ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށް ވެސް ދިރާގުން ބުނެ އެވެ.

"މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ،" އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެޑްމިނިސްޓްރޭޝަން، މާކެޓިން، ސޭލްސް، ޕްރޮކިއުމެންޓް، ކޯޕަރޭޓް ސާވިސަސް، ފައިނޭންސް، ހިއުމަން ރިސޯސަސް އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒު ކޮށްފައި ވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިގޮތުން އޭލެވެލް ފުރިހަމަކޮށް ފުލް-ޓައިމް ވަޒީފާ އަދާނުކުރާ ހުރިހާ ޒުވާނުންނަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި މާލޭގެ އިތުރުން ފުވައްމުލައް، އައްޑޫ، ކުޅުދުއްފުށި، ބ. އަތޮޅު އަދި އަރި އަތޮޅުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީ ކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މަޢުލޫމާތާއި ބެހޭ ގޮތުން ދިރާގުގެ އެކި މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކް މެދުވެރިކޮށް އަންނަ މަހުގެ އެކެއްގެ ނިޔަލަށް ފޯމް ހުށަހެޅޭނެ އެވެ.

ދިރާގުން 2009 ވަނަ އަހަރުން ފެށިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 268 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކުރީގެ ގިނަ ދަސްވެނިން އަންނަނީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެހެނިހެން ޖަމިއްޔާތަކުގައި ވެސް ކާމިޔާބު ވަޒީފާތައް އަދާކުރަމުން ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގަރާމްގެ ޒަރިއްޔާއިން ދިރާގުން އަންނަނީ ޒުވާނުން ބާރުވެރިކުރުވާ، މުސްތަގުބަލުގެ ލީޑަރުން ބިނާކޮށް އަދި އެފަރާތްތަކުގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ.