ފިޝަރީޒް މިނިސްޓަރު އަދި އެމްއާރުއެމްގެ މެމްބަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން ނޯޓިސް ފޮނުވައިފި އެވެ.
މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިދިކޮޅު ކޯލިޝަނުގެ 8 މެމްބަރުންނާއި މިނިވަން ދެ މެމްބަރުންގެ ސޮޔާއެކު އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސްޕޯކްސްޕާސަން ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ ދިހަ މެމްބަރުންގެ ސޮޔާއެކު ހުށަހެޅުއްވި އިތުބާރުނެތް ކަމުގެ މައްސަލައިގެ ނޯޓިސް މިއަދު އެކަމަނާއަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެޖެންޑާކުރާނީ ނޯޓިސް ފޮނުވިތާ 14 ދުވަސް ފަހުންނެވެ.
މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ސޮއި ކުރެއްވި މެމްބަރުންނަކީ ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް, މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް, ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް, ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން, މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު, ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ, ފަރެސްމާތޮޑާ ދާއިރާގެ ހުސައިން މުހައްމަދު ލަތީފް, މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގް, ފެލިދޫ ދާއިރާ އިބްރާހިމް ފަޒުލް ރަޝީދު, ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ, އަދި ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރެވެ.
މިނިސްޓަރު ޒަހާގެ އިތުބާރު ނެތް ކަމަށް ވިދާޅުވެ، މައްސަލަ ހުށަހަޅާފައި ވަނީ މަސްވެރިކަމާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެކަށީގެންވާ ގޮތެއްގައި ޒަހާއަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެ އެވެ.
މަސްވެރިންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކެއް ނުހެދި ލަސްވުމުގެ ސަބަބުން މީގެ ކުރިން ވެސް މިނިސްޓަރު ޒަހާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށް ސުވާލުކޮށްފައިވެ އެވެ.
ދާދި ފަހުން ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހް ޖަމާލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ މަގާމުން ވަކިކޮށްފަ އެވެ.