެވެ. އެ އަލަމާރިއާއެކު ގުރާބުގައި މާވަރުގަދަ ސާރި ދޯޅެއް ވެސް އޮވެ އެވެ. އެއީ ބިއްލޫރި އަލަމާރީގައި އިންނަވާ އަންހެން ސާހިބާގެ ސިކިއުރިޓީއަށް ޚާއްސަ ސާރިދޯޅެކެވެ.

ގުރާބުގައި އިން އަންހެން ސާހިބާއަށް މާލޭގެ ގިނަ ފިރިހެނުންގެ ހިތް ވަނީ ދެވިފަ އެވެ. އެހެންނަމަވެސް ސާރިދޯޅުގެ ބިރުވެރިކަމާ ހެދި ގުރާބާ ކައިރިވާން އެއިން މީހަކަށް ނުކެރެ އެވެ. އެކަން އެހެން އޮތްކަމުގައި ވިޔަސް އަންހެން ސާހިބާ ގެއްލިއްޖެ އެވެ. ބިއްލޫރި އަލަމާރިއާ ވެސް އެކުގަ އެވެ.

އަލަމާރި ގެއްލުނު މައްސަލަ ގުރާބުގެ މީހުންނަށްވީ ވަރަށް ބޮޑު ކަމަކަށެވެ. އެމީހުންގެ ތަހުލީލުތަކުންނާއި އިންވެސްޓިގޭޝަންތަކުން ސާބިތުވި ގޮތުގައި އަންހެން ސާހިބާ ގެންދިޔަ މީހަކަށް ސާރިދޯޅު ވަނީ ހަމަލާ ދީފަ އެވެ. އެހެންކަމުން އެމީހެއްގެ ގައިގައި އޭގެ ނިޝާން ހުންނާނެ އެވެ.

ލަސްތަކެއް ނުވެ އެ ޝަކުވާ ރަސްގެފާނާ ހަމަޔަށް ހިނގައްޖެ އެވެ. ގުރާބުގެ މީހުން ބޭނުންވީ މާލޭގެ ހުރިހާ ފިރިހެނުންގެ ހަށިގަނޑު ޗެކްކޮށް ނިޝާން ހުރި މީހަކު ހޯދައި އެމީހަކަށް އަދަބު ދިނުމެވެ. ރަސްގެފާނު އެކަމަށް ރުހި ގަބޫލުފުޅުވުމުން މާލޭގެ ހުރިހާ ފިރިހެނުންގެ ހަށިގަނޑު ބަލައިފާސްކޮށް ނިމުނުއިރު ވެސް އެފަދަ އެއްވެސް ނިޝާނެއް ނުފެނުނެވެ. އެހެންކަމުން ގުރާބުގެ މީހުން ދިމާ ކުރީ ގަނޑުވަރު ތެރޭގައި އުޅުއްވާ ރަސްގެފާނުގެ އާއިލީ ބޭބޭފުޅުން ހަށިގަނޑު ވެސް ފާސްކުރުމަށެވެ.

ރަސްގެފާނުގެ ހުއްދައާއެކު ބަލާ ފާސްކުރުމުގެ ތެރެއިން ރަސްގެފާނުގެ ކޮއްކޯފުޅު ޕްރިންސް ހުދެއިގެ ބުރަކަށި ފުޅުން ސާރިދޯޅުގެ ނިޝާން ފެނިއްޖެ އެވެ. އެވަގުތު ގުރާބުގެ މީހުން ކަނޑިތައް ހިފައިގެން ހުދެއިގެ ފަހަތުން ދުއްވައިގަތުމުން ހުދެއި ގޮސް މާފަންނުކޮޅުން ވަލުތެރެއަށް ވަދެވަޑައިގެންނެވި އެވެ. އެތައް ދުވަހެއް ވަންދެން ގުރާބުގެ މީހުންކުރި މަސައްކަތުން ވެސް އެ ވަލުތެރެއިން ހުދެއިގެ ނިޝާނެއް ނުފެނުމުން ގުރާބު ފުރައިގެން ދިޔައީ އެވެ.

ގުރާބު ފުރައިގެން ދިއުމުން ހުދެއި ވަލު ތެރެއިން ނިކުންނަވައި ޚަބަރު ބެއްލެވިއިރު އަންހެން ސާހިބާ ގަނޑުވަރުގައި އިންނެވިކަން އެނގިވަޑައިގެން އަވަސް އަވަހަށް އެކަމަނާ ހޯއްދެވުމަށް ވަޑައިގެންނެވި އެވެ. އެހެނަސް އޭރު ހުދެއިގެ ބޭބެ ވަނީ އެކަމަނާއާ ހިތްޕުޅާ ހަމަކުރައްވާފަ އެވެ.

އަންހެން ސާހިބާގެ މައްސަލައިގައި ރަސްގެފާނާ ޕްރިންސްގެ މެދުގައި އުފެދުނު މައްސަލަ ހައްލުނުވުމުގެ ނަތީޖާއެއްގެ ގޮތުން ރަސްގެފާނުގެ އަމުރުފުޅަށް އެރީތި އަންހެން ސާހިބާ ބިއްލޫރި އަލަމާރިއަށްލައި، ބަރޯސާ ބަނދެ، ލޮނުޒިޔާރަތްކޮޅާ ދިމާޔަށް ކަނޑުފައްތާލި އެވެ. ބުނެވޭގޮތުގައި ފެތެމުން ދިޔަ އަލަމާރީގައި ހުދެއި ބާރަށް ބައްދަވައިގެން އޮންނެވި އެވެ. ލޯބިވެރިޔާ އާއެކު ޕްރިންސް އަޑިއަށް ދިޔަކަމަށް ވެސް ކިޔަ އެވެ. އެވަގުތު އެ ހިސާބުގަނޑުގެ ލޮނުގަނޑަށް ލޮޅުންއަރައި ހިއްލާލި ރާޅު އޭގެ ފަހުން ދުވަހަކު ވެސް މަޑުވުމެއް ނައިސް މިހާރު ވެސް އެ އޮތީ އެވެ. އެ ރާޅުގަނޑަކަށް ވަރުލުމެއް ނެތެވެ.