ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަކޮށްލާފައިވާކަން އެ ޖަމާއަތުން މިއަދު ކަށަވަރުކޮށްދީފި އެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާ އާއި ފަލަސްތީނަށް ތާއީދުކޮށް، ލުބުނާނާއި އެގައުމުގެ ރައްޔިތުންގެ ދިފާއުގައި އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

މިއަދު އިޒްރޭލުގެ އަސްކަރިއްޔާއިން ވެސް ވަނީ ނަސްރުﷲ އަވަހަހާރަކޮށްލިކަން އިއުލާންކޮށްފަ އެވެ. އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހު ލުބުނާނުގެ ބައިރޫތަށް ދިން ހަމަލާތަކުގައި ހިޒުބުاللهގެ ލީޑަރު ހަސަން ނަސްރުﷲގެ އިތުރުން އެ ޖަމާއަތުގެ ދެކުނު ފްރަންޓްގެ ކޮމާންޑަރެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އަލީ ކަރަކޭއާއި ހިޒުބުاللهގެ އިތުރު ކޮމާންޑަރުން މަރާލާފައިވާކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާ ދޭން ފެށުމާއެކު، ހިޒުބުﷲ އިން ގެންދިޔައީ އެކި ގޮތްގޮތުން އިޒްރޭލަށް ހަމަލާ ދެމުންނެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަސް ތެރޭގައި އިޒްރޭލުން ވަނީ ގައްޒާއަށް ވުރެން ގަދައަށް ލުބުނާނަށް ހަމަލާ ދޭން ފަށާފަ އެވެ. މި ހަމަލާތަކުގައި ލުބުނާނުގައި މަރުވި މީހުންގެ އަދަދު ވަނީ 700 އިން މައްޗަށް އަރާފަ އެވެ. މީގެ އިތުރުން 118،000 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އެ ގައުމުން ބުނެ އެވެ.