ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށާއި، މެދު ރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅު ތަކަށް ވިއްސާރައިގެ އަސަރުކޮށް، އެކިވެރުގެ ގެއްލުންތައް ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެ ގޮތުން މާލެ ސަރަހައްދުގަ އާއި ޅ.ކުރެންދޫ އަދި ސ. ފޭދޫގެ ބައެއް ގެތަކަށް ގެއްލުން ލިބިފައިވާކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން އެމް.އެން.ޑީ .އެފް އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އާންމުކޮށް ފެންބޮޑުވެ ގެއްލުން ލިބޭ ކަމަށް ފާހަގަކުރެވޭ ގެތަކުގައި، ވެލިބަސްތާ ޖަހާފައިވާކަމަށްވެސް އެ އެންޑީއެމްއޭ އިން ބުނެ އެވެ.

އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި --- ފޮޓޯ: އެންޑީއެމްއޭ

މީގެ އިތުރުން އިއްޔެ ޅ. ކުރެންދޫއަށް ބޯކޮށް ވާރޭވެހި ރަށުތެރޭ އެއްކޮށް ފެންބޮޑުވެފައިވެ އެވެ. އެ ރަށުގައިވެސް ފެން ހިދުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. ކުރެންދޫގައި ބައެއް ގެތަކަށް ފެން ވަދެ، ބައެއް ގެތަކުގައި ދިރިއުޅޭ މީހުނަށް ވަގުތީ ބޯހިޔާވަހިކަމާއި އެކި ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދީފައިވެ އެވެ. ކުރެންދޫ 70 ވަރަކަށް ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ޅ. ކުރެންދޫގައި ފެންބޮޑުވެ، ފެން ހިންދުމަށް ކޯރު ކަނޑާފައި --- ފޮޓޯ: އެންޑީއެމްއޭ

އިއްޔެ ހެނދުނު ދ.ބަނޑިދޫއަށް އެރި ކޮޅިގަނޑެއްގައި އެ ރަށު ގެއެއްގެ ބަދިގޭގެ ފުރާޅުން ބައެއް ވަނީ އެއްލާލާފަ އެވެ. އެ ހާދިސާގައި ގެއްލުން ލިބުނު ގޭގެ މީހުނަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ވިއްސާރައިގައި ސ.ފޭދޫ ގެއަކަށް ގެއްލުން ލިބިފައިވާކަމަށްވެސް އެ އޮތޯރިޓީން ބުނެ އެވެ.

ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: އެމްޑީއެމްއޭ

"ގެއްލުންލިބޭ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން ވިލަރެސްކުރަމުގެ ގޮތުން ، ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާ ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ކައުންސިލް އިދާރާ ތަކާއި ގުޅިގެން ދަނީ ކުރަމުން" އެންޑީއެމްއޭ އިން ބުންޏެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.