ދެވަނަ ޖުމުހޫރިއްޔާގެ ރައީސް ކަމަށް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އިންތިޚާބު ކުރެވުނުތާ އޭރު ވާނީ ދޮޅު އަހަރެއްހާ ދުވަހެވެ. ރޭޑިއޯއާއި ޓީވީ އާއި ނޫސްތަކުގެ ޒަރީއާއިން މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ ބޭރުގެ ކުލީ ސިފައިން ގެނެސްގެން ވެރިކަން ބަދަލުކޮށްލުމަށް ބަޔަކު ރޭވިކަމުގެ ޚަބަރެވެ. ބޭނުމަކީ ރައީސް މައުމޫނު އަވަހާރަކޮށްލައި ވެރިކަން ބަދަލުކުރުމެވެ.
މައުމޫނުގެ ވެރިކަން ބަދަލުކޮށްލައި އެހެން ބަޔަކު ވެރިކަމަށް ގެންނަން ރޭވި ބަޔަކު ރޭވީ ކީއްވެގެންކަން އެނގޭފަދަ ހަރުދަނާ ހެއްކެއް ނެތެވެ. ދިވެހި ސަރުކާރުން ފުރަތަމަ ވެސް އިނގިލި ދިއްކުރީ ކުރީގެ ރައީސް އިބްރާހިމް ނާސިރަށެވެ. ނާސިރާއެކު އޭނާގެ ޅިޔަން ކަމަށްވާ އަހުމަދު ނަސީމަށެވެ. ބަޣާވާތެއްގެ ވާހަކަ ދެކެވި އެއަޑު ފެތުރުމާއެކު ނާސިރު ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފަ އެވެ. އެ ބަޔާން ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސްގައި ޝާއިއުކުރި އެވެ.
"އަދި އަހަރެން އެއްވެސް ގޮތަކުން ރައީސް މައުމޫންގެ ނުވަތަ އެއްވެސް އެހެން ދިވެއްސެއްގެ ފުރާނައަށް ގެއްލުން ވެދާނެ އެއްވެސް ކަމެއްގައި ދިވެހި ރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި ބައިވެރިވެފައެއް ނުވާނެ،" ސިންގަޕޫރުގެ ނާސިރުގެ ބަޔާނުގައިވެ އެވެ.
1980 ގައި ރާއްޖޭގެ ވެރިކަން ބަދަލުކުރަން ބަޔަކު ރޭވިކަން ފަޅާއެރީ މަރުހޫމު ކޮލިގޭ އަލީ އުމަރު މަނިކަށް އޭނާގެ ރައްޓެއްސަކު ފޯނުން ގުޅައި ދިން މައުލޫމާތެއްގެ ޒަރީއާއިންނެވެ.
އަލި މަނިކުގެ ދުވަހު ފޮތުގައި ލިޔުއްވަފައިވާ ގޮތުގައި އޭނާއަށް އެ މައުލޫމާތު ލިބިވަޑައިގެންނެވީ ލަންކާގައި ހުރި ރައްޓެއްސަކު ފޯނުން ގުޅާފައި ދިން ޚަބަރަކުންނެވެ. އެ ޚަބަރު އެމީހަކަށް ލިބުނު ކަމަށް ވަނީ ލަންކާގައި ހުންނަވާ އިޓަލީގެ ސަފީރުގެ ފަރާތުންނެވެ. ސަފީރަށް އެކަން އެނގިވަޑައިގެންނެވީ ސަފީރުގެ އަނބިކަނބަލުން ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދެވިއިރު ފެނިވަޑައިގެންނެވި މަންޒަރަކުންނެވެ. އެ ކަމަނާ އަށް ފެނިވަޑައިގެންނެވީ ޗުއްޓީއަށް ގޮސްތިބި އިނގިރޭސިންގެ ބަޔަކު ފީނުމާއި މޫދުގައި އުޅުމަށް ވުރެ ބޮޑަށް އެއްގަމުގައި މީހުންނާ ވާހަކަދައްކައި، ރާއްޖޭގެ ސަރުކާރާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ވަގުތު ހޭދަކުރާ މަންޒަރެވެ. އެ ވާހަކަ އޭނާގެ ފިރިކަލުންގެ ގާތުގައި ވިދާޅުވުމުން ފިރިކަލުން އެވާހަކަ އަލި މަނިކުގެ ގާތް ރައްޓެސަކަށް އިއްވީ އެވެ.
އަލި މަނިކު އޭނާގެ ދުވަހު ފޮތުގައި ލިއުއްވާފައިވާ ގޮތުން އެ ޚަބަރު ލިބިވަޑައިގެންނެވުމާއެކު އޭނާ އެކަމާ ބެހޭ މައުލޫމާތު ހޯއްދެވި އެވެ. އެ މައުލޫމާތުތަކުން އެނގުނު ގޮތުގައި ރޭވި ބަޔަކު ރާވައިފައި ވަނީ ކުލީ ސިފައިން ގެންގޮސްގެން ރައީސް މައުމޫން އަވަހާރަކޮށްލައި ވެރިކަން ބަދަލުކޮށްލުމަށެވެ. އެ މަސައްކަތަށް ހޮވާފައި ތިބި ކުލީ ސިފައިންގެ ތެރެއިން ކޮންމެ މީހަކަށް 10،000 ޕައުންޑު ދިންކަން ވެސް އެނގިވަޑައިގެންނެވި ކަމަށް އަލި މަނިކު ލިއުއްވާފައިވެ އެވެ. ނަމަވެސް ބަޣާވާތް ރޭވީ ކޮން ބައެއްކަން އަލި މަނިކު ވިދާޅުވެފައެއް ނުވެ އެވެ. އަދި އަލި މަނިކަށް އެ މައުލޫމާތު ލިބިވަޑައިގެންނެވި ގޮތެއް ވެސް ބަޔާންކުރައްވާފައެއް ނުވެ އެވެ. އެ ފޮތުގައިވާ ގޮތުން ދިވެހި ސަރުކާރުން މައްސަލައިގެ ތުހުމަތު ކުރީ ނާސިރަށެވެ.
ނާސިރާއެކު ދެން އެންމެ ބޮޑު ތުހުމަތެއްކޮށް ޝަރީއަތް ކުރީ ނާސިރުގެ ޅިޔަން އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަށެވެ. ނަސީމް އުމުރަށް ޖަލަށް ލާން ހުކުމްކުރި ކަމުގައި ވިޔަ ދުވަސްކޮޅަކުން ދޫކޮށްލައި ސަރުކާރުގެ މަތީ މަގާމެއް ހަވާލުކުރި އެވެ. ބަޣާވާތާ ގުޅިގެން މުޅި ރާއްޖޭގައި އެއްވުންތައް ބާއްވައި ނާސިރަށް ބަދު ބަސް ބުނެ، މައުމޫނަށް ތާއީދުކުރުމުގެ އަޑު އުފުލުނެވެ. އެފަދަ ލަވަތަކުން މުޅި ރާއްޖެ ގުގުމައިގެން ދިޔަ އެވެ.
ކޮލި އަލި މަނިކަކީ ނާސިރުގެ އަރިހުގައި އެންމެ އިތުބާރާ އެކު މަސައްކަތް ކުރެއްވި އެއް ބޭފުޅަކަށްވެފައި ނާސިރު ރާއްޖޭގެ ރައްޔިތުންނާއި ގައުމަށް ދެރަ ލިބޭ ފަދަ އަމަލެއް ނުކުރައްވާނެކަން ދޭހަވާ މޭރުމުން އޭނާގެ ދުވަހު ފޮތުގައި ލިޔުއްވާފައި ހުންނެވި ކަމަށް ވިޔަސް ބަޣާވާތާ ބެހޭ ގޮތުން ދެއްކެވި ވާހަކާގައި ނާސިރު އެކަން ދޮގު ކުރެއްވިކަމުގެ ލިޔުން ފިޔަވައި އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.
މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ނާސިރު ގެންނަން އުޅުނު ބަޣާވާތެއްކަމުގައި މަޝްހޫރުވި ބަޣާވާތުގެ މައްސަލައިގައި ދައުވާކޮށް އަދަބު ލިބުނު އެކަކީ މަޝްހޫރު ވިޔަފާރިވެރިޔާ މަރުހޫމު މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އެވެ.
މޮހޮދޭ "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި (މި އިންޓަވިއު ވަނީ ރެކޯޑު ކުރެވިފަ އެވެ.) ވިދާޅުވި ގޮތުގައި އެ ބަޣާވާތުގެ ކަންތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ އޭނާ އެވެ.
މޮހޮދޭ ވިދާޅުވި ގޮތުގައި އޭނާ އެކަން ކުރައްވަން ޖެހިވަޑައިގެންނެވީ ކެރަފާ އާއިލާއަށް މައުމޫނުގެ ސަރުކާރުގެ އަނިޔާވެރިކަން ވަރަށް ބޮޑުވެގެން ނަސީމުގެ އެދިވަޑައިގެންނެވުމަކަށެވެ.
"އަޅުގަނޑާ ނަސީމާ ސިލޯނުން ދިމާވީ. ދިމާވެގެން ވަރަށް ވާހަކަ ދެކެވުނު. ނަސީމް ވިދާޅުވީ ތިމަންނަޔަކަށް މާލެ ދެވޭކަށް ނެތޭ. މޮހޮދޭ ތިމަންނަޔަށް މިކަން ކޮށް ދޭށޭ. ތިމަންނަ ބޭނުން ވަނީ ވެރިކަން ބަދަލު ކޮށްލާށޭ،" ބަޣާވާތް ރޭވުނު ގޮތާ ބެހޭގޮތުން މޮހޮދޭ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެކަމަށްޓަކައި އަމިއްލަ ޖީބުން 65،000 ވަރަކަށް ޑޮލަރު ވެސް ޚަރަދު ކުރެއްވި އެވެ. އަދި ބަޣާވާތާ ނާސިރާ އެއްވެސް ގުޅުމެއް ނެތް ކަމަށް މޮހޮދޭ ވިދާޅުވި އެވެ. ނާސިރަށް އެކަމުގެ މައުލޫމާތު ނުވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިފައިންގެ ހިފައި، މައުމޫނު އަވަހާރަކޮށްލައި ވެރިކަން ބަދަލުކުރުމަށް ކުއްޔަށް ގެނައި އިނގިރޭސި ކުލީ ސިފައިންނަށް ރާއްޖެ އާދެވުމުން އެމީހުންނާ ހަވާލުވެފައިވާ މަސައްކަތަކީ އެހާ ފަސޭހަ މަސައްކަތެއް ނޫން ކަމާއި އެމީހުންނަށް ދީފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއް ނޫންކަން އެނގުމުން އައި ރުޅީގައި އެނބުރި ގައުމަށް ދިޔައީ އެވެ. ފަހުން އޭގެ ތެރެއިން މީހަކު ރާއްޖެ އައިސް ކަންވީ ގޮތް ސަރުކާރަށް ކިޔާދިން ކަމަށް އަލި މަނިކު ލިޔުއްވާފައިވެ އެވެ.
ބަޣާވާތުގެ ތަހުގީގާއި އެކަން ހިނގައި ދިޔަގޮތް އާންމުންނާ ހަމަޔަށް ހަގީގަތާ އެއްގޮތަށް ގެނެސް ދިނުމުގެ ބަދަލުގައި އޭރުގެ ސަރުކާރުން ހިންގީ ނާސިރާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް ހިންގި ވަރުގަދަ ކެމްޕޭނެކެވެ.