ރަޝިއާއިން ހިސާބުގައި ނަމެއް ވެސް ދެވިފައި ނުވާހާ ބޮޑު އަދަދަކުން ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ ގޫގުލް ޖޫރިމަނާ ކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ރަޝިއާއިން ގޫގުލް ޖޫރިމަނާކުރީ އެ ގައުމުގެ މިހާރުގެ ސަރުކާރަށް ތާއީދުކޮށް ކޮންޓެންޓް އަޕްލޯޑްކުރާ މީހުންގެ އެކައުންޓްތައް ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ހިފަހައްޓާތީ އެވެ.

އެގޮތުން މިހާރު ދައުރުވަމުން ދާ ހަބަރުތަކުގައި "2" އަދަދުގެ ފަހަތަށް 36 ސުން ލާފައިވާ އަދަދެއް ގޫގުލްއިން ރަޝިއާއަށް ދައްކަން ޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.

މިއީ ހިސާބުގައި ނަމެއް ވެސް ދެވިފައިވާ އަދަދަކަށް ނުވާއިރު އެންމެ ގާތްކުރާ ގޮތަކަށް އެ އަދަދު ސިފަކުރެވޭނީ ދެ ބިލިއަން ޓްރިލިއަން ޓްރިލިއަންގެ ގޮތުގަ އެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަނެ ހަނގުރާމަ ފެށިފަހުން އެ ގައުމުގެ ސަރުކާރަށް ތާއީދުކުރާ ކޮންޓެންޓުތައް ޔޫޓިއުބުން ނަގަމުން އަންނަކަން ފާހަގަކުރެވެ އެވެ.

އެ ހަނގުރާމަ ފެށިތާ މާ ގިނަ ދުވަސް ނުވަނީސް ރަޝިއާގައި ހިންގާ ގޫގުލްގެ ސަބްސިޑަރީ ކުންފުނި ވަނީ ބަނގުރޫޓުވެ އުވާލާފަ އެވެ.