ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ލިބޭ ޑޮލަރު ބޭންކުތަކުން މާރުކުރަންޖެހޭ ގޮތަށް ނިންމާފައިވާ ނިންމުމަށް ލުޔެއް ނުދޭ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭ އިން "ބޭރު ފައިސާއާބެހޭ ބިލް"ގެ ނަމުގައި ގާނޫނެއް އެކުލަވާލުމަށްޓަކައި، އާންމުންގެ ހިޔާލަށް ރޭ ހުޅުވައިލައި އާއްމުކުރި އިރު މިހާރު އޮތް ގަވާއިދުގެ ދަށުން ބޭންކުތައް މެދުވެރިކޮށް މާރުކުރަންޖެހޭ ޑޮލަރުގެ އަދަދުތަކަށް ލުއިތަކެއް ދީފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނަމަވެސް ގަވަނަރު ވިދާޅުވީ އެފަދަ އެއްވެސް ލުޔެއް ނުދޭ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ މިހާރު އެކަމަށް ހަދާފައިވާ ގަވާއިދު ގާނޫނަކަށް ބަދަލުކުރުމަށް ކަމަށެވެ.
އެކަމާ ގުޅިގެން އެމްއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ކެޓަގަރީ "އޭ" ގައި ހިމެނޭ، ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމްކަމަށެވެ. އަދި ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހެ އެވެ.
މުނައްވަރު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގެ ފަރާތްތަކުން ގަވާއިދާ ގުޅޭގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން، ބައެއް ކުދި ބަދަލުތައް ބިލްގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން ޑޮލަރު މާރުކުރުމުން އިސްތިސްނާވާ ހާލަތްތަކެއް ކަނޑައަޅާފައިވެ އެވެ. އޭގެތެރޭގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުން، ދެ އަހަރުން ދަށުގެ ކުޑަކުދިން އަދި ހިލޭ ނުވަތަ ކޮމްޕިލެމްޓަރީކޮށް ތިބޭ ފަރާތްތައް ހިމަނާފައިވެ އެވެ.
މިހާރު އޮތް ގަވާއިދާއި އެ ބިލާ އަޅާކިޔާއިރު، އެ ބިލުގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކާއި ސަފާރީ އުޅަނދުތަކުގެ އިތުރަށް، ތިން ވަނަ ކެޓަގަރީއެއްގެ ގޮތުގައި ބެލެވިދާނެ ބައެއް އިތުރުކުރުމެވެ. އެއީ އަހަރެއްގެ ތެރޭގައި 20 މިލިއަން ޑޮލަރުގެ ބޭރު ފައިސާ ލިބޭ ވިޔަފާރިތަކެވެ. އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހޭނެ އަދި އެ އާމްދަނީގެ %25 ރުފިޔާއަށް މާރުކުރަން ވެސް ޖެހޭނެކަމަށް ބުނެފައިވެ އެވެ.
ދެން އޮތް ބަދަލަކީ 50 ކޮޓަރިއަށް ވުރެ މަދުން ނުވަތަ ގިނައިން ހުރި ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތައް ކެޓަގަރީ ބީއަށް ބަދަލުކުރުމެވެ. މި ބިލު ފާސްކޮށް، ތަސްދީގު ކުރުމުން، ކިތަންމެ ބޮޑު ގެސްޓްހައުސްއަކުން ވެސް މާރުކުރަން ޖެހޭނީ، މިހާރު މާރުކުރަން ޖެހޭ 500 ޑޮލަރުގެ ބަދަލުގައި 25 ޑޮލަރެވެ.
ޑޮލަރު މާރުކުރުން ނުވަތަ ޑިޕޮޒިޓް ބެހެއްޓުމުގެ އުސޫލާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭ މާއްދާތަކެއް ބިލްގައި ވަނީ ހިމަނައިފަ އެވެ.
ބިލް އެކުލަވާލާފައިވަނީ ޑޮލަރު މާރުކުރަން ލާޒިމުވާ ޖުމްލަ އަދަދުގެ 0.05 ޕަސެންޓާއި 0.10 ޕަސަންޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި މާރުކުރަންޖެހޭ ދުވަހުގެ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ވެސް ޖޫރިމަނާ ހިނގާ ގޮތަށެވެ.
އެމްއެމްއޭއިން މިގޮތަށް ގަވައިދު ބަދަލުކޮށް އާންމުކުރުމުން ޓޫރިޒަމް ދާއިރާގެ ބޮޑެތި ބައެއް ވިޔަފާރިތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި ބައެއް ވިޔަފާރިތަކުން ވަނީ އެ ގަވައިދަށް އަމަލުނުކުރެވޭނެ ކަމަށް އެމްއެމްއޭއަށް އަންގާފަ އެވެ.