ކޮވިޑް-19ގެ ބަލިމަޑުކަމުން ޓޫރިޒަމްގެ ސިނާއަތަށްކުރި އަސަރާއެކު، ގެއްލުން ލިބުނު މެލޭޝިއާގެ ޓްރެވަލް އޭޖެންސީތަކުން މީގެ ކުރިން ވިއްކި ސަފާރީ ޓުއާތަކާއި ޕެރިިސް ފަދަ މަަންޒިލްތަކަށްކުރާ ދަތުރުގެ ބަދަލުގައި މޭވާ ވިއްކަން ފަށައިފި އެވެ.

މެލޭޝިއާއިން "އެޕަލް ވެކޭޝަންސް"ގެ ނަމުގައި ހިންގި ޓްރެވަލް އޭޖެންސީން ޕެންޑެމިކްގެ ކުރިން ކެންޔާގެ ސަފާރީތަކާއި ސައުތު ކޮރެއާއަށް ސްކީ ޓްރީޕް ފަދަ ޕެކޭޖްތައް ވިއްކި އެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މެލޭޝިއާގެ ބޯޑަރުތައް ބަންދުކުރުމުން ފަތުރުވެރިކަން އެއްކޮށް ހުއްޓި، އެ މީހުންނަށް ޖެހުނީ އެ ކުންފުނީގެ 200 އެއްހާ ޓްރެވަލް ޕެކޭޖް ސަސްޕެންޑް ކުރާށެވެ.

އެހިސާބުން އެ ކުންފުންޏަށް މަޖުބޫރުވީ ވިޔަފާރި ދެމެހެއްޓުމަށް އާ ގޮތްތަކެއް ހޯދުމަށެވެ.

"އެންމެ ފުރަތަމަ އަހަރެމެން ފެށީ ޖަޕާނާއި އޮސްޓްރޭލިއާ އަދި ކޮރެއާގެ ޕްރިމިއަމް މޭވާ ވިއްކުމަށް. އޭގެ ފަހުން ޖަޕާނުގެ ގިފްޓްތަކާއި ޖަޕަނީސް ވެގްޔޫ ބީފްއާއި ޑްރައިޑް ސްކެލޮޕްސް ވިއްކަން ފެށިން،" އެޕަލް ވެކޭޝަންސްގެ މެނޭޖިން ޑިރެކްޓާ ކޯ ޔޮކް ހެންގް ވިދާޅުވި އެވެ.

މީގެ އިތުރުން ހައްޖު އަދި އުމްރާ ދަތުރުތައް މެދުކެނޑުމުން އުމްރާ އަދި ހައްޖު ޓްރެވަލް އެސޯސިއޭޝަން (ޕާޕުހް)ގެ ދަށުގައި ތިބި ޓްރެވަލް އެޖެންޓުން ވަނީ ސައުދީ އިން އެތެރެކޮށްފައިވާ ކަދުރާއި ސެންޓާއި ކޭކު ފަދަ ތަކެތި ވިއްކުމަށް އޮންލައިން މާކެޓެއް ހަދާފަ އެވެ.

މި އޮންލައިން މާކެޓް ކޮންމެ ބުދަ ދުވަހު ފޭސްބުކުން ލައިވް ކުރެ އެވެ.

"އަހަރެމެން މި ވިޔަފާރިކުރަން ފެށީ ކޮވިޑް-19 ޕެންޑެމިކާއެކު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިއުމުން،" ޕާޕުހް ފޯ ބިޒްނަސްގެ ސެކްރެޓަރީ ޖެފްރީ ސުލައިމާން ވިދާޅުވި އެވެ.

މީގެ ކުރިން ކޮންމެ އަހަރަކު މެލޭޝިއާއިން 31،600 މީހުން ހައްޖަށް ފޮނުވަ އެވެ.

ޖެފްރީ ވިދާޅުވިގޮތުގައި ޑިމާންޑް ރަނގަޅު ކަމަށާއި އެންމެ ބޮޑަށް ވިކެނީ އަޖުވާ ކަދުރެވެ. އަދި މިހާތަނަށް 20 ޓަނުގެ ކަދުރު ވިކިފައިވާ ކަމަށް ޖެފްރީ ވިދާޅުވި އެވެ.

މި ސިނާއަތުގައި މަސައްކަތް ކުރާ މީހުން ދަނީ އެމީހުންނަށް ހާއްސަކޮށް ރެސްކިއު ޕްލޭނެއް ހެދުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

މި ޕެންޑެމިކާއި އެކު މެލޭޝިއާ އިން 95 ޓުއަރިޒަމް އިންޑަސްޓްރީ ވަނީ ބަންދުކޮށްފަ އެވެ. އަދި ގިނަ ޓްރެވަލް އެޖެންސީތަކުގެ އާމްދަނީއަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.

މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ 100 ބިލިއަން މެލޭޝިއާ ރިންގިޓްގެ ގެއްލުން ލިބިފަ އެވެ. --- ސްޓްރެއިޓް ޓައިމްސް