ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ އާ ގަވައިދުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ހުޅުވާލައިފި އެވެ.

އެމްއެމްއޭ އިން މިދިޔަ އަންގާރަ ދުވަހު އާންމު ކުރި ގަވައިދުގެ ދަށުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ޖެހެ އެވެ. އާ ގަވައިދުގެ ދަށުން ދެ ބާވަތެއްގެ ލައިސަންސެއް ދޫކުރުމަށްވަނީ ހަމަޖެހިފަ އެވެ.

އެއީ ޓިއާ-1: ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް: މި ލައިސަންސް ދޫކުރާނީ ހަމައެކަނި ބޭރު ފައިސާ ގަނެވިއްކުމަށް އުފައްދާފައިވާ ކުންފުނިތަކަށެވެ. ޓިއާ-2: ބޭރު ފައިސާ ހަމައެކަނި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް: މި ލައިސަންސް ދޫކުރާނީ ޓޫރިސްޓު ރިސޯޓު ހިންގަން ހުއްދަ ނޫނީ ލައިސަންސް ލިބިފައިވާ ކުންފުނިތަކަށެވެ.

އެމްއެމްއޭއިން މިކަމާ ގުޅޭގޮތުން އިއްޔެ ކުރި އިއުލާނުގައި ބުނީ އާ ގަވައިދަށް އަމަލު ކުރަން ފަށާއިރު އެމްއެމްއޭ އިން ދޫކުރާ ލައިސަންސެއް ލިބިގެން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރާ ފަރާތްތަކުން، އާ ގަވައިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމަށް ވަކި ގޮތެއް ނިންމަންދެން މިހާރު ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ވިޔަފާރި ކުރިއަށް ގެންދެވޭނެކަމަށެވެ. ނަމަވެސް ދެ މަސްތެރޭގައި ލައިސަންސަސް އަށް ނޭދިއްޖެނަމަ މިހާރު ބޭނުންކުރާ ލައިސަންސް ބާތިލު ވާނެކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.

އާ ގަވައިދުގެ ދަށުން މުޅިން އަލަށް ލައިސަންސް ދޫކުރާނީ ޖުމްލަ 50 ފަރާތަށް ވުރެ އިތުރު ނުވާގޮތަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަލަށް ލައިސަންސްއަށް އެދޭ މީހުންގެ އަދަދު 50އަށް ވުރެ ގިނަވާ ނަމަ، ލައިސަންސް ދޭނީ ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެން ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. ނަމަވެސް މިހާރު ލައިސަންސް އޮތް އެންމެނަށްވެސް އާ ލައިސަންސްއަށް އެދެވޭނެކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެމްއެމްއޭ އިން އަލަށް އެކުލަވާލި ބޭރު ފައިސާ ގަނެ ވިއްކުމުގެ ގަވައިދުގައި ވާގޮތުން ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރީގެ މުވައްޒަފުންގެ ގޮތުގައި ގެންގުޅެން ޖެހޭނީ ހުސް ދިވެހިންނެވެ. އަދި މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުންތައް ވެސް ފުރިހަމައަށް ބަލަހައްޓަން ޖެހެ އެވެ.