ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ހުޅަނގު މޫސުމުގެ ބާރުވަނީ ގަދަވެފައިކަމަށާއި އެހެންކަމުން ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާއްމުވައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި އަދި ދެކުނުގެ ސަރަހައްދުގައި 13 މޭލާއި 23 މޭލު ބާރުމިނުގައި ޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވެގެން ދިއުން އެކަށީގެންވާކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ބެލެވޭއިރު، ދިޔަވަރުބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

މުޅިރާއްޖެ އަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ރައްކާތެރިކަމުގެ އިރުޝާދު ދީފަ އެވެ. އެންޑީއެމްއޭއިން ބުނީ އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރަލާ މަސައްކަތް ކުރުމަށް އިލްތިމާސްކުރާކަމަށެވެ.

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން މެންދުރަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވެ އެވެ.