މޯލްޑިވް ގޭހުން ބާ ސިލިންޑަރުތަކެއް ގެނައި މައްސަލާގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި އެ މައްސަލަ ބަލަމުން ދަނިކޮށް އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެދި ފެސިލިޓީތަކަށް އޮކްސިޖަން ސިލިންޑަރުތައް މޯލްޑިވް ގޭހުން ގެނައުމުގައި 16 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން އެކުލެވޭ ކަމަށް ކުރެވޭ ތުހުމަތުތު ކުރެވެ އެވެ. އެ މައްސަލަ ބަލަމުންދާއިރު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީއަށް ހާޒިރުކޮށް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އިކްރާމް ރޭ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ހޯމަ ދުވަހު އޮތް ކޮމެޓީގައި ތުހުމަތުތަކަށް ރައްދު ދެއްވާ އިކްރާމް ވިދާޅުވީ ސިލިންޑަރުތައް އޯޑަރުކުރުމަށް އެޕްރޫވް ދިން އަގަށް ވުރެ ބޮޑު އަގެއް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ކަމަށެވެ. އެ އޮޑިޓް ރިޕޯޓް ހެދި ހުރިހާ ފަރާތަކުން ވެސް މަސައްކަތް ކުރަމުން އަންނަނީ އޭނާ ފްރޭމް ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އިކްރާމްގެ މައްސަލަ އޭސީސީން އަންނަނީ ތަހުގީގުކުރަމުންނެވެ.

އޭސީސީން ބުނީ ރާއްޖެއަށް އޮކްސިޖަން ސިލިންޑަރުތަކެއް ގެނައުމަށް މޯލްޑިވް ގޭސްއިން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް މިދިޔަ އަހަރު އެކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތު ކުރެވެނީ ކިތައް މީހުންގެ މައްޗަށްކަން އޭސީސީން ނުބުނެ އެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރު ވިދާޅުވީ، ޕްރޯބިޒްގެ އަގު އެހެން ކުންފުނިތަކަށް ވުރެން ބޮޑު ކަމަށެވެ. އެ ކުންފުނި މެދުވެރިކޮށް ސިލިންޑަރު ގެނައުމަށް އިކްރާމް އިރުޝާދު ދެއްވާފައިވާ ސަބަބަކީ އަގު ބޮޑުވިޔަސް ވިހާވެސް އަވަހަށް އެތަކެތި ގެނައުންކަން އެނގެން އޮތް ކަމަށެވެ. އަދި އައު އޮކްސިޖަން ސިލިންޑަރުތައް ފޮނުވަން އެދުމުން ސިންގަޕޫރުގެ ކުންފުނިން ފޮނުވާފައި ހުރީ ބާ ސިލިންޑަރުތަކެއްކަން ވެސް އެ ކޮމިޓީގެ މައުލޫމާތުތަކުން އެނގިފައިވެ އެވެ.

މޯލްޑިވް ގޭހުން އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ކަން ހިންގާފައިވާ ގޮތް ބެލުމަށް އެކުންފުނީގެ ބެލެނިވެރި ކުންފުނި އެސްޓީއޯ އިން ވަނީ އިންޓާނަލް އޮޑިޓެއް ވެސް ހަދާފަ އެވެ.