ނޮވެމްބަރު 10، 1978 ވަނަ ދުވަހަށް އިރު އޮއްސުނު އިރު ރާޢްޖޭގެ ސިޔާސީ މަސްރަހު އޮތީ ބޮޑު ބަދަލަކާ ކުރިމަތިލާފަ އެވެ. ވިއްސަކަށް އަހަރު ރާއްޖޭގެ އެންމެ މަތީ ވެރިޔާކަމުގެ މަގާމުން އަމިއްލަފުޅަށް އިސްތިޣުފާ ދެއްވުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް އެމަނިކުފާނުގެ މަގާމުގެ ޒިންމާތަކާ ދުރަށް ވަޑައިގަންނަވަނީ އެވެ. ހަމައެއާއެކު ބޭރުން ކިޔަވާވަޑައިގެން ހުންނެވި ތައުލީމީ ވެރިޔަކު ރާއްޖޭގެ ވެރިކަމާ ހަވާލު ވަނީ އެވެ.
ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ މެންދަމު ބާރަ ޖަހާއިރު އާ ރައީސް ހުވާކުރައްވާ ގޮތަށް ހުރިހާ ކަމެއް ހަމަޖެހިފައި އޮތްކަމަށް ވިޔަސް އަލަށް ރައީސް ކަމަށް ހޮވި ވަޑައިގެންނެވި މައުމޫނު އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ޓީމުގެ ހިތްތަކުގައި އޮތީ ނުތަނަވަސްކަމެވެ. ރައްޔިތުންގެ ވޯޓުން މައުމޫނު ހޮވި ވަޑައިގެންފައި ހުންނެވިކަމުގައި ވިޔަސް އެބޭފުޅުންނަށް، ހަގީގަތުގައި އެކަން އެގޮތަށް ހިނގައިދާނެ ކަމަށް ގަބޫލެއް ނުކެރެވެ އެވެ. އެހެން ކަމުން ޝައްކާއި ވަހުމުގެ ކޮޅިގަނޑެއް އޮތީ މައުމޫނުގެ ޓީމަށް ހިޔަނި އަޅާފަ އެވެ.
މައުމޫނުގެ އޮޓޯ ބަޔޮގްރަފީ، "އަ މޭން ފޯ އޯލް އައިލޭންޑްސް" ގައި އެމަނިކުފާނުގެ ގާތް ބޭބޭފުޅުން ކަމުގައިވާ ފަތުހުﷲ ޖަމީލާއި އަބްދުﷲ ހަމީދު ފަދަ ބޭބޭފުޅުންނާ ހަވާލާދީ ލިޔެފައިވާ ގޮތުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ނާސިރު ވެރިކަން ދޫކޮށްލައްވާފައި ވަޑައިގަންނަވަނީ ކަމަށް އެކަކަށް ވެސް ގަބޫލެއް ނުކުރެވެ އެވެ. އޭގެ ބަދަލުގައި އެއީ ނާސިރުގެ ރޭއްވެވުމެއްކަމުގައި ވެދާނެ ކަމުގެ ވަހުމު މައުމޫންގެ ޓީމުގައި އޮތެވެ. އެހެންކަމުން ހުވާ ކުރުމުގެ ރަސްމިއްޔާތު އަމާންކަމާ އެކު ދާނެހާ ގޮތަކަށް ރޭވުމުގައި މައުމޫނުގެ ޓީމުން ގެންދިޔައީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ހުވާ ކުރަން އޮތީ ރޭގަނޑު 12 ޖަހާ އިރު. އެދުވަހު އަހަރެން ފެންވަރަން ހުއްޓާ އިލްޔާސް ވަޑައިގެންފި. ވިދާޅުވީ ކޮބާހޭ ހުވާ ކުރުމުގެ ކަންތައް އަމާންކަމާ އެކު ދާނެހޭ،" އިލްޔާސް އިބްރާހިމް ވެސް ނާސިރާ ވެސް ޚާއްސަ ގާތްކަމެއް އެ ދުވަސްވަރު އޮތް މަރުހޫމު މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ) މިދިޔަ އަހަރު "ހުރިހާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އެ ވާހަކައިން ދޭހަކޮށްދެނީ ނާސިރުގެ ފަރާތުން އައިސްދާނެ ނުރައްކަލަކަށް މައުމޫންގެ ޓީމުން ދުރާލާ ތައްޔާރުވަމުން ދިޔަވަރެވެ.
މޮހޮދޭ ވިދާޅުވިގޮތުގައި އިލްޔާސަށް އޭނާ ދެއްވި ޔަގީންކަމަކީ އެއްވެސް މައްސަލައެއް ނެތި ރޭވިފައިވާ ގޮތަށް ހުރިހާ ކަމެއް ކުރިޔަށް ދާނެ އެވެ. އެއީ ނާސިރާއި ސިފައިންގެ އިސް ފަރާތްތަކުން އޭނާއަށް ލިފިވަޑައިގެންފައި ހުރި މައުލޫމާތުތަކަށް ބިނާކުރައްވަ އެވެ. އެހެން ނަމަވެސް އިތުރަށް އެކަން ޔަގީން ކޮށްދެއްވުމަށް، މޮހޮދޭ އިލްޔާސާ އެކު ހުޅުލޭ މޫސަގެ ކައިރިއަށް ދިޔަ އެވެ. މޫސަގެ ގެއާ މޮހޮދޭގެ ގެ ހުންނަނީ މާފަންނު މަޖީދީމަގުގައި ވަރަށް ކައިރީގަ އެވެ. ހުޅުލޭ މޫސަގެ ފަރާތުން ވެސް އިލްޔާސަށް އެ ޔަގީންކަން ހޯއްދަވައި ދެއްވިކަމަށް ކުވާ މޮހޮދޭ ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސް ކަމުގައި ވެލާނާގޭ އިބްރާހިމް ނާސިރު ހުންނެވީ ބަރާބަރު ދިހަ އަހަރު ދުވަހު އެވެ. ފަސް އަހަރުގެ ދެ ދައުރުގަ އެވެ. މިހާރުގެ ގާނޫނު އަސާސީގައި އެކަކަށް ވެރިކަން ކުރެވޭނެ އެންމެ ދިގު މުއްދަތަކަށް އޮންނަނީ ވެސް އެ މިންވަރެވެ. އެހެނަސް އޭރުގެ ގާނޫނު އަސާސީ ރައީސް ކަމަށް މީހަކު ހުންނަން ވަކި މުއްދަތެއް ނޯވެ އެވެ. އެހެންކަމުން ނާސިރަށް އިތުރު އެތައް ދައުރަކު ކުރިމަތިލުމުގެ ފުރުސަތު ވެސް އޮތެވެ. އެހެންނަމަވެސް ފަސް އަހަރުގެ ދެވަނަ ދައުރު ނިމުމާއެކު އެމަނިކުފާނު ނިންމެވީ އިތުރު ދައުރަކަށް ވެރިކަމުގައި ނުހުންނެވުމަށެވެ. ރައްޔިތުންގެ މަޖިލީހުން އެކަމަށް އެދުނު އެދުން، ގަބޫލު ނުކުރައްވައި އެމަނިކުފާނުގެ ބަދަލުގައި އެހެން ކެންޑިޑޭޓެއް ނެރުމަށް އެންގެވި އެވެ. މައުމޫނުގެ ނަން މަޖިލީހަށް އައީ އެ ހިސާބުންނެވެ.
ރައީސް ނާސިރު ރާއްޖެއަށް ގެންނެވި ތަރައްގީގެ އިންގިލާބީ ބަދަލުތައް ގެންނެވިއިރު، އެމަނިކުފާނަށް އެންމެ ބޮޑެތި އެހީތެރިކަން ވެދެއްވި ބޭފުޅުންގެ ތެރޭގައި ކޮލި އަލި މަނިކަކީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އަލި މަނިކުގެ ދުވަހު ފޮތުގައި ނާސިރު ވެރިކަމުން ވަކިވެވަޑައިގަންނަވަން ގަސްދު ކުރެއްވިކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވި ގޮތް ލިޔުއްވާފައި ވަނީ މިދަންނަވާ އިބާރާތުންނެވެ.
"13 ޖުލައި 1978 ގައި އާދައިގެ މަތިން ސިންގަޕޫރުގައި އަޅުގަނޑު އޮފީހަށް ދިޔައީ، މިދުވަހަކީ ސަރުކާރުގެ ޚާދިމެއްގެ ގޮތުން އަޅުގަނޑު މަސައްކަތް ކުރާނެ އެންމެ ފަހު ދުވަސްކަމުގައި ހިތަ އެވެ. އެދުވަހަކީ ވަރަށް ހަލަބޮލިކަން ކުޑަ މަޑުމައިތިރި ދުވަހެކެވެ. އެ ދުވަހުގެ މަސައްކަތް ނިންމާލާފައި ހަވީރު ގެއަށް ދިޔައީ އަޅުގަނޑު ސަރުކާރަށް ޚިދުމަތް ކޮށްދިނުމުގެ ދުވަސްތައް ނިމުނީ ކަމުގެ ހިތްހަމަޖެހުމާއެކުގަ އެވެ. އެރޭގެ ނުވައެއް ޖެހިއިރު އައީ ނާސިރުގެ ފޯން ކޯލެކެވެ. އަޅުގަނޑު ސިއްސުވާލި ފޯން ކޯލެކެވެ.
އަޅުގަނޑު ހައިރާންވީތީ އެމަނިކުފާނު ހިނިފުޅުވެޑުވި އެވެ. އަދި އެރޭގެ މެންދަމުން ފެށިގެން އަޅުގަނޑަށް ޕެންޝަން ލިބޭނެ ކަމަށް ވިދާޅުވި އެވެ. އަޅުގަނޑު ޖަވާބު ދިނީ އަޅުގަނޑަށް އެކަން އެނގޭ ކަމަށާއި އަދި ދިވެހި ސަރުކާރަށް 20 އަހަރުގެ ޚިދުމަތް ކޮށް ދިނުމަށްފަހު އަޅުގަނޑު ބޭނުންވަނީ ސަރުކާރުން ވަކިވުމަށް ކަމަށެވެ. ނާސިރުގެ ވާހަކަފުޅު ދެއްކެވުމުގެ ރާގު އެހިސާބުން ބަދަލު ވެއްޖެ އެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ޒާތީ އެދުންފުޅެއްގެ ވާހަކަ އަޅުގަނޑު ގާތުގައި ވިދާޅުވާންވެފައި އެބައޮތް ކަމުގައި ވިދާޅުވި އެވެ"
އަލިމަނިކު ވިދާޅުވެފައިވާ ގޮތުގައި ނާސިރުގެ ފަރާތުން ދުވަހަކު ވެސް އަމިއްލަ ކަމަކު އެދިފައިނުވުމާ އެކު އެފަދަ އެދުމަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމުގައި ދެންނެވުމުން ނާސިރު އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނޮވެމްބަރު 11 ގައި ނިމެންދެން މަޑުކޮށް ދެއްވުމަށާއި އާ ސަރުކާރަށް ދައުލަތުގެ ކަންކަމުގައި އެހީތެރިވެ ދިނުމަށް ދުވަސްކޮޅަކު މަޑުކޮށް ދެއްވުމަށެވެ.
އަލިމަނިކު ދުވަހު ފޮތުގައި ލިޔުއްވާފައި ވާގޮތުގައި އެއީ ވެރިކަން ދޫ ކޮށްލައްވާނެކަން ނާސިރު އެންމެ ފުރަތަމަ ވެސް އިޝާރާތް ކުރެއްވި ފަހަރެވެ. އެކަމަކީ ގިނަ ބަޔަކަށް ގަބޫލުކުރެވޭ ފަދަ ކަމަކަށް ނުވިއަސް އޭރު އުމުރުފުޅުން އެންމެ 52 އަހަރުގެ ނާސިރު އޮތީ ދެ ދައުރަށް ފަހު ވެރިކަން ދޫކޮށްލެއްވުމަށް ހުރިހާ ކަމެއް ނިންމަވާފަ އެވެ.
ރާއްޖޭގެ ރައީސް ކަން ދޫކޮށްލައްވަން ބޭނުންފުޅުކަމާއި އެހެން މީހަކު އެމަގާމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ނާސިރު އެންގެވުމަށް ފަހު އެ މަޖިލީހުގައި ނެގި ވޯޓުގައި އެންމެ ތިން ވޯޓު ފިޔަވައި ހުރިހާ ވޯޓެއް ލިބި ވަޑައިގެންނެވީ ނާސިރަށެވެ. އަނެއް ތިން ވޯޓު ލިބިވަޑައިގެންނެވީ މައުމޫން އަބްދުލް ގައްޔޫމަށެވެ. އޭރު މާލެ ތެރޭގައި ބައެއް ހަރު މީހުން ހިމެނޭހެން މައުމޫނަށް ވެރިކަން ހޯދައި ދިނުމުގެ ކެމްޕޭނެއް ސިއްރިޔާތުގައި ހިނގަމުން ދިޔަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ބުރުގެ ވޯޓުން ނާސިރުގެ ނަން ފާސްކުރުމުން، އޭރު މަޖިލިސް މެމްބަރު ކަމާއި މަޖިލިސް ސެކްރެޓަރީ ކަމާއި އެއާޕޯޓުގެ މެނޭޖަރުގެ މަގާމު އަދާކުރައްވަމުން ގެންދެވި މައުމޫނުގެ އަޚު ހަމީދަށް ނާސިރު ފޯނުކުރައްވައި އެމަނިކުފާނު އިތުރަށް ވެރިކަން ގަބޫލު ފުޅު ނުކުރައްވާނެ ކަމަށާއި އެހެން ނަމެއް ޚިޔާރު ކުރެއވުމަށް އެންގެވިއެވެ. އެވާހަކަ އަލިމަނިގެ ދުވަހު ފޮތާއި މައުމޫނުގެ ބަޔޮގްރަފީގައި ވެސް ހަމީދާ ހަވާލާދީ ލިޔެފައިވެ އެވެ.
އާންމުންގެ ވޯޓުން މައުމޫނު ވެރިކަމަށް އިންތިޚާބު ވިޔަސް، ނާސިރު އެކަން ހީގަތަކަށް ވިޔަ ނުދެއްވާނެ ކަމުގެ ބިރު މައުމޫނުގެ ޓީމަށް ހީވެފައި އޮތަސް، އޭރު ނާސިރު ގެންދެވީ ސިންގަޕޫރުން ޕާމަނެންޓް ރެޒިޑެންސީ ހޯއްދަވައިގެން އެގައުމަށް ހިޖުރަ ކުރެއްވުމަށް ތައްޔާރު ވަމުންނެވެ.
މައުމޫނު ރޭއްވެވީ ނާސިރުގެ ފަރާތުން އަތުވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށެވެ. ނާސިރު ރޭއްވެވީ މައުމޫނަށް ފަސޭހައިން ސަރުކާރު ހިންގެވޭނެހާ ގޮތެއް ހަމަޖައްސަވައި ދެއްވުމަށެވެ.
މައުމޫނުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި ސަރުކާރު ބަދަލުވުން، ރޭވިފައި އޮތް ގޮތަށް ގޮސް ނިމުނެވެ. ނާސިރު ރާއްޖެ ދޫކުރައްވައި ވަޑައިގެންވި ގޮތަށް އެނބުރި ވަޑައެއްނުގަންނަވަ އެވެ. 30 އަހަރު ދުވަހު ވެރިކަން ކުރެއްވުމަށްފަހު މިނިވަން އިންތިޚާބަކާ ކުރިމަތިލައްވައި ބަލިވެވަޑައިގެންނެވަންދެން މައުމޫނު ވެރިކަމުގައި ދެމި ހުންނެވި އެވެ.
ކޮބާ ބޭރު ކުލީ ސިފައިންގެ ވާހަކަ. ބަޢާވާތެއް ކުރެވުނު ލަވަތައް ވެސް ހެދި..