ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށް ކުރުމަގެއް ހޯދުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

އެ ޕާޓީން މިއަދު ޕީއެންސީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 61 ވަނަ މާއްދާއަށް އިސްލާހު ގެނެސްފަ އެވެ. އެ މާއްދާގައި ކުރިން އޮތީ ޕާޓީ އުވާލެވޭނީ 3/4 ސެނެޓަރުންގެ އަގުލަބިއްޔަތުން ކަމަށެވެ، މި މާއްދާއަށް އިސްލާހުގެނެސް ސެނެޓްގެ 2/3 އަގުލަބިއްޔަތުން އުވާލެވޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ޕީޕީއެމް އުވާލުމަށް ފަސޭހަވާނެގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަށް ވޯޓު ނެގުން --- ފޮޓޯ: ޕީޕީއެމް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ ނައިބު ރަައީސް އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން މިއަދު ޕީޕީއެމް ސެނެޓުން ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ -- ފޮޓޯ: ޕީޕީއެމް

މިއަދު އެ ޕާޓީން ވަނީ ދެ ބައްދަލުވުމެއް ބާއްވާފަ އެވެ. ފުރަތަމަ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ހަމަޖައްސަވާ، އެސްޖީގެ މަގާމަށް އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް ވަނީ ހަމަޖައްސާފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް މިނިސްޓަރު އަހުމަދު ޝިޔާމް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ

ފާހަގަކޮށްލެވޭ ގޮތުގައި ޕީޕީއެމްގެ ނައިބު ރައީސް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދުގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައިނުވެ އެވެ. ނަމަވެސް ޝިޔާމް ބައިވެރިވެވަޑައިނުގަތް ސަބަބެއް ނޭޭނގެ އެވެ.

އެނގިފައިވާ ގޮތުގައި އެތައް ރައްޔިތުންނެއްގެ ލޯތްބާއި ތާއީދު ލިބިފައިވާ ޕީޕީއެމް އުވާލުމަށް ޕީޕީއެމްގެ ބައެއް އިސްވެރިންނާއި ސެނެޓަރުންވެސް ދެކޮޅެވެ. ނަމަވެސް ޕީއެންސީއަށް 70،000 މެންބަރުން ހަމަކުރުމަށް ކުރަމުންދާ މަސައްކަތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން، ޕީޕީއެމް އުވާލުމަށް ރައީސް މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވަނީ އަންގަވާފަ އެވެ.