ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީ ދަށަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކެއް ފަހުން އޮންލައިންކޮށް މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި ގެންނަވައި ބަދަލާއެކު ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި ގެނެވޭ ބަދަލާއެކު ހިންގުމަށް ބޮޑު ބަދަލުތަކެއް އަންނާނެ. މިނިސްޓަރު ނަހުލާއަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އިތުބާރު އޮތް ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ވެހިކަލްތަކެއް ރަޖިސްޓްރީކުރުމަށް ފޯޖު ޑޮކިއުމަންޓްތަކެއް ހަދާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އެގޮތުން 18 ވެހިކަލެއްގެ ފޯޖުކުރި މައްސަލައެއް އޭސީސީ އާއި ފުލުހުންނަށް ފޮނުވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް ހިދުމަތްތައް ދިނުމުގައި ލަސްތަކެއް އުޅޭތީ އެކަން ރައީސް އޮފީހުން ވެސް ބަލަމުން މިގެންދަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީ އުވާލައި ޓްރާންސްޕޯޓް އޮތޯރިޓީ ގާނޫނަކުން އުފައްދާފައި ވަނިކޮށް އަލުން ޓްރާންސްޕޯޓް މިނިސްޓްރީ އުފެއްދުމުން ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އަދި އެ އޮތޯރިޓީ އުވާލުމުން އެ މައްސަލަ ހައްލުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.