ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިން ކުރިއަށްދާ މިދަނޑިވަޅުގައި، ކޮންމެ ދުވަހަކު ފުލުހުން އިދިކޮޅުގެ އޮފީސް ބަންދުކުރާތީ ކޯޓަށް ދާން އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ އިދިކޮޅުގެ އޮފީސް ފުލުހުން ދަނީ ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ބަނދު ކުރަމުންނެވެ.

މިކަމާ ގުޅިގެން، ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ޕާޓީގެ މައި އޮފީސް ބަންދުކުރުމުގެ ސަބަބުން އިންތިހާބަށް ކުރަމުންދާ ކެމްޕެއިނަށް ވަރަށް ބޮޑަށް ހުރަސް އެޅެމުންދާ ކަމަށެވެ. އަދި އިދިކޮޅުގެ މެމްބަރުންނަށް ހަމަހަމަކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭނަމަ އެޕާޓީގެ މައި އޮފީސް ބަނދުކުރާ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިހާރުވަނީ ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެދެވޭ ހައްލެއް އެކަމަށް ނުލިބޭތީ އީސީއަށް އިދިކޮޅުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

"ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތަކީ އިލެކްޝަން ކޮމިޝަނަށްވާއިރު، އީސީއަށް މިކަން އަމިއްލައަށް ފެނިގެން މިކަން ހައްލުކޮށްދެން އިސް ނުނެނގީމަ ހަގީގަތުގައިވެސް އަޅުގަނޑުމެން ވަރަށް ދެރަވެއްޖެ. ހުރިހާ ޕާޓީ ތަކަށްވެސް ހަމަހަމަ ކަމާއި އެކު ކެމްޕޭން ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ. އެކަން އީސީއަށް ކަށަވަރު ނުކޮށްދެވޭނަމަ އަޅުގަނޑުމެން ނިންމާފައި މިވަނީ ކޯޓަށް ދާން،" ތޮލާލް ވިދާޅުވި އެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކުހެން ހަވީރު އިދިކޮޅުގެ މައި އޮފީސް ފުލުހުން ބަންދުކުރާއިރު، ހުކުރު ދުވަހު މެންދުރު ފަހުން ފެށިގެން އެ އޮފީހާއި، އޮފީހަށް ދެވޭނެ ހުރިހާ މަގެއްހެން ފުލުހުން ބަންދުކުރެ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ދަނީ ހުކުރު ދުވަހު ހަރަކާތްތެރިވުން އިތުރުކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތުގެ ސަބަބުން، މިދިޔަ އަހަރު އޭޕްްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ލަސްކުރެވުނުތާ މިހާރުވަނީ އަހަރެއްވާން ކައިރިވެފަ އެވެ.

އޭޕްރީލް މަހުގައި އިންތިހާބް ބޭއްވުމަށް މިހާރު ނިންމާފައިވާއިރު އިންތިހާބު ބޭއްވުމަށް ގާނޫނަށް ވެސް އެތައް ފަހަރަކު ވަނީ އިސްލާހު ގެނެސްފަ އެވެ.