ނޯތު ހާބަރު ސަތަހައްދުގައި ހުންނަ ފުޑް ކޯޓްގެ ޔުނިޓްތައް ކުއްޔައް ދޭން އެސްޓީއޯއިން ހުޅުވާލައިފި އެވެ.
އެސްޓީއޯއިން އިއްޔެ ކުރި އިއުލާނުގައި ބުނީ، ހާބަރުގެ ފުޑް ކޯޓު ޔުނިޓް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕްރޮލޯސަލް ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި އެސްޓީއޯ ހެޑް އޮފީހަށެވެ.
މީގެ އިތުރުން، ފުޑް ކޯޓް ޔުނިޓް ކުއްޔަށް ދޫކުރުމާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ މިމަހުގެ 21ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.
މިއެއްބަސްވުމުގެ ދަށުން ފުޑް ކޯޓް ޔުނިޓެއް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ މުއްދަތަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރާތާ އެއް މަސްދުވަހުގެ ތެރޭގައި ޔުނިޓް ހަވާލުކުރާއިރު، ގްރޭސް ޕީރިއެޑްގައި ފީއެއް ދައްކާކަށް ނުޖެހެ އެވެ.
އެސްޓީއޯއިން ކުރި އިއުލާނުގައި ބުނީ ފުޑް ކޯޓް ޔުނިޓެއްގެ ކުލި އުޅެނީ އަކަފޫޓެއް 39ރ. ރޭޓުން ކަމަށެވެ. އަދި މީގެ އިތުރުން، ކުލީގެ އިތުރަށް މެއިންޓެނެންސް ފީގެ ގޮތުގައި ކޮންމެ އަކަފޫޓަކަށް 5.30ރ. ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުޑް ކޯޓް ޔުނިޓެއް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހަމަވަނީ މިމަހުގެ 22 ވަނަ ދުވަހުގެ 2:00ގެ ނިޔަލަށެވެ.