އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި ބަޖެޓު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. އަދި މި ބަޖެޓު ފާސްކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ބަލައިގަތުމެއް ނެތި އެވެ.
އަންނަ އަހަރަށް ފާސްކުރި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ، މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓު ހަރަދުތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ޖުމްލަ ހަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ރިކަރަންޓު ހަރަދަށް 42.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 9.2 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ސިއްހީ ދާއިރާއަށް ހާއްސަކޮށްގެން އެކުލަވާލާފައިވާ މި ބަޖެޓުގައި، އެ ދާއިރާއަށް 10 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ ބަދަލުގައި ބަޖެޓު އިއުލާންކުރެއްވި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެފައިވަނީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ގައުމުގެ މުސްތަގުބަލަށްޓަކައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށް އަންނަ އަހަރު ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓުގެ އާމްދަނީއާއި ދަރަނީގެ ހިސާބުތަކަށް ބަލާއިރު، އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއާއެކު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރު ޖީޑީޕީ 129.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މީގެއިތުރުން، ނިމުނު އަހަރު 120 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ދަރަނި، އަންނަ އަހަރު 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓު ފޮތުގައި ވަނީ ހިމަނާފަ އެވެ.
އަންނަ އަހަރު އާ މަޝްރޫއުތައް ފެށުން މަދުވާނެ: މުއްތަލިބު
މީހުން ހަނދާން ހުންނަނީ އަހަރެން ކުޅުނު އެންމެ ފިލްމެއް: ކަރީނާ