ސައްޔިދު ހަސަން ނަސްރުالله އަވަހާރަކޮށްލުމާ ގުޅިގެން ހިޒްބުاللهއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކީ އެޖަމާއަތުގެ އެންމެ ވަރުގަދަ ދުޝްމަނު އިޒްރޭލުން އެ ޖަމާއަތުގެ ހަތިޔާރު އުފައްދާ ތަންތަން ނައްތާލުމާއި، ޖަމާއަތުގެ މުވާސަލާތީ މުއާމަލާތްތައް ބޫބީ ޓްރެޕްކޮށް، އެތައް އަހަރެއް ވަންދެން ސިއްރެއްގެ ގޮތުގައި އޮތް ތަޖުރިބާކާރު ލީޑަރު އަވަހާރަކޮށްލުމުގެ ފުރުސަތު ލިބި އެ ޖަމާއަތުގެ ސަފުތަކަށް އިޒްރޭލުގެ އިންޓަލިޖެންސްއަށް ވަނުމުގެ ފުރުސަތު ލިބުމެވެ.

ހުކުރު ދުވަހު ކޮމާންޑް ހެޑްކުއާޓަރެއްގައި ނަސްރުالله އަވަހާރަކޮށްލާފައި މިވަނީ އިޒްރޭލުން ހިޒްބުﷲގެ އެތައް ސަތޭކަ ޕޭޖަރަކާއި ވޯކީ-ޓޯކީތަކެއް ގޮއްވާލިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މިއީ ހިޒްބުاللهގެ ލީޑަޝިޕް ކައުންސިލްގެ ދެބައިކުޅަ އެއްބައި ނައްތާލައި، އެ ޖަމާއަތުގެ އެންމެ އިސް އަސްކަރީ ކޮމާންޑް ހަލާކުކޮށްލި ހަމަލާތަކެކެވެ.

އިޒްރޭލުން ވަނީ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފައި

އިޒްރޭލުގެ ވިސްނުން ހުންނަގޮތް އެނގޭ މީހަކު ނަސްރުﷲ އަވަހާރަކޮށްލުމުގެ 24 ގަޑިއިރު ކުރިން ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި އިޒްރޭލުން ހިޒްބުاللهއަށް ޖާސޫސުކުރުމުގެ މަސައްކަތްތަކަށް ފޯކަސް ކުރުމަށް 20 އަހަރު ހޭދަކޮށްފައިވާ ކަމަށާއި، އެ ގައުމުން ބޭނުން ވެއްޖެ ހިނދެއްގައި ނަސްރުالله އަށް ހަމަލާ ދީފާނެ ކަމަށާއި އޭގެ ތެރޭގައި ހެޑްކުއާޓަރުތައް ވެސް ހިމެނޭ ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ގާތް ވަޒީރުން ބުދަ ދުވަހު ހިޒްބުﷲ ގެ ލީޑަރު އަވަހާރަކޮށްލަން ހަމަލާ ދިނުމުގެ ހުއްދަ ދީފައިވާ ކަމަށް އިޒްރޭލުގެ ދެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދީފައިވެ އެވެ. މި ހަމަލާ ދީފައިވަނީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރުމަށް ނަތަންޔާހޫ ނިއުޔޯކުގައި އުޅެނިކޮށެވެ.

ނަސްރުالله އަކީ 2006 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު އާންމުންގެ ތެރެއަށް ނުކުމެ އުޅުއްވުމުން ދުރުހެލިވެވަޑައިގެންނެވި ބޭފުޅެކެވެ. ނަސްރުاللهގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ މީހަކު ބުނި ގޮތުގައި އޭނާ އަކީ ޒަމާނުއްސުރެ ސަމާލުވެ، ގިނަ މީހުންތެރެއަށް ނުކުމެ ނޫޅުއްވާ އަދި އޭނާއާ ބައްދަލުވާ މީހުންގެ އަދަދު ވަރަށް މަދުކުރައްވައިގެން އުޅުއްވަމުން ގެންދެވި ބޭފުޅެއްކަމަށެވެ. އޭނާ އަވަހާރަކޮށްލުމުން އެނގެނީ ހިޒްބުﷲ ޖަމާއަތަށް އިޒްރޭލަށް މައުލޫމާތު ދޭ ފަރާތްތަކުން ވަދެފައިވާކަމެވެ.

ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށްފަހު އިޒްރޭލުން އޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރާނެކަމުގެ ބިރު އޮތުމުން ހިޒްބުاللهގެ ލީޑަރު ހުންނެވީ ވަރަށް ބޮޑަށް ސަމާލުވެ ކަމަށް އެ ޖަމާއަތުގެ ވިސްނުން ހުރި ސަލާމަތީ މަސްދަރަކުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

ނަސްރުالله އަވަހާރަކޮށްލުމަކީ އޭނާގެ ޝިކާރައަކަށްވި އެތައް ބަޔަކަށް އިންސާފު ހޯދައިދިނުމުގެ ފިޔަވަޅެއް ކަމަށް ސިފަކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކާ ދެކޮޅަށް އިޒްރޭލުން ދިފާއުވުމުގެ ހައްގަށް އެމެރިކާއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

އިޒްރޭލުން ބުނީ ނަސްރުاللهއަށް ހަމަލާދިނީ ބައިރޫތުގެ ދެކުނުގައި މީހުން ދިރިއުޅޭ އިމާރާތެއްގެ ތިރީގައި، ބިމު އަޑީގައި ހުންނަ ހެޑްކުއާޓަރަށް ބޮން އަޅައިގެން ކަމަށެވެ.

މިއީ ހިޒްބުالله އަށް ލިބުނު ވަރަށް ބޮޑު ގެއްލުމަކާއި އިންޓެލިޖެންސް ފެއިލްވުމެއް،" ސްވިޑެންގެ ޑިފެންސް ޔުނިވާސިޓީގެ ހިޒްބުالله ގެ ތަޖުރިބާކާރު މާހިރެއް ކަމަށްވާ މެގްނަސް ރަންސްޓޯޕް ވިދާޅުވި އެވެ.

އިޒްރޭލުން ލުބުނާނަށް ދިން ވައިގެ ހަމަލާއެއް އަމާޒުވި ސަރަހައްދެއް

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ނަސްރުالله ހިމެނޭ ގޮތަށް ހިޒްބުالله ޖަމާއަތުގެ އެންމެ އިސް ނުވަ ކޮމާންޑަރުންގެ ތެރެއިން އަށް ކޮމާންޑަރުން މި އަހަރު މަރާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަމީހުން މަރާލީ ފާއިތުވި ހަފުތާގެ ތެރޭގައި ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާއި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ގޮއްވާލި ޕެޖަރުތަކާއި ވޯކީޓޯކީތަކުގެ ސަބަބުން ހިޒްބުاللهގެ 1500 އެއްހާ ހަނގުރާމަވެރިންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބި އަނިޔާވެފަ އެވެ.

ހޮނިހިރު ދުވަހު އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ނަޑަވް ޝޯޝާނީ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ނަސްރުالله އާއި އެހެނިހެން ލީޑަރުން އެއްވަމުންދާކަން އަސްކަރިއްޔާއަށް "ރިއަލް ޓައިމް" އެނގިފައިވާ ކަމަށެވެ.

ހިޒްބުالله އަކީ އަވަހަށް ކޮމާންޑަރުން ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާ ޖަމާއަތަކަށްވާއިރު، އިލްމުވެރިއެއް ކަމަށްވާ، ނަސްރުاللهގެ ކޮއްކޮ ހާޝިމް ސަފީދީން އަކީ ނަސްރުﷲ އާއެކު އަބަދުވެސް ހުންނެވި ބޭފުޅެއްގެ ގޮތުގައި ޒަމާނުއްސުރެ ފާހަގަކުރެވެ އެވެ. އެހެންކަމުން ހާޝިމް ސަފީދީން ހިޒްބުﷲގެ އާ ލީޑަރަށް ވުމުގެ ފުރުސަތު ބޮޑުކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އެމެރިކާ އާއި އިޒްރޭލުން އަންދާޒާކުރާ ގޮތުގައި އެ ޖަމާއަތުގައި 40،000 ހަނގުރާމަވެރިން ތިބި އިރު، ބޮޑެތި ހަތިޔާރުތައް ރައްކާކުރުމަށް އިޒްރޭލުގެ ބޯޑަރު ކައިރީގައި ފުޅާ ދާއިރާއެއްގައި ޓަނަލް ނެޓްވޯކެއް ގާއިމްކޮށްފައި ވެ އެވެ.

އީރާނުގެ ތާއީދު އެތައް އަހަރެއް ވަންދެން އޮތުމުގެ ސަބަބުން، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ކުރިން ހިޒްބުالله އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ހަތިޔާރު އެޅި ނޮން ކޮންވެންޝަނަލް އަސްކަރިއްޔާގެ ތެރޭގައި ހިމެނުނު ޖަމާއަތެއް ކަމަށް އެމެރިކާގެ އަންދާޒާތަކުން ދައްކައެވެ. އެގޮތުން 150،000 ރޮކެޓާއި މިސައިލް އަދި ޑްރޯން ހިޒްބުﷲގެ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭކަމަށް އެމެރިކާއިން ލަފާކުރެ އެވެ. މީ 2006 ވަނަ އަހަރު އެ ޖަމާއަތުން އިޒްރޭލާ ހަނގުރާމަ ކުރިއިރަށްވުރެ ދިހަ ގުނަ އިތުރު އަދަދުތަކެކެވެ. އޭގެ ފަހުންވެސް އިރާނުން ވަނީ ހިޒްބުﷲ އަށް ހަތިޔާރާއި ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.

ނަމަވެސް އިޒްރޭލުން މިހާރު ހިޒްބުﷲގެ އަމާޒުތަކަށް ދެމުންދާ ހަމަލާތަކުގައި އެ ޖަމާއަތުގެ 20-25 އިންސައްތަ މިސައިލް މަދުވެފައިވާކަމަށް ލަފާކުރެ އެވެ. ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި އިޒްރޭލުން ހިޒްބުﷲ ގެ 1000 ތަނަށް ހަމަލާ ދީފައިވާކަމަށް އެ ގައުމުން ބުނެ އެވެ.

އިޒްރޭލުގެ ވަރުގަދަ ހަމަލާތަކާއި ހިޒްބުﷲގެ އިންޓެލިޖެންސް ފޫއަޅުވާލުމާ ގުޅިގެން އެ ޖަމާއަތުގެ ކުރިމަގާމެދު ސުވާލު އުފެދިފައިވީނަމަވެސް ހިޒްބުﷲއަށް ވާގިވެރިވާ އިރާނުން ބުނެފައިވަނީ ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލު ހިފާނެކަމަށެވެ. މިއާއެކު މެދު އިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ ހަމަލާތައް ވަރުގަދަވެދާނެކަމަށްވެސް ލަފާކުރެވެ އެވެ.