މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ރެޕް އާޓިސްޓް، އަހުމަދު އިފްހާމް މުހައްމަދު (ޕެސްޓް)ގެ ބައްދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

މިއީ ޕެސްޓްގެ ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ.

ބަންދުގެ މުއްދަތު މުރާޖައާކުރަން އިއްޔެ ކޯޓަށް ހާޒިރުކޮށް ދައުތަކުން އެދިފައި ވަނީ މައްސަލަ ބަލާ ނިމެންދެން އެ މައްސަލާގައި ހައްޔަރުކުރި އެންމެން ބަންދުގައި ބޭތިއްބުމަށެވެ. އެހެން ނަމަވެސް، ގާޒީ އަލީ އާދަމް ނިންމެވީ ބަންދުގެ މުއްދަތު އިތުރު ފަސް ދުވަހަށް އިތުރުކުރުމަށެވެ.

ޕެސްޓުގެ ބަންދަށް ޖެހި ފުރަތަމަ 15 ދުވަސް ދިމި، ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން އެދުމުން ޢާޒީ އަލީ އާދަމް އިތުރުކޮށްދެއްދީ ދިހަ ދުވަހެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ޕެސްޓްގެ އިތުރުން ހަތަރު މީހަކު ވެސް ހައްޔަރު ކުރި އެވެ. އެ ހަތަރު މީހުންގެ ބައްދުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ.

އެ މައްސަލައިގައި ޕެސްޓުގެ އިތުރުން ދެން ހައްޔަރު ކޮށްފައިވަނީ، ލ. ގަން، ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝަމްއޫން އާއި ލ. ގަން، ތުނޑި، ރޯޝަންހިޔާ، އަހްމަދު ހުސާމް އާއި ލ. ގަން، ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުޢައިދު އަދި ކ. މާލެ، މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ހަސަން އެވެ.

ފުޅާ ދާއިރާއެއަގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި، ނޯތު ހާބަރުގައި އޮތް ބޯޓެއް އަދި ސައިކަލެއް ބަލައި ފާސްކޮށްފައިވެ އެވެ. އެ މައްސަލާގައި އެ މީހުން އަތުން 2.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.