ޕަދްމާ ޝްރީއަކީ އިންޑިއާގެ އާންމުންނަށް ދެވޭ އެންމެ މަތީ ފަންތީގެ ލަގަބެކެވެ.

ބޮލީވުޑްގެ ތަރި ސައިފް އަލީ ހާންއަށް ވެސް މި އެވޯޑް ލިބިފައިވާއިރު، އެއީ އޭނާ ގަތް އެވޯޑެއް ކަމަށް ބުނެ ފިލްމު އިންޑަސްޓްރީގައި ވާހަކަ ދެކެވެ އެވެ.

ދާދި ފަހުން އަރްބާޒް ހާންގެ ޗެޓް ޝޯ ކަމަށްވާ "ޕިންޗް"ގައި ސައިފް ވަނީ އެ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްފަ އެވެ.

އެ ޝޯގައި އޭނާއަށް ޖެހުނީ އޭނާއާ ގުޅުވައިގެން އާންމުން ދައްކާފައި ހުންނަ ވާހަކަތަކަށް ރައްދު ދޭށެވެ.

އެގޮތުން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވަނީ "ސައިފް އަކީ ޕަދްމާ ޝްރީއެއް ގަތް ޕާޓޭ އެއް، ދަރިފުޅުގެ ނަމަކަށް ތައިމޫރް ކިޔާ އަދި ރެސްޓޯރެންޓެއްގެ ތެރޭގައި މާރާމާރީ ހިންގި މީހެއް،" މިހެންނެވެ.

މިއަށް ރައްދު ދީ މަޖަލަކަށް ސައިފް ބުނީ އޭނާ އަކީ ޕާޓޭއެއް ނޫން ކަމަށާއި ދެން އޭގައި އެހުރި ހުރިހާ ވާހަކައަކީ ތެދު ކަމަށެވެ.

އެއަށް އިތުރު ކުރަމުން ސައިފް ބުނީ އިންޑިއާ ސަރުކާރަށް ރިޝްވަތު ދިނުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދިވެސް ޔަގީންކުރަން ބޭނުންވާ ނަމަ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނާ ސުވާލުކުރުމަށް އެދޭ ކަމަށެވެ.

ސައިފް ބުނިގޮތުގައި އެންމެ ފުރަތަމަ އެ އެވޯޑް ލިބުމުން ހަވާލުވާން ވެސް ބޭނުމެއް ނުވި އެވެ. ސަބަބަކީ އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި އޭނާއަށް ވުރެ މާ މޮޅު، އަދި އެ އެވޯޑު މާ ހައްގު މީހުން އިންޑަސްޓްރީގައި އެބަތިއްބެވެ.

"އެ އެވޯޑް ނުލިބޭ ސީނިއާ ބައިވަރު އެކްޓަރުން އެބަތިބި. ލަދުވެސް ގަތް އެ އެވޯޑާ ހަވާލުވާން. އެކަމަކަ އެ އެވޯޑް ލިބިފައިތިބި މީހުންގެ ތެރޭގައި އެބަތިބި ލިބެން ނުޖެހޭ މީހުންނަށް ވެސް. މިވަގުތު އެވާހަކަ ދައްކާކަށް ނެތިން،"ސައިފް ބުންޏެވެ. --ފިލްމްފެއާ