ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 25) - މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި އެ ގައުމުގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީ ލޫޓުވާލައިގެން ހިންގި މަލްޓި ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަށް ފަހު އެންމެ ފަހުން މެލޭޝިއާގެ ރައްޔިތުންގެ ކިބައިން ނަޖީބު މައާފަށް އެދިވަޑައިގެންފި އެވެ.
1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) އަކީ ނަޖީބުގެ ވެރިކަމުގައި 2009 ވަނަ އަހަރު އުފެއްދި ސޮވެރިން ވެލްތު ފަންޑެކެވެ. އެކަމަކު އެ ފަންޑުގައި އިސްކޮށް ތިބި މީހުން ބައިވެރިވެގެން ވަނީ 4.5 ބިލިއަން ޑޮލަރުގެ ވައްކަން ކޮށްފަ އެވެ. ނަޖީބުގެ މައްޗަށް ވެސް ވަނީ އެތައް ތުހުމަތެއް ކޮށްފަ އެވެ. ނަޖީބުގެ ވެރިކަން ވެއްޓުމުގެ މައިގަނޑު ސަބަބަކީ ވެސް އެ ބޭންކުގެ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތަކެވެ.
ނަޖީބުގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް މެލޭޝިއާގެ އެންމެ މަތީ ކޯޓުން 2022 ވަނަ އަހަރު ވަނީ ކަނޑައަޅައިފަ އެވެ. 1އެމްޑީބީގެ ޔުނިޓެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަނަލުން ވަނީ ނަޖީބުގެ އެކައުންޓަށް 10 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. އެ ކުށަށް އޭނާގެ މައްޗަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ފަހުން ވަނީ އެ އަދަބު ދެބައިކުޅަ އެއްބަޔަށް ލުއިކޮށްދީފަ އެވެ.
އުމުރުން 71 އަހަރުގެ ނަޖީބު ގެންދަވަނީ 1އެމްޑީބީގެ ކޮރަޕްޝަނުގައި އޭނާ ބައިވެރިނުވާ ކަމަށް ވިދާޅުވަމުންނެވެ. އަދި އޭނާގެ ފިރިހެން ދަރިކަލުން ނިޒާރު މުހައްމަދު ނަޖީބު މެދުވެރިކޮށް ވަނީ މެލޭޝިއާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ.
މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ނަޖީބުގެ ވެރިކަމުގައި ވަނީ ހުރަސް އަޅައިފަ އެވެ.
ބައެއް ފާރަތްތަކުން ބުނާ ގޮތުގައި އެ ބޭންކުން ނަޖީބަށް ވަނީ އެއް ބިލިއަން ޑޮލަރުގެ މަންފާ ލިބިފަ އެވެ. އޭގެ ތެރޭގައި 2013 ވަނަ އަހަރު ނަޖީބުގެ އެކައުންޓަށް ޖަމާކުރި 681 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. އެކަންތައްގަނޑު ފަޅާ އެރުމުން ނަޖީބު ވިދާޅުވެފައި ވަނީ އެއީ ސައުދީ އަރަބިޔާ އިން ދިން އެހީއެއް ކަމަށެވެ.