އުމުރުން އެންމެ 12 އަހަރުގައި ރޭޕްގެ ޝިކާރައަކަށް ވި މީހަކު، އޭގެ 27 އަހަރު ފަހު އޭނާ ރޭޕްކުރި މީހުންނާ ދެކޮޅަށް މައްސަލަ ހުށައަޅައިފި އެވެ.

މީގެ 27 އަހަރު ކުރިން މި އަންހެން މީހާ ދިރިއުޅެމުން އައީ އިންޑިއާގެ ޝާހްޖަހަންޕޫރް އަވަށުގައި އޭނާގެ ދައްތަ އަދި ޅިޔަނާ އެކުގަ އެވެ. އެއް ރެއަކު އޭނާ އެކަނި ގޭގައި ހުއްޓާ ނަކި ހަސަން ކިޔާ މީހެއް ވަނީ އެގެއަށް ވަދެ އޭނާ ރޭޕްކޮށްފަ އެވެ.

އަންހެން މީހާގެ ރިޕޯޓުގައިވާ ގޮތުން އެ ފަހުން އެ ހަސަންގެ ކޮއްކޮ ގުއްޑޫ ވެސް ވަނީ އޭނާ ރޭޕްކޮށްފަ އެވެ. އޭގެ ފަހުން ވެސް އެ ދެ މީހުން ވަނީ އެކި ފަހަރު މަތިން އަންހެން މީހާ ރޭޕްކޮށްފަ އެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (ސިޓީ) ސަންޖޭ ކުމާރު ވިދާޅުވި ގޮތުގައި އޭރު އަންހެން މީހާގެ އުމުރަކީ އެންމެ 12 އަހަރެވެ.

ރިޕޯޓުތައް ބުނާގޮތުން 1994 ވަނަ އަހަރު، އޭނާގެ އުމުރުން 13 އަހަރުގައި ބަނޑުބޮޑުވެ ވަނީ ވިހައިފަ އެވެ. އެ ދަރިފުޅު ބެލުމާ ހަވާލުވީ އެ އަވަށުގެ މީހެކެވެ. އަންހެން މީހާ ވަނީ އޭނާގެ ޅިޔަނު އުއްތަރް ޕްރަދޭޝްއަށް ޓްރާންސްފާކުރުމުން އެ އަވަށް ދޫކޮށް އެމީހުންނާ އެކު ޔޫޕީއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

އެސްޕީ ވިދާޅުވިގޮތުގައި މި އަންހެންމީހާގެ ޅިޔަނު ވަނީ ގާޒިޕޫރް ޑިސްޓްރިކްޓްގެ މީހަކާ މި އަންހެން މީހާގެ ކައިވެނިކުރުވާފަ އެވެ. އެހެން ނަމަވެސް ކައިވެންޏަށް ދިހަ އަހަރު ފުރުނު ފަހުން އެއީ ރޭޕްގެ ޝިކާރައަކަށްވި އަންހެނެއްކަން އެނގުމުން ފިރިހެން މީހާ ވަނީ އަންހެން މީހާ ވަރިކޮށްފައި ގޮސްފަ އެވެ.

އޭރު އަންހެން މީހާ ވިހެއި ދަރިފުޅު ބޮޑުވެ އޭނާގެ މަންމައާއި ބައްޕަ ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެކި މީހުން ގާތު އަހައިގެން އެންމެ ފަހުން އޭނާއަށް މަންމައާ ބައްދަލުވި އެވެ. އަދި ބައްޕަ ކޮބައިތޯ ސުވާލުކޮށް ކަންވީގޮތް އޮޅުންފިލުވި އެވެ. އެހިސާބުން އަންހެންމީހާ ނިންމީ ރަސްމީކޮށް އޭނާ ރޭޕްކުރި މީހުންނާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށެވެ.

އެސްޕީ ކުމާރް ވިދާޅުވި ގޮތުގައި ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި އެ ފިރިހެން ކުއްޖާގެ ޑީއެންއޭ ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ. އެންމެ ފުރަތަމަ ފުލުހުން މައްސަލަ ބަލައިނުގަތުމުން އަންހެން މީހާވަނީ ކޯޓަށް ވެސް ގޮސްފަ އެވެ.

އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ރޭޕްގެ މައްސަލަތައް ގިނަ ގައުމެކެވެ. -އިންޑިއާ ޓައިމްސް-