ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް މީގެކުރިން ދައުލަތުން ދައުވާކުރި އެކި މައްސަލަތަކުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވުނުކަން ހަނދާނަކު ނެތް ކަމަށާއި އެފަދަ މަސައްކަތެއް ކުރެވިފައިވާ ނަމަ ޔާމީނާ ދެކޮޅަށް މިހާރު ދައުލަތުން ދައުވާކޮށްފައިވާ މައްސަލައިން ތަނާޒުލު ވެވަޑައިގަންނަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އައްބާސް ވިދާޅުވީ ޔާމީނު އަރިހުގައި މަސައްކަތް ކުރައްވާފައި ވާނީ ޕާޓީގެ ވަކީލެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ޔާމީނުގެ ވަކީލެއްގެ ހައިސިއްޔަތުން ކޯޓަށް ވަޑައިގެންނެވިފައިވާ ކަން ނުވަތަ ނޫންކަން ކަށަވަރު ކުރެއްވުމަށް ރެކޯޑުތައް ބައްލަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ މައްސަލަތަކުން ތަނާޒުލްވުމުގައި އަމަލުކުރާނެ އިޖްރާއަތުތަކެއް އެ އޮފީހުގައި ވަނީ ގާއިމްކުރެވިފައި ކަމަށެވެ. އަދި އެއީ ފުރިހަމަކަމާއެކު ހެދިފައިވާ އުސޫލެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޔާމީނާ ގުޅޭ މައްސަލައެއްގެ މަޝްވަރާއެއް މަގާމާ ހަވާލުވެވަޑައިގަތްފަހުން އަދި ނުބާއްވަ އެވެ. އައްބާސް ޔަގީންކަން ދެއްވަކީ އެކަމުގައި ކަނޑައެޅިފައިވާ އިޖްރާތާއެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަމެވެ.