ޖާނަލިޒަމް ނުވަތަ ނޫސްވެރިކަން، އުފެދުނީއްސުރެ މިއަދާ ހަމަޔަށް ކުރި ދަތުރަކީ އެހާ އޮމާން ދަތުރެއް ނޫނެވެ. ވަރަށް އާދައިގެ ދެލި ބޭނުންކޮށްގެން ދޫނީގެ ފަތުން ލިޔެ އުޅުނު ޒަމާނުން ފެށިގެން އެންމެ ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި އިނގިލި ކުރިން ހުރިހާ ކަމެއް ކޮށްލެވޭ ފެންވަރަށް ތަރައްގީވުމަށް ނޫސްވެރިކަން ކުރި ދިގު ދަތުރަކީ އަޑި ގުޑަންތަކުން ފުރިގެންވާ މަގެކެވެ.
ޗާޕް ކުރުން އުފަންވުން
ނޫސްވެރިކަން އޭގެ ޒާތުގައި ފެށުން ކަމުގައި ބެލެވެނީ މީލާދީން 15 ވަނަ ގަރުނުގައި ޗާޕްކުރުން އީޖާދުވި ހިސާބުންނެވެ. ޗާޕްގެ ޚިދުމަތް ދުނިޔެއަށް ތައާރަފުވުމާ އެކު ނޫސްތައް ޗާޕް ކުރުމުގެ ފުރުސަތު ލިބުނެވެ. އޭގެ ސަބަބުން އާންމުންނާ ހަމަޔަށް މައުލޫމާތު ފޯރުމަށް ފުރުސަތު ހުޅުވުނެވެ. މީލާދީން 18 ވަނަ ގަރުނާއި 19 ވަނަ ގަރުނުގައި ނޫސްތަކުގެ ނުފޫޒު ގަދަވެގެން ދިޔަ އެވެ. އޭގެ ސަބަބުން އާންމުންނާ ހަމަޔަށް ޚަބަރާއި މައުލޫމާތު ފަސޭހައިން ފޯރުމުގެ އިތުރުން ތަފާތު މައުލޫމާތުތަކާ މެދު އާންމު ބަހުސުތައް ހިނގައި، މީހުންގެ ވިސްނުމަށް ބަދަލު އަންނަން ފެށި އެވެ.
- އެންމެ ފުރަތަމަ ޗާޕް ކޮށްގެން ނޫހެއް ނެރުނީ ޖަރުމަނު ވިލާތުގައި 1605 ވަނަ އަހަރު
- އެންމެ ފުރަތަމަ އިނގިރޭސި ބަހުން ނޫހެއް ނެރުނީ ލަންޑަނުގައި 1621 ވަނަ އަހަރުގައި ލަންޑަނުގައި
- އެއް ގަނޑަށް ވުރެ ގިނަ ގަނޑު ހިމެނޭ ގޮތަށް ނެރުނު ފުރަތަމަ ނޫސް ނެރުނީ އެމެރިކާގައި 1690 ވަނަ އަހަރު
ބްރޯޑްކާސް ކުރުމުގެ ރަން ޒަމާން
ވިހި ވަނަ ގަރުނުގައި ރޭޑިއޯއާއި ޓީވީ އުފަންވުމާ އެކު ނޫސްވެރިކަމަށް އިންގިލާބެއް އަ އެވެ. ރޭޑިއޯއާއި ޓީވީގެ ޒަރީއާއިން ޚަބަރުތައް ތާޒާކަމާ އެކު އާންމުންގެ ގޭގޭގެ ކޮޓަރިތަކާ ހަމަޔަށް ފޯރަން ފެށި އެވެ. އެއާއެކު ބްރޯޑްކާސްޓް ޖާނަލިޒަމް ފުޅާވެ ތަރައްގީ ވި އެވެ. 1969 ވަނަ އަހަރު އިންސާނުން ހަނދަށް ދިޔަ މަންޒަރު ވަގުތުން ބަލައިލުމުގެ ފުރުސަތާއި 1970 ވަނަ އަހަރުގެ ވޯޓަގޭޓް މައްސަލައިގެ ލައިވް ކަވަރޭޖް ފަދަ އިވެންޓުތައް ވީ ބްރޯޑްކާސްޓް ޖާނަލިޒަމްގެ މަގުބޫލުކަން އިތުރުވެގެންދިޔަ އިވެންޓް ތަކަކަށެވެ.
- އެންމެ ފުރަތަމަ ރޭޑިއޯ ޕްރޮގްރާމެއް ބްރޯޑްކާސްޓް ކުރީ 1920 ވަނަ އަހރު އެމެރިކާގެ ޑިޓްރޮއިޓް ގައި ސްޓޭޝާން އެމްކޭ އިން
- އެންމެ ފުރަތަމަ ޓީވީ ޚަބަރެއް ކިޔާފައިވަނީ 1940 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކްގައި އެންބީސީ އިން
ޑިގިޓަލް އިންގިލާބު
ވިހި ވަނަ ގަރުނުގެ ފަހުކޮޅާއި 21 ވަނަ ގަރުނު ހިމެނެނީ އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ޒަމާން ކަމުގަ އެވެ. އޭގެ ޒަރީއާއިން މައުލޫމާތާއި ޚަބަރު ފެތުރުމުގެ ދާއިރާއަށް އައީ ވަރަށް ބޮޑު އިންގިލާބެކެވެ. އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން މައުލޫމާތު ފެތުރުން ވަރަށް ބޮޑަށް މިނިވަންވެގެން ދިޔަ އެވެ. އޮން ލައިން ނޫސްތަކާއި ބްލޮގްތައް އުފެދި، ކޮންމެ މީހަކަށް ވެސް މައުލޫމާތު ފެތުރުމުގެ ފަސޭހަކަން ލިބިގެން ދިޔަ އެވެ. މައުލޫމާތު ފެތުރުމާއި ހޯދުމާއި ޚިޔާލުފާޅުކުރުމުގައި އެއްވެސް ހުރަހެއް ނެތި އެކަމުގައި ބައިވެރިވެވޭ ގޮތްވި އެވެ. އެއާއެކު އުފެދުނު ގޮންޖެހުމަކީ ދޮގު ޚަބަރާއި ނުބައި މައުލޫމާތު ފެތުރުމުގެ ނުރައްކަލެވެ.
- 1990ގެ އަހަރުތަކުގައި އިންޓަނެޓްގެ ޚިދުމަތް ތަރައްގީވެ، އޮންލައިން ނޫސް ވެބްސައިޓްތައް ވުޖޫދުވުން
- 2000ގެ އަހަރުތަކުގައި ފޭސްބުކާއި ޓްވިޓަރާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކަކީ ނޫސްވެރިކަމުގެ ބާރުގަދަ ވަސީލަތްތަކަކަށްވި
ނޫސްވެރިކަމުގެ މުސްތަގުބަލް
ކުރިމަގަށް ބަލާއިރު ބަދަލުވަމުންދާ ނޫސްވެރިކަމަށް އޮތީ ހައްތާވެސް އާ ކަންތައްތަކެވެ. އާޓިފިޝަލް އިންޓެލިޖެންސާއި ވާޗުއަލް ރިއަލިޓީ ފަދަ އާ ޓެކްނޮލޮޖީ އޮތީ ނޫސްވެރިންނަށް ހުށަހެޅިފަ އެވެ. ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޚަބަރުތައް ގެނެސްދިނުމުގެ އާ ގޮތްތަކަށް އަހުލުވެރިވުމަށް ނޫސްވެރިންނަށް އޮތީ މަޖުބޫރުވެފަ އެވެ. ޓެކްނޮލޮޖީ ކުރިއަރަމުންދާ ބާރު މިނުގައި އެއާއެކު ފައިހަމަކުރުމުގައި މިހާތަނަށް ނޫސްވެރިން ހޯދަމުން އައި ކާމިޔާބު ހޯދާނެ އެވެ.
ޕްރިންޓް ޖާނަލިޒްމުން އެންމެ ފަހުގެ އޭއައި ޓެކްނޮލޮޖީއަށް ނޫސްވެރިކަން ތަރައްގީވަމުން އައިއިރު ނޫސްވެރިން އައީ ބަދަލުވަމުން އައި ޓެކްނޮލޮޖީއަށް ހޭނި، އޭގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ހިފައިފަ އެވެ. ބަދަލުވަމުން އައި ކޮންމެ ޓެކްނޮލޮޖީގެ ކޮންމެ ދައުރެއްގައި ވެސް ފަސޭހަތަކާއި ގޮން ޖެހުންތަކެއް ހުރި ކަމުގައި ވިޔަސް ނޫސްވެރިންގެ ޕްރިންސިޕަލް ކަމަށްވާ މައުލޫމާތު ފޯރު ކޮށްދިނުމާއި ހޭލުންތެރިކުރުވުމާއި ބާރުގެ މައްޗަށް އޮންނަ ޒިންމާ އޮތީ ބަދަލުވުމެއް ނެތި އޭގެ ގޮތުގަ އެވެ.