ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއެއްގޮތަށް، ވެރިކަމުގެ ފުރަތަމަ ސާދަ ހަފްތާ ތެރޭގައި އަރަބިއްޔާ ސުކޫލު އިމާރާތްކުރުމަށް ސޮއިކުރި އެއްބަސްވުން އުވާލައިފި އެވެ.

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތުގެ އަގު ދަށްކުރަން ކޮންޓްރެކްޓަރަށް އެއްބަސް ނުވެވުމުން، އެ ކުންފުންޏާ އެކު ވި އެއްބަސްވުން ބާތިލް ވަނީ މިދިޔަ ހަފްތާ ތެރޭގައި އުވާލާފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 29 ސެޕްޓެމްބަރު 2022 ގަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ނިންމެވީ ބާ ޖަމާލުއްދީން ހިމެނޭ ސަރަހައްދަކީ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހޭ އަދި ހަލަބޮލި ހިސާބަކަށް ވާތީ އެހެން ތަނަކަށް އަރަބިއްޔާގެ އާ އިމާރާތް ބަދަލުކުރާށެވެ. އެގޮތުން މި ސަރުކާރުން އަރަބިއްޔާ ސުކޫލު އިމާރާތްކުރަން ނިންމީ ކުރީގެ ކުނިކޮށި ހުރި ބިން ކަމަށްވާ 381 ނަންބަރު ކޮށީގަ އެވެ.

އެ ބިމަށް އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ބަދަލުކޮށް، އެއީ އެ ސްކޫލް ދާއިމީ ބިން ކަމަށް ރައީސް މުއިއްޒު ނިންމަވާ، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށިކަމަށް ފެބްރުއަރީ 24 ގައި އިއުލާން ކުރި އެވެ. އެކަމަކު، މިއަދާ ހަމައަށް އެ ބިމުގައި އެއްވެސް ކަމެއް ނުކުރެ އެވެ. ސުކޫލު އިމާރާތްކޮށްނިމި ދެ އަހަރު ތެރޭގައި ބޭނުންކުރަން ފެށޭނެކަމަށްވެސް އޭރު ބުނެފައިވެ އެވެ.

މީގެ ނުވަ އަހަރު ކުރިން ބޭނުންކުރަން ފެށި ޗާނދަނީ މަގުގައި އިމާރާތްކުރި އަރަބިއްޔާ ސްކޫލް އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން އެ ސްކޫލު ހުސްކުރި އެވެ.

އޭގެފަހުން އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ނުލިބި އެކި ފަހަރު އެކި އިމާރާތްތަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން މިހާރު އަރަބިއްޔާ ސުކޫލު ކުދިން ކިޔަވަމުންދަނީ ކުރިން ދަރުމަވަންތަ ސުކޫލު އިމާރާތް ކުރަންދެން ބޭނުންކުރި ވަގުތީ އިމާރާތުގަ އެވެ.

އަރަބިއްޔާ ސުކޫލުގެ މައްސަލައަށް ހައްލު ހޯއްދަވާދެއްވާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ތެރޭގައި ވައުދުވެ ވަޑައިގަތެވެ. ނަމަވެސް އަދިވެސް މި ފެންނަނީ މި މައްސަލައަށް އަލިމަގެއް ނުފެނިގެން އުޅޭ ތަނެވެ.