ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނަށް އިންޓަރެކްޓިވް އެޑިއުކޭޝަނަލް ޒިޔާރަތެއް ބާއްވައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭ އިން ބުނީ އެ ޒިޔާރަތަކީ ޒުވާނުންގެ ބައިވެރިވުމާއި ތައުލީމު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބޭއްވި ޒިޔާރަތެއް ކަމަށެވެ. މި އިންޓަރެކްޓިވް އެޑިއުކޭޝަނަލް ޒިޔާރަތުގައި އަމީނިއްޔާ ސްކޫލުގެ 24 ދަރިވަރަކު ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓީއެމްއޭ އިން ބުނީ މި ހަރަކާތަކީ އެ ކުންފުނިން އަލަށް ތައާރަފްކުރި ޑިސްކަވާ ޓޫރިޒަމް: އެކްސްޕްލޯރިން ކެރިއާ ޕާތުވޭސް 2024 ޕްރޮގްރާމްގެ ދަށުން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ހަރަކާތް ހިންގުމުގެ ބޭނުމަކީ ޓޫރިޒަމާއި ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ދާއިރާއިން ދިވެހި ޒުވާނުންގެ ޝައުގުވެރިކަން އުފައްދައި މި ދާއިރާއިން ކުރިޔަށް ދިއުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޓީއެމްއޭ އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ނޫވިލު ޓާމިނަލަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކުރި މި ޒިޔާރަތުގެ ސަބަބުން ދަރިވަރުންނަށް ޓީއެމްއޭގެ އޮޕަރޭޝަން އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. އަދި މި ޒިޔާރަތުގައި ޓީއެމްއޭގެ މުހިއްމު ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ ތަޖުރިބާކާރު ޓީމުން މުހިންމު މައުލޫމާތުތަކެއް ދަރިވަރުންނާ ހިއްސާކުރި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޓީއެމްއޭ އިން އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނަށް ބޭއްވި އިންޓަރެކްޓިވް އެޑިއުކޭޝަނަލް ޒިޔާރަތުގައި މައުލޫމާތު ދެނީ. ފޮޓޯ: ޓީއެމްއޭ

އެ ދަރިވަރުންނަށް މައުލޫމާތު ދިން ދާއިރާތަކުގެ ތެރޭގައި ބިޒްނަސް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް، ސޭފްޓީ އެންޑް ސެކިއުރިޓީ، ކޮލިޓީ އެންޑް ކޮމްޕްލަޔަންސް، އެއާކްރާފްޓް މެއިންޓެނަންސް އޯގަނައިޒޭޝަން އަދި ފްލައިޓް އޮޕަރޭޝަންސް އިން ކޮންމެ ދުވަހަކު ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ދިނުން އޮތް ކަމަށް ވެސް ޓީއެމްއޭ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ ސެޝަންތަކަށް ފަހު ދަރިވަރުންގެ ކުރި ސުވާލުތަކަށް ޖަވާބު ދިނުން ވެސް ކުރިޔަށް ގެންދިޔަ ކަމަށެވެ. މިގޮތުން ވަޒީފާގެ ދައުރާއި، ބޭނުންވާ ސަނަދުތަކާއި، ކެރިއާގެ މަގުތަކާ ބެހޭ ގޮތުން އެކުދިންގެ ވިސްނުން އިތުރަށް ހަރުދަނާކުރުމާއި އޭވިއޭޝަން ދާއިރާ ހިމެނޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބުދިން ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.

މީގެ އިތުރުން އެ ދަރިވަރުންނަށް ޓީއެމްއޭގެ ފެސިލިޓީތަކުގެ ގައިޑެޑް ޓުއާއެއް ދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މިގޮތުން ލައުންޖްތަކާއި ބޯޑިން ގޭޓްސް އަދި ސީޕްލޭން ޑޮކްތަކުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ކުރާ ބުރަ މަސައްކަތުގެ މައުލޫމާތުތައް އެ ކުދިންނަށް ފޯރުކޮށްދިން ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.

"މި ތައުލީމީ ތަޖުރިބާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކާއި ގުޅިގެން ޓީއެމްއޭއިން ކުރިއަށްގެންދާ ފުޅާ ސްޓްރެޓެޖީގެ ތެރޭގައި ހިމެނޭ ކަމެއް. މިގޮތުން ފަތުރުވެރިކަމުގެ ސިނާއަތާއި އޭވިއޭޝަން ކެރިއަރުތައް އިތުރަށް ކުރިއެރުވޭނެ މި ޕްރޮގްރާމްގެ ތެރެއިން،" އެ ކުންފުނިން ބުންޏެވެ.

ޓީއެމްއޭ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ، މި ޕްރޮގްރާމްގެ ތެރެއިން ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންގެ މެދުގައި ޝައުގުވެރިކަން އުފައްދައި، ދާއިރާތަކުން ލިބެން ހުރި ފުރުޞަތުތައް އަންގައިދިނުން ކަމަށެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނިން މަސައްކަތްކުރާނީ ތައުލީމީ ޕްރޮގްރާމްތައް ހިންގައިގެން އަންނަން އޮތް ޖީލުތަކަށް މި ދާއިރާގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ދިވެހި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އެންމެ އިސްސަފުގައި މަސައްކަތްކޮށް، ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައިދާނުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް ޓީއެމްއޭއިން ބުނެ އެވެ.