ކަނޑުމަގުން ހަކަތަ އުފުލާ ގިނަ އަދަދެއްގެ ޓޭންކަރުތަކަކަށް އަމާޒުކޮށް ދާދިފަހުން ދިން ސައިބާ ހަމަލާތަކެއްގެ ފަހަތުގައި އީރާން ބައިވެރިވުން އޮތްތޯ އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ތަހުގީގުކުރަން ފަށައިފި އެވެ. މިކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު "ވޯލް ސްޓްރީޓް ޖާނަލް" (ޑަބްލިއުއެސްޖޭ) އިން ޝާއިއުކުރި ރިޕޯޓެއްގަ އެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ ސަރަހައްދުން ބޭރުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް، ސައިބާ އޮޕަރޭޝަންތަކާއި ޓެރަރިޒަމްގެ ރޭވުންތައް މެދުވެރިކޮށް އީރާނުން މި ހަނގުރާމަ އިތުރަށް ފުޅާކުރަމުންދާ ކަމުގެ ކަންބޮޑުވުން އެމެރިކާއިން ދަނީ ފާޅުކުރަމުންނެވެ.

މި މައްސަލައާ ގުޅުންހުރި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ތެލާއި، ލިކުއިފައިޑް ޕެޓްރޯލިއަމް (އެލްޕީޖީ)، ކެމިކަލް އަދި ގޮވާތަކެތި އުފުލާ ގާތްގަނޑަކަށް 50 އެއްހާ އުޅަނދަކަށް މިފަދަ ސައިބާ ހަމަލާތައް އަމާޒުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން، މި ހަމަލާތަކުގެ ތެރޭގައި ބައެއް ބޯޓުތައް ގޮއްވާލާނެ ކަމުގެ އިންޒާރުތަކާއި، ބޮމުގެ ބިރުދެއްކުންތައް ވެސް އެ ބޯޓުތަކަށް ލިބިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމެރިކާގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި މި ހަމަލާތަކުގެ މައިގަނޑު ތުހުމަތު އީރާނަށް އަމާޒުވި ނަމަވެސް، މިކަމުގެ ފަހަތުގައި ރަޝިއާގެ ބައިވެރިވުމެއް އޮވެދާނެ ކަމަށްވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ. މި މައްސަލައިގެ ތަހުގީގުތައް އެމެރިކާއިން މިހާރު ދަނީ ވަރަށް ގާތުން ހިންގަމުންނެވެ.