އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު ޝަހީދުކޮށްލި ހަމާސްގެ ލީޑަރު ޔަހްޔާ ސިމްވާރުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފައިނުވާތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިއަދު ދައުރު ކުރި ޕޯސްޓެއްގައި ވަނީ ހުކުރު ނަމާދަށްފަހު ޔަހްޔާ ސިމްވާރުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމުގެ ހުއްދައަށް ވަރަށް ގިނަ އިމާމުން އެދުނު ނަމަވެސް ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވިދާޅުވެ ޝަހީމް ހުއްދަ ނުދެއްވި ކަމަށެވެ.

އެގޮތަށް ލިޔެފައިވާ ޕޯސްޓާއެކު ފޭސްބުކުގައި ޝަހީމް ވިދާޅުވީ އެ ޕޯސްޓްގައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

https://www.facebook.com/photo/?fbid=8474657785952801&set=a.183799555038707

"މިއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. އެންމެހައި އަޚުންނާއި އުޚްތުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން،" ޝަހީމް ވިދާޅުވި އެވެ.

ޔަހްޔާ ސިމްވާރުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފައެއްނުވެ އެވެ. ކަށުނަމާދު ނުކުރީ ކީއްވެ ކަމެއް ޝަހީމް ވިދާޅެއްނުވެ އެވެ. އެކަން ކުށްވެރިކޮށް ސަރުކާރުން ބަޔާނެއް ނެރެފައެއް ވެސް ނުވެ އެވެ. އަދި ޝަހީމް ވެސް އެކަން ކުށްވެރިކޮށް އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.

ޝަހީމްގެ އެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ވަނީ މުސްލިމް މެޖޯރިޓީ އޮތް މެލޭޝިޔާއިން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުނުއިރު، ރާއްޖެއިން އެފަދަ ބަޔާނެއް ނުނެރުނީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ. އަދި އެކަން ދޮގުކުރުމުގެ ބަދަލުގައި ހަމާސްއާ މެދު ދެކޭގޮތް ޝަހީމް ހާމަކޮށްލިނަމަ މާ ރަނގަޅުވާނެ ކަމަށް ވެސް އިތުރު މީހަކު ބުނެފައިވެ އެވެ.