ރާއްޖޭގެ އެންމެ ފުރަތަމަ ސްޕޭސް މިޝަންގެ ޑިރެކްޓަރަކަށް އިންޑިއާގެ ސެޓަލައިޓް ޑިޒައިންކޮށް ލޯންޗްކުރުމުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އައްޔަންކޮށްފި އެވެ.
އިންސްޓިޓިއުޓް ފޮ ގްލޯބަލް ސަކްސެސް (އައިޖީއެސް)އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ޑިރެކްޓަރަކަށް ހަމަޖެއްސި ޑރ. ސްރިމިތީއަކީ ނާސާއިން 2017 ވަނަ އަހަރު ލޯންޗްކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓްގެ މިޝަންގެ ވެސް ޑިރެކްޓަރެވެ. މީގެ އިތުރުން ޑރ. ސްރިމިތީއަކީ އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ލޯންޗްކުރި ދުނިޔޭގެ އެންމެ ލުއި ސެޓެލައިޓް މިޝަންގެ ޑައިރެކްޓަރެވެ. އަދި މިދިޔަ މަހު ވެސް އޭނާގެ ލީޑަޝިޕްގެ ދަށުން ސެޓެލައިޓެއް ވަނީ ލޯންޗްކޮށްފަ އެވެ.
ރާއްޖޭގެ މި މިޝަނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝްރިމިތީ ވިދާޅުވީ މިފަދަ ތާރީހީ މިޝަނަކަށް ދިވެހި ދަރިވަރުން ތައްޔާރުކުރަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ޝަރަފެއް ކަމަށެވެ.
"އައިޖީއެސްގެ ޕްލޭން ވަރަށް ފުރިހަމަ. ޕާޓުނަރުންނަށް ނަގާފަ ތިބި ފަރާތްތަކަކީ ފުރިހަމަ މިޝަންއަކަށް އެންމެ ރަނގަޅު ޓީމް. މިފަދަ ޓީމަކާއެކު، ތާރީހީ މިޝަނަކަށް ދިވެހި ކިޔަވާ ކުދިން ތައްޔާރު ކުރުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް،" ޑރ. ސްރިމަތީ ވިދާޅުވި އެވެ.
މި މިޝަން ޑިރެކްޓަރުގެ މައިގަނޑު ޒިންމާއަކީ ސްޕޭސް މިޝަން ރާވާ ކާމިޔާބާއެކު ނިންމުމަށް ދިވެހި ދަރިވަރުން ތައްޔާރުކުރުން ކަމަށް އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވި އެވެ.
"ޑރ. ސްރިމަތީ އަކީ ކާމީޔާބު ސްޕޭސް މިޝަންތައް ލީޑް ކުރައްވާފައިވާ ބޭފުޅެއް. އަދި ސެޓެލައިޓް ލޯންޗް ކުރުމުގައި ނާސާ އާއި އިސްރޯއާ އެކު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެއް. އެފަދަ ބޭފުޅަކާ އެކު މަސައްކަތް ކުރުމުން ދިވެހި ދަރިވަރުން ނަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ،" ރިފްއަތު ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ހިންގަނީ އިނގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ އެހީއާއެކު އެވެ.
އެ ޖަމްއިއްޔާގައި ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި ސްޕޭސް އެކްސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެ އެވެ.
އައިޖީއެސްއާ އެކުވެފައިވާ އެއްބަސްވުމުގެ ދަށުން ސްޓެލައިޓް ޑިޒައިން ކޮށް، ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ރާއްޖޭގެ 12 ދަރިވަރަކު ތަމްރީނު ތަމްރީނު ކުރަން ވަނީ ހަމަޖެހިފަ އެވެ.