އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ފައިސާ އިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓުން އަމުރުކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ކުރިން އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ކަމަށެވެ. އެހެންކަމުން ހުޅުމާލެ އަމީންއެވެނިއު އިން ގަނެފައިވާ އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަަށަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެޕާޓްމަންޓް ގަތް އެއް މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމް ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާކަން އެނގިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެފްއޭއެމްގެ ފައިސާ އިން އެޕާޓްމަންޓް ގަތުމަށްފަހު އެ ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފްއޭއެމް ހިޔާނާތުގެ މައްސަލައިގައި ބައްސާމުގެ އިތުރުން އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށްވެސް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. މި މައްސަލައިގައި މި ފަރާތްތަކުގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި، އޮޅުވާލުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެވެ.