ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ފައިދާ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދަށްވެ، ހިންގުމުގެ ޚަރަދު ބޮޑު ބޮޑުތަނުން އިތުރުވެއްޖެ އެވެ.
ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކަށް ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ވިޔަފާރިކުރާ ކުންފުނިން މިއަދު އާއްމުކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 3.57 ބިލިއަން ރުފިޔާ އެވެ. އެކަމަކު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި 195.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ ކުއާޓަރުގައި ލިބިފައި ވަނީ 155.9 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ ހިންގުމުގެ ހަރަދާއި މާކެޓިންއަށް ކުރާ ހޭދަ ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ އިތުރުން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ އަދަދު ވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު އެ އަދަދު ވަނީ ގާތްގަނޑަކަށް 1.3 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުނިން ހިންގުމުގެ ހަރަދުގެ ގޮތުގައި 260 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދިި މާކެޓިން 103.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެއްފަހަރު ބުނާނެ ބިލިއަނުން ފައިދާއޭ....އަނެއްފަހަރު ބުނާނެ ގެއްލުން ވީއޭ.....ކުރިން ވެސް ވައްކަން މިހާރު ވެސް ވައްކަން..ދައުލަތުން ވައްކަން ކުރީމާ އަތް ހުރަހަށް ބުރިކުރަން ކެރޭ ވެރިޔަކު ދިވެހި ގައުމަށް ގެންނަންވީ.
ރިޕްލައި